ads
ނޭނގި ހިތް ގެއްލުނީ - 29 ވަނަ ބައި
އެޕިސޯޑް 29
Advertisement

ޝައްޔާންގެ އަޑު އިވުމާއެކު އަމާރާގެ ހިތުގައި އޮތް ބަރުކަން، ލުއިވެއްޖެ އެވެ. ބޮލުގައި އަޅަމުންދިޔަ ވޭން ލުއި ވެއްޖެ އެވެ.

'އަލްހަމްދު ލިއްލާހި އެވެ' ހިތާއި ހިތުން އަމާރާ ކިޔައިލި އެވެ.

ޝައްޔާންގެ ހާލަތު ގޯހެއް ނޫނެވެ.

ނަމަވެސް އަމާރާގެ ހިތްހަމައެއް ނުޖެހުނެވެ.

"ހަމަމިވަގުތު ޝައްޔާން ދެކިލަން ބޭނުން..! ވީޑިއޯ ކޯލް..؟ ޕްލީޒް..؟" ނުތަނަވަސްކަމާއެކު އަމާރާ އެދުނެވެ.

"މިސް މީ ދެޓް މަޗް..؟" ޝައްޔާންގެ އާދައިގެ މަތިން ބުނެލި އެވެ.

"ޝައްޔާން..!!" އިންޒާރުގެ ރާގުގައި އަމާރާ ކުރިމަތިލި އެވެ.

"އޯލްރައިޓް..! އޯލްރައިޓް..! ރިލެކްސް..!"

ހިނދުކޮޅެއް ނުނެގި އެވެ. ފޯނުގެ ސްކްރީނުން ފެންނާން އިނީ ޝައްޔާން އެވެ. ހޮސްޕިޓަލުގެ އެނދުގައި އިށީންދެލައިގެންނެވެ.

އަތުގައި އޮތީ 'ސްލިންގް' އަޅުވާފަ އެވެ.

ބޮލުގެ އިސްތަށިގަނޑު ހޭވި، ޝައްޔާންގެ ދޮން މޫނުވަނީ ރަތްވެފައި އެވެ.

ފެންކަޅިވެހުރެ، ގަދަކަމުންވެސް ހިނިތުންވެވޭތޯ އަމާރާ މަސައްކަތްކުރި އެވެ.

"ހެޕީ ނައު..؟" ހިނިތުންވެފައި ޝައްޔާން ސުވާލުކުރި އެވެ.

އަމާރާގެ ނުތަނަވަސްކަމާއި އައިސްފައި ހުރި ރުޅި ބުރައިގެން ހިނގައްޖެ އެވެ. ހާއްސަ ނަޒަރަކުން ޝައްޔާންއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ފެންނަމުންދިޔައީ ހުވެފެނެއް ނޫންކަން އެނގިހުރެ އެވެ.

"ޝައްޔާން..!! ހެވިފައި ތި އެނދުގައި ހަމަޖެހިގެން ތި އިންނަނީ އެހެން މީހެއްގެ ހާލު ހިތަށްވެސް ނާރާތީ ދޯ..!" އަމާރާގެ 'ވޯނިންގ' އިނގިލި ދައްކާލަމުން ބުންޏެވެ.

"ދެން ރޯންވީތަ..؟ މި އަތަށް ވާ ތަދު ހިތަށް އަރާތަ..؟ ޝަކުވާ ފަށަންވީތަ..؟" ކުޑަކުއްޖަކު ފަދައިން ޝައްޔާން ތުން ދަމާލި އެވެ.

"މާ ޑްރާމާ ވެގެން ނޫޅޭ..!" ޝައްޔާންގެ އަތާއި މޫނަށް ރަގަޅަށް ބަލައިލަމުން އަމާރާ ބުނެލި އެވެ.

"އަތް ކިހިނެއް..؟ ޑޮކްޓަރުން ކީކޭ ވިދާޅުވީ..؟" ހިމޭންކަމާއެކު އަމާރާ ސުވާލުކުރި އެވެ.

"ބިނދިފައެއް ނޫން.. ހުޅުން ނެއްޓިފައި..! ދުވަސްކޮޅަކު ރެސްޓްކޮށްލީމައި އޯކޭވާނެ..!" ހަމަޖެހިލާން މަސައްކަތްކުރަމުން ޝައްޔާން ބުންޏެވެ.

ފުންނޭވާއެއް އަމާރާ ދޫކޮށްލީ، ނޭވާ ނުލައި އެތަށް އިރަކު ހުރި މީހަކު ފަދައިންނެވެ.

"ބަލާބަލަ..! އަހަރެން ސަލާމަތްކުރަން، ޓިކެޓް ނަގައިގެން ލަންޑަންއަށް އައުމުގެ ބޭނުމެއްވެސް ނެތެއްނުން.." އެއްމިޔަކަނުން ހިނިއައިސްފައި ޝައްޔާން ބުނެލި އެވެ.

"އައި ވޯޒް ސީރިއަސް، ޝައްޔާން..! ފޯނުން ދިމާނުވިނަމަ އަހަރެން ދާނަން..!" ޔަގީންކަމާއެކު އަމާރާ ބުންޏެވެ.

"އާވްވްވްވވ... އަހަންނަށްޓަކައި ކަނޑުތައް ހުރަސްކޮށްފައި އަންނާންޖެހުނަސް، އަހަރެންގެ ކަޕްކޭކް ތައްޔާރު ދޯ..؟" ދިމާކޮށްލުމަށް ބުންޏަސް، ޝައްޔާންގެ ހިތުގެ އަޑު އަމާރާއަށް އިވުނެވެ.

ލަދުން ރަތްވެ، އިސްޖަހައިލަން އަމާރާއަށް މަޖުބުރުވީ ޝައްޔާންގެ ބެލުން ތޫނު ހަންޖަރަކަށްވުރެން ބާރުގަދަވީތީ އެވެ.

"ޝަޓް އަޕް!" އިސްޖަހައިލަމުން އަމާރާ ބުންޏެވެ.

"އެއްބަސްވޭ ފުންގުޑީ، ޔޫ މިސްޑް މީ!"

"ގުޑް ނައިޓް ޝައްޔާން..!"

"ނޯޕް... ސޭ އިޓް ފަސްޓް!"

"ފައިން..! ހާސްވެ ކަންބޮޑުވީ ޝައްޔާންއަށް ވީ ގޮތެއް ނޭގޭތީ..! ނައު ހެޕީ..؟" އެހެން ގޮތެއް ނެތުމުން އަމާރާ ބުނެލި އެވެ.

ނަމަވެސް ޝައްޔާންގެ ސުވާލަށް ސީދާ ޖަވާބު ދިނުމަށް މިފަހަރުވެސް ނުސީދާކޮށް އަމާރާ އިންކާރުކުރީ އެވެ. 

ހިނިއައިސްފައި ފޯނުގެ ސްކްރީނާއި ޝައްޔާން ނުހަނު ގާތްވެލައިފި އެވެ.

"އެންޑް..؟" އިތުރަށް އަޑުއަހަން ޝައްޔާން ބޭނުމެވެ.

"އެންޑް ނަތިންގ!" އިސްޖަހައިލަމުން އަމާރާ ބުނެލީ އޭނާގެ ހިނިތުންވުން ފޮރުވާން މަސައްކަތްކުރަމުންނެވެ. 

"ދޮގުވެރި އިންސާނާ..!" ޝައްޔާން ބުނެލީ ބުމަ މައްޗަށް ހިއްލާލާފައި ލޯބިގޮތަކަށް ބޯ އަރިކޮށްލާފަ އެވެ.

"ޖަސްޓް ޓޭކް ކެއަރ އޮފް ޔޯ ސެލްފް..، އޯ-ކޭ..؟" އޯގާތެރިކަމުން ފުރިގެންވީ ބުނެލުމެކެވެ.

"އައި ވިލް..!" އިތުރަށް ފަރުވާތެރިވާނެކަމަށް ޝައްޔާން ވައުދުވި އެވެ. 

ނަމަވެސް މޫނުމަތީގައިވީ ހިނިތުންވުން ފިލައި ހިނގައްޖެ އެވެ. 

ހިމޭންކަމުގެ ވަގުތުކޮޅެކެވެ. 

އެކަކު އަނެކަކަށް، މާނައިން ފުރިގެންވީ ބެލުމަކުން ބަލައިލި އެވެ. ބަސްމޮށުންތެރިކަމެއް ބޭނުން ނުވާ، ޖަޒްބާތުން ފުރިގެންވީ ބެލުމެކެވެ. އެކަކު އަނެކެއްގެ ލޮލުގެ ރިހުމާއި،ބުނުން ދެނެގަތުމުގައި ދެމީހުންވެސްވަނީ ޕީއެޗްޑީ ހަދާފައިހެން ހީވެ އެވެ.

"ފައިން، ފަހަރެއްގައި... ކުޑަކުޑަކޮށް.. އައި މިސްޑް ޔޫ..!" ލަދުން ރަކިވެފައި އަމާރާ ބުނެލި އެވެ. 

ޝައްޔާންގެ ވިންދެއް ނެތް މަސްގަނޑަށް ކުއްލިޔަކަށް ދިރުން ލިބުނު ފަދަ އެވެ. ހިނިތުންވުމުގެ ފުރިހަމަކަމުން ލޮލުގެ ވިދުން ގަދަވި އެވެ.

"ނިއު އިޓް!!!" ކުޑަކުއްޖަކު ފަދައިން އެނދުމަތީގައި ޝައްޔާން ފުންމައިގަތެވެ.

"ގުޑްނައިޓް" ހިނިތުންވެފައި އަމާރާ ބުނެލި އެވެ.

"ސްވީޓް ޑްރީމްސް، ކަޕްކޭކް!" އެއް ލޯ މަރައިލަމުން ޝައްޔާން ބުނެލި އެވެ.

އިތުރު އެއްޗެއް ބުނުމުގެ ފުރުސަތެއް ނުދީ ޝައްޔާން ފޯނުކަނޑާލައިފި އެވެ. އަޑުއިވޭވަރަށް ބާރަށް ތެޅެމުންދިޔަ ހިތަކާއެކު އަމާރާ ހުއްޓުން އަރާފައިހުރީ ފޯނު ސްކްރީނުން ލޯ ދުރަށްލާން ނޭގިފަ އެވެ.

.............

މުޅި ހަށިގަނޑު ނިވާވާނެފަދަ  ވިލު ނޫ ކުލައިގެ ނަލަ ހެދުމެއްގައި އަމާރާ ހުރީ، ފެންނަމުންދިޔަ މަންޒަރުގެ ތެރެއިން ޝައްޔާން އޭނާގެ ލޮލާއި އަމާޒުވާނެ ވަގުތެއްގެ އިންތިޒާރުގަ އެވެ. 

ނޫސްވެރިންނާއި ފިލްމް އުފައްދާ ފަރާތްތަކާއި ހަށިގަނޑުގެ ބައެއް ވަނާތައް ހާމަވާނެފަދައިން ވަގުތާއި ހާލަތާއި ނުބައްދަލު ހެދުންތަކުގައި ހަރަކާތްތެރިވަމުންދިޔަ ބައެއް ފިލްމް ސްޓާރުންނާއި ޒުވާން އަންހެންކުދިންގެ ހަރަކާތްތައް އަމާރާއަށް ކަމަކު ނުދިޔަ އެވެ. 

މަންޒަރު ބަލަން ދުރުގައި ހުރުން ފިޔަވައި އަމާރާއަށް ކުރެވޭނެ އެއްކަމެއްވެސް ނެތެވެ. ބޯޓު ޖެއްސިތާ ކިތަންމެ އިރެކެވެ. ފްލައިޓުން ދަތުރުކުރި އެތައްބަޔަކު ނިކުމެގެން އެމީހުންގެ މަންޒިލްތަކަށް ހިނގައްޖެ އެވެ. އަދިވެސް ޝައްޔާން ނުފެނެ އެވެ.

އަޅައިގެން ހުރި އަވި އައިނު ރަގަޅުކޮށްލާފައި އަމާރާގެ ތޮފި މޫނުމައްޗަށް ފަރުދާކުރެވެން އޮތް އެންމެ ބޮޑަކަށް ކޮށްލާފައި އެއްވެފައިވާ މީހުންނާއި، ކުރިއަށްވުރެން ގާތްވެއްޖެ އެވެ. މާހައުލުގެ ހަލަބޮލިކަން އިތުރުވުމުންނެވެ.

ފެންނަ ފެނުމަށް ޝައްޔާން ނިކުންނަނީ އެވެ. އެކަމުގެ ހަބަރު ކޮންމެވެސް މީހަކަށް ނުވަތަ ބަޔަކަށް ލިބުނީ އެވެ. މީހުންގަނޑުގެ ތެރެއިން އަމާރާއަށް ކުރިއެއް ނުލިބި އުޅެނިކޮށް ފެނުނީ، ނިކުން ގޭޓާއި ދިމާއަށް އެންމެން އެކުގައި ކަހަލަގޮތަކަށް ދުއްވައިގެން މަންޒަރެވެ. 

ވަގުތު ބަލާފައި އެކަހެރި ދިމާއަކަށް އަމާރާ ގާތްވެލައިފި އެވެ. މަޑުމަޑު ކްރީމްކުލައެއްގެ ހޫޑީއެއްގައި ކަޅު އަވިއައިނެއް އަޅައިގެން ޝައްޔާން ކިތަންމެހާވެސް ފުރިހަމަ އެވެ.

އާދައިގެ މަތީން ތުނބުޅި އެއްވަރުކޮށްލާފައިވަނީ އޭނާގެ ދޮންމޫނާއި ވަރަށް ގުޅޭ 'ސްޓައިލަކަށެވެ' އަމާރާގެ މޭގައި އަތް އަޅައިލެވުނުނެވެ. އުފާވެރިކަމުގެ ވިންދަކުން އެ ހިތަށް ދިރުމެއް ލިބިއްޖެކަން އިހްސާސްވުމުންނެވެ. 

އެތަށް ބައެއްގެ ތެރެއިން ޝައްޔާންއާއި ހަމައަށް ވާސިލްނުވެވޭނެކަން އަމާރާއަށް ޔަގީންވެ އެވެ. ނަމަވެސް ލޮލުން ދެކިލުމުގެ ނަސީބު ލިބުނީތީވެ، ﷲތައާލާގެ ހަޒްރަތަށް އަމާރާ ޝުކުރުވެރިވި އެވެ. ލޮލުން ވެއްޓުނު ކަރުނަތިކި ސިއްރުން ފޮހެލާފައި އަމާރާ ފަސްއެނބުރުނީ އެވަގުތަށްޓަކައި 'އެވަރުވެސް' ފުދިއްޖެކަމަށް ނިންމާފަ އެވެ.

ނަމަވެސް ދެފައިގައި ކުއްލިޔަކަށް މީހަކު ހިފެހެއްޓިހެން ހީވުމުން އަމާރާ ހުރިތަނަށް ގަނޑުވި އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް