އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ފޮނުއްވި ވީޑިއޯ މެސެޖެއްގަ އެވެ.
ތޯރިގް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަކީ ގެއްލުންތައް ކުޑަ، އަދި ލިބޭ ގެއްލުންތަކަށް އަވަހަށް އަރައިގަންނަ، ދެމެހެއްޓެނިވި ދާއިރާއަކަށް ވެސް ހަދަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ރާއްޖެއަކީ ދެމެހެއްޓެނިވި އަދި އެންމެން ޝާމިލުވާ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ދެމިއޮތުމަށް ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުން އުމްރާނީ ގޮތުންނާއި އީޖާދީ އަދި މާކެޓިން ދާއިރާއިން އިންވެސްޓް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރުގެ ވޯލްޑް ޓޫރިޒަމް ޑޭގެ ޝިއާރަ އަކީ "ޓޫރިޒަމް އެންޑް ސަސްޓެއިނަބަލް ޓްރާންސްފޮމޭޝަން" އެވެ.
ރާއްޖެ އަށް ޓޫރިޒަމް ތައާރަފުވީ 1972 ގަ އެވެ. އަދި މިހާރު ރާއްޖެ ހިމެނެނީ އެ ދާއިރާ އިން ދުނިޔޭގެ އެންމެ މަޝްހޫރު އެއް މަންޒިލުގެ ތެރޭގަ އެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކާއި ސަފާރީތައް އޮޕަރޭޓް ކުރަމުން އަންނަ އިރު، ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް، އިޝްތިހާރު ކުރަން ގިނަ މަސައްކަތްތަކެއް އަބަދު ވެސް ކުރެވެ އެވެ.
ތަފާސްހިސާބުތަކާ ހަވާލާދީ މިނިސްޓަރުގެ ވާހަކައިގައި އިތުރަށް ފާހަގަކުރެއްވީ، މިދިޔަ އަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ހޯދި އާމްދަނީ 1.6 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށެވެ. އަދި، މިދިޔަ އަހަރަށް ވުރެ މިއަހަރު ފަތުރުވެރިން އެކި ގައުމުތަކަށް ދަތުރުކުރާ މިންވަރު ތިނަކާއި ފަސް އިންސައްތައަށް އިތުރުވާނެ ކަމަށް ލަފާކުރެވޭކަމަށާއި އެ ކުރިއެރުން ރާއްޖޭން ވެސް ފެންނަމުންދާ ކަމަށް ތޯރިގު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް މިހާރު ހިންގަމުންދާ 1،254 ޓޫރިސްޓް ފެސިލިޓީއެއްގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 65،143 އެވެ.
މީގެ ތެރޭގައި 174 ރިސޯޓުގައި ހުރި 43،247 އެނދާއި، 903 ގެސްޓުހައުސްގައި ހުރި 15،494 އެނދާއި، 161 ސަފާރީގައި ހުރި 3،918 އެނދުގެ އިތުރުން 16 ހޮޓެލްގައި ހުރި 2،484 އެނދު ހިމެނެ އެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަމަށް 1،271 ތަނެއް ދިޔައީ ބޭނުންކުރަމުންނެވެ. އޭރު ހުރި އެނދުގެ އަދަދަކީ 63،248 އެވެ.
ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 1.59 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މީގެ ތެރެއިން އެއް މިލިއަން ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ.