އައްޑޫ ސިޓީގެ މި 3 ރަށުގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓަށްވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން މީޑިއާ ތަކާއި ވާހަކަ ދައްކަވަމުން ޒާހިދު ވިދާޅުވީ، ހޮނިހިރު ދުވަހުގެ ވޯޓާގުޅިގެން ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓްރީވާން ހުޅުވާލި މުއްދަތުގެ ތެރޭގައި ޖުމްލަ 255 މީހަކު އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށެވެ.
އޭގެ ތެރެއިން 248 މީހެއްގެ ރީ-ރަޖިސްޓްރޭޝަން ޕްރޮސެސް ނިމިފައިވާކަމަށާއި، މިކަމުންވެސް ރައްޔިތުންގެ ޝައުގުވެރިކަން މި ވޯޓަށް އޮތް މިންވަރު ހާމަވެގެންދާކަމަށް އިލެކްޝަންސްގެ ރައީސް ވިދާޅުވި އެވެ.
އިންތިހާބުގެ ވޯޓްލުން އޮންނާނީ އަންނަ އަހަރުގެ މާރިޗުމަހުގެ 28 ވަނަ ދުވަހުކަމަށް އީސީގެ ރައީސް ޒާހިދު ވިދާޅުވިއެވެ.
އަދި އިންތިހާބަށާް ކުރިމަތިލުމަށް އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ހުޅުވާލާނެކަމަށްވެސް ޒާހިދު ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކެންޑިޑެސީ މިފަހަރު ހުށައަޅަން ޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށްކަމަށް އީސީގެ ރައީސް ޒާހިދު ވިދާޅުވި އެވެ. އަދި މިއީ އިދާރީ އިންތިޒާމްތައް ފަސޭހަކުރުމަށާއި ހަރަދުކުޑަކުރުމަށް އެޅި ފިޔަވަޅެއްކަމަށްވެސް ޒާހިދު ވިދާޅުވި އެވެ.
މީގެއިތުރުން އެޕޯޓަލަށް މީހުން ފަރިތަކުރުމަށް ދުރާލާ މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ޒާހިދު ވިދާޅުވި އެވެ.
މިފަހަރުގެ އިންތިހާބުގެ އިދާރީ މަސައްކަތްތަކަށް 270 ވަރަކަށް މުވައްޒަފުން ބޭނުންވާކަމަށާއި، އިންތިހާބުގެ ޓާސްކްފޯހަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް އަތޮޅު ކައުންސިލްތައް އުވާލާ ކައުންސިލަރުން ގެ އަދަދު މަދުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.