އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވީ، ދިވެހި ސަރުކާރަށް 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ) އިއްޔެ އިން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ދައްކަން އެގްޒެކިއުޓާސް ކުންފުންޏާއި އެ ކުންފުނީގެ ހިއްސާދާރުންގެ މައްޗަށް ދުބާއީގެ ކޯޓުން އިއްޔެ އަމުރެއް ނެރެފައިވާ ކަމަށެވެ.
އަދި އެ އަމުރަށް ތަބާނުވެއްޖެ ނަމަ ދެން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.
ވެންޓިލޭޓަރުތައް ހޯދަން ފެބްރުއަރީ 2020 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެލްތު މިނިސްޓްރީ އާއި އެގްޒެކިއުޓާސްއާ އެކު ހެދި އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައިވާތީ އެ މައްސަލަ ދުބާއީގެ ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.
އެ މައްސަލަ ދުބާއީގެ ކޯޓަށް ދިވެހި ސަރުކާރުން ހުށަހެޅީ އާބިޓްރޭޝަނުން އަމުރު ކުރުމުން ވެސް ފައިސާ ނުދެއްކުމުންނެވެ.
ރާއްޖެ އިން އެދުނީ އެގްޒެކިއުޓާސް އިން ފޯރުކޮށްނުދޭ ވެންޓިލޭޓަރުތަކުގެ އަގަށް ވާ ފައިސާ އާއި ވެންޓިލޭޓަރުތައް ގެނެސް ދީފައި ނުވާތީ ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
އެ މައްސަލާގައި އާބިޓްރޭޝަނުން ކުރިން އަންގާފައިވަނީ ބަދަލާ އެކު، އާބިޓްރޭޝަނަށް ދައްކަން ޖެހޭ ފައިސާއާ އެކު 32 މިލިއަން ރުފިޔާ އެ ކުންފުނިން ދިވެހި ސަރުކާރަށް ދޭންޖެހޭނެ ކަމަށެވެ. އަދި އެ އެންގުމާ އެއްގޮތަށް އަދިވެސް ފައިސާ ނުދައްކާތީ ދެވަނަ ފަހަރަށް އަމުރު ނެރުނީ ޖޫރިމަނާ ހިމަނައިގެންނެވެ. އެހެންވެ، ދިވެހި ސަރުކާރަށް ލިބެންޖެހޭ ފައިސާގެ އަދަދު 37 މިލިއަން ރުފިޔާ އަރައެވެ.
މި ސަރުކާރުގެ ބަންޑާރަ ނައިބު އުޝާމް ކުރިން ވިދާޅުވެފައިވާ ގޮތުގައި، އާބިޓްރޭޝަން ކުރިއަށް ދިޔައިރު ވެސް އެ ކުންފުނި ވީ ތަން ނޭނގެ އެވެ. އަދި އެއްވެސް ބަޔާނެއް ވެސް ހުށަހަޅާފައި ނުވެ އެވެ. އެ ކުންފުންޏަކީ ދުބާއީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށް ވާތީ، ދުބާއީގެ ކޯޓުތަކަށް އެ މައްސަލަ ހުށަހެޅީ އެވެ.
ކޮވިޑްގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑުވިއިރު 75 ވެންޓިލޭޓަރު ހޯދުމަށް، ބޭންކް ގެރެންޓީއަކާ ނުލައި ދިވެހި ސަރުކާރުން އެ ކުންފުންޏަށް 34 މިލިއަން ރުފިޔާ ދިނެވެ. އެއްފަހަރާ އެހާ ބޮޑު އަދަދެއް ދޫކުރިއިރު، ވެންޓިލޭޓަރު ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރިތޯ ވެސް ނުބަލަ އެވެ. ކުންފުންޏާ ބެހޭ އެއްވެސް ތަފްސީލެއް ހޯދާފައި ނުވާކަން އޮޑިޓް ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން އެނގެ އެވެ. އެކަމަކު، އެއްބަސްވި ގޮތަށް އެ ކުންފުނިން ވެންޓިލޭޓަރުތަކެއް ނުފޮނުވަ އެވެ.
ވެންޓިލޭޓަރުތަކުގެ ފުރަތަމަ ޝިޕްމަންޓްގެ ބައެއް އެގްޒެކިއުޓާސް އިން ރާއްޖެއަށް ފޮނުވި ނަމަވެސް، އެ ބޭނުމެއް ނުކުރެވުނެވެ. ބާކީ ވެންޓިލޭޓަރުތައް ހަވާލުނުކުރުމުން ހެލްތު މިނިސްޓްރީން އެންގީ 31 މިލިއަން ރުފިޔާ އަނބުރާ ރައްދުކޮށްދިނުމަށެވެ. އެކަމަކު އެ ފައިސާ ވެސް ނުދިނެވެ.