ރައީސް އޮފީހުން ދާދި ދެންމެއަކު ބުނީ ވަޒީރުންގެ މަޖިލީހުން ނިންމާފައި ވަނީ އައްޑޫ ފޭދޫ އާއި ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތައް ހެދުމާ ގުޅޭ ގޮތުން އާންމުންގެ ވޯޓަށް އެހުމަށް ކަމަށެވެ. އަދި އެ ވޯޓުގައި އައްޑޫ ހުޅުދޫ އާއި މީދޫގެ ކައުންސިލް އެއްކޮށް ހިންގަން ފެނޭތޯ ވެސް ހިމަނަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫގެ އެކި ރަށްރަށުގެ އިހުތިސާސަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީ އާއި އައްޑޫގެ ކަންކަން އެނގޭ ފަންނީ މާހިރުންގެ ޓީމެއް އެކުލަވައިލައި ރަށްރަށުގެ އިހުތިސާސްއާ ގުޅޭ މަސައްކަތްތަކެއް ފެށުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން އިތުރަށް ބުނިގޮތުގައި އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ހައްގު ލިބިފައިވާ އެންމެން ބައިވެރިވާ ގޮތަށް، މި ވޯޓު ކުރިއަށްގެންދިއުމަށް ނިންމަވާފައިވަނީ، މި މަހުގެ 24 އަދި 25 ވާ ހަފުތާބަންދުގެ ތެރެއިން ދުވަހެއްގައި ކަމަށެވެ.
އައްޑު އަތޮޅުގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އާއި މީދޫން ވަރަށް ގިނައިން އެ ދެ ރަށުގައި ވަކިން ރަށު ކައުންސިލެއް އޮންނަން ބޭނުންވެގެން އެ ވާހަކަ ދޭތެރެއަކުން ދައްކަ އެވެ.
މިހާރު އައްޑޫ އަތޮޅުގެ ލާމަރުކަޒީ ހިންގުން އޮންނަނީ އެ ދެ ރަށާއި ގުޅިފައިވާ ހަތަރު ރަށް ވެސް ހިމެނޭ ގޮތަށް މުޅި އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގާ ގޮތަށެވެ.
އައްޑޫ ސިޓީ ކައުންސިލް އޮންނަންވީ ގޮތާ ގުޅޭ ގޮތުން ނަގާ ވޯޓަކީ، ފެންނަ ނުފެންނަ ވޯޓު ނެގުމާ ގުޅޭ ގޮތުން ހަދާފައިވާ އާ ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓަށް ވާނެ އެވެ.
ކައުންސިލް އޮންނަންވީ ގޮތާ ގުޅޭ ގޮތުން ވޯޓަށް އަހާއިރު، ފޭދޫގެ އާބާދީއަކީ 5،810 މީހުންނެވެ. ހުޅުދޫގައި 3,742 މީހުން ދިރިއުޅޭއިރު، މީދޫގައި އަންނަނީ 3،074 މީހުން ދިރިއުޅެ އެވެ.
އައްޑު އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގުމުގެ ބަދަލުގައި ވަކިވަކި ކައުންސިލްތައް ހަދައިގެން "އައްޑޫ ރުޅާލަން" ރައީސް މުހައްމަދު މުއިއްޒު އުޅުއްވަނީ އައްޑޫއަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދޭނެކަން ޔަގީންވުމުން ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވަނީ ވިދާޅުވެފަ އެވެ.