ads
ވިލުފުށީ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ
ވިލުފުށީ އެއާޕޯޓް ދެ އަހަރާ ބައިން، ހޮސްޕިޓަލް 18 މަހުން ނިންމާނަން: ރައީސް
މިއަދުން އިން ފެށިގެން 30 މަސްދުވަސް ތެރޭ ވިލުފުށީ އެއާޕޯޓުގެ މަސައްކަތް ނިމޭނޭ ކަމަށާއި 18 މަސްދުވަސްތެރޭ ހޮސްޕިޓަލުގެ މަސައްކަތް ނިމޭނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތ. ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައްޔިތުން ބޭނުންވާ ތަނުގައި އެއާޕޯޓު ތަރައްގީކުރުމަށް ބިންހިއްކުމުގެ މަސައްކަތް މިއަދު ރަސްމީގޮތުން ފައްޓަވައި، ގިނަވެގެން 30 މަސްދުވަސްތެރޭ، 1800 މީޓަރުގެ ރަންވޭއަކާ އެކު އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ނިންމަވާނޭކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" މަސައްކަތް ފެށި 2 އަހަރާ ބައިގެ ގެތޭގައި މުޅި މަސައްކަތް ނިންމާނަން. އެއަށްވުރެ ލަހެއް ނުވާނެ. މި އެއާޕޯޓް ހިންގުން ހަވާލުވެފަވަނީ އެއާޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްއާ. ކުންފުނިން ވަރަށް ފަރުވާތެރިކޮށް ތަރުތީބުން މަސައްކަތް ގެންދާނެ" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ވިލުފުށީ ހޮސްޕިޓަލުގެ މަސައްކަތްވެސް މިއަދު އަމަލީ ގޮތުން ފައްޓަވައި، ގިނަވެގެން 18 މަސްދުވަސް ތެރޭ، ފުރިހަމަ، ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި އެތަން ރަށާ ހަވާލުކުރައްވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

your imageތ. އަތޮޅަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން

ގެދޮރުވެރިކަމުގެ މައްސަލައަށް އިޝާރާތްކުރައްވަމުން، ނިމިފައިހުރި ހައުސިން ޔުނިޓުތަކަށް ފެނާއި ކަރަންޓާއި ނަރުދަމާގެ އިންތިޒާމު ހަމަޖައްސަވައި، ހައްގުވެރީން ކަނޑައެޅުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމަވާނޭކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި އަންނަ އަހަރު، ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ އިހްތިޔާރު ލިބޭގޮތަށް، 100 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއެއް ކުރިއަށްގެންދެވުމަށް ނިންމަވާފައިވާކަންވެސް އެމަނިކުފާނު އިއުލާން ކުރެއްވިއެވެ.

ސުނާމީ ކާރިސާއަށް ފަހު ހައްލު ނުވެ ދިގުލައިގެންގޮސްފައިވާ، ގެ އާއި ކޮޓަރި ލިބެންޖެހޭ މައްސަލަ، ފައިސާގެ ބަދަލު ދެއްވައިގެން ނަމަވެސް ހައްލުކުރެއްވުމަށް ސަރުކާރުން ތައްޔާރުކަމަށް ވިދާޅުވެ، ރައްޔިތުން އެދޭގޮތަކަށް އެކަން ތަންފީޒުކޮށްދެއްވާނޭކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، މިއަދު ބޭންކް އޮފް މޯލްޑިވްސް ގެ އޭ.ޓީ.އެމް ހިދުމަތް ފައްޓަވައިދެއްވައި، ބޭންކް އޮފް މޯލްޑިވްސް ވިލުފުށީ ބްރާންޗްގެ ބިންގާވެސް އަޅުއްވާނޭކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ މާރިޗު މަހު، އެ ބްރާންޗުގެ ހިދުމަތް ލިބޭނޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ކެމްޕަސްއެއް ވިލުފުށީގައި ގާއިމުކުރެއްވުމުގެ މަސައްކަތާއި، ރަށުގެ ބަނދަރު ފުންކޮށް، ފުޅާކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ރޭ ސޮއިކުރެއްވި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދަވާނީ، ރިންގް ރޯޑުވެސް ހިމެނޭ ގޮތަށް ކަމަށާއި، ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރުން، ފުޓްސަލް އަދި ހޭންޑްބޯލް ކުޅެވޭ ކޯޓެއްގެ މަސައްކަތް މި އަހަރު ފައްޓަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ސްޕޯޓްސް ފިޝިންއަށް ބޭނުންވާ ކަނދުފައްޗެއް އަޅުއްވައިދެއްވާނޭކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ޢުމްރާނީ ގިނަ މަޝްރޫއުތަކެއް ރޭވިފައިވާތީ ވިލުފުށީގައި ޕަބްލިކް ވަރކްސް ޔުނިޓެއްވެސް ގާއިމުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް