މިނިސްޓްރީން ވަނީ މި ޕޫލުގައި ބައިވެރިވުމުގެ ފުރުސަތު ދީނީ އިލްމުވެރިންނަށް ހުޅުވާލާފައެވެ. މިކަމަށް ސައުގުވެރިވާ ފަރާތްތަކުން އަންނަ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީގައި ނަންނޯޓުކުރުމަށް އެދިފައިވެއެވެ.
މިއީ އިސްލާމީ އިލްމީ މުހިންމު ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކުރުމަށް އިސްލާމިކް މިނިސްޓްރީން ފަށާފައިވާ ބޮޑު މަޝްރޫއެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން މިދިޔަ އަހަރު ވަނީ ފޮތެއް ތަރުޖަމާކޮށް ނެރެފައެވެ. އެއީ ޑރ. ވަހުބާ އައްޒުހައިލީ ލިޔުއްވާފައިވާ "އިސްލާމްދީނުގައި އިންޓަނޭޝަނަލް ގުޅުންތައް" މި ފޮތެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ދިވެހި ބަހުން އިސްލާމީ އިލްމުގެ މައުލޫމާތު މުއްސަނދިކުރުމެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން އިސްލާމީ ޝަރީއަތާއި، އިސްލާމިކް ސްޓަޑީޒްގެ ދާއިރާއިން ކިޔަވާ ދަރިވަރުންނާއި، ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނަށް ބޭނުންވާ މުހިންމު ފޮތްތައް ތަރުޖަމާކުރާނެއެވެ. ދީނީ އިލްމު ފެތުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރޭގައި، މި އަހަރު ސަލްމާން މިސްކިތުގައި 10،000 އަށްވުރެ ގިނަ ފޮތް ހިމެނޭ ބޮޑު ލައިބްރަރީއެއް ހުޅުވުން ހިމެނެއެވެ. އަދި ރާއްޖޭގެ ހުރިހާ އިސްލާމީ މަރުކަޒެއްގައި މި އަހަރު ތެރޭ ލައިބްރަރީ ގާއިމުކުރާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.