ދުވަސްތަކަކަށްފަހު ހަސަންގެ އިލްތިމާސެއް އައިސްފައި މިވަނީ އައްޑޫ ސިޓީގެ ތިން ރަށް ކަމަށްވާ ފޭދޫ، ހުޅުދޫ އަދި މީދޫގައި ރަށު ކައުންސިލް ހެދުމަށް ފެނޭތޯ މިމަހުގެ 25 ވަނަ ދުވަހު އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހަމަޖެހިފައި ވަނިކޮށެވެ.
ވޯޓާ ދިމާކޮށް ހަސަން ސައީދު އާންމުކުރެއްވި ސިޓީއެއްގައި ވިދާޅުވީ މިވަގުތު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއް ނުވަތަ އަތޮޅެއްގައިވެސް އަމިއްލަ ފަރާތަކުން ހިންގާ އެންމެ ބޮޑު މަޝްރޫއު ހިންގަނީ އައްޑޫގައި ކަމަށާއި އެއީ 1،000 ޓޫރިސްޓު އެނދު އުފެއްދުމުގެ މަޝްރޫއު ކަމަށެވެ.
އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ބޭފުޅެއްގެ ހައިސިއްޔަތުން ހަސަން ވިދާޅުވީ އަންނަ އަހަރު ފޭދޫގެ ޓޫރިޒަމް ޒޯނުގައި އެކަނިވެސް 536 ޓޫރިސްޓް އެނދާއި ރާއްޖޭގެ އެންމެ ބޮޑު އެއް ރެސްޓޯރަންޓާއި ޖިމްނޭޒިއަމްގެ އިތުރުން ސްޕާ އާއި ޑައިވިން ސެންޓަރާއި ވޯޓާ ސްޕޯޓްސް ފަދަ ހިދުމަތްތައް ލިބެން ހުންނާނެ ކަމަށެެވެ.
އޭނާ ވިދާޅުވި ގޮތުގައި، އައްޑޫގައި ނަގަން މަސައްކަތްކުރާ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން އެ މަސައްކަތަށް ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން:
ހަސަން ވިދާޅުވި ގޮތުގައި 20 އަހަރު ކުރިން އެ އަތޮޅުގައި ދެ ރިސޯޓު ހުޅުވާ ހިދުމަތް ދިނަސް އެތަންތަން މިހާރު ވަނީ ބަންދުކޮށްފަ އެވެ. މިވަގުތު މުޅި އަތޮޅުގައި ވެސް ހިދުމަތް ދެމުންދަނީ އެންމެ ރިސޯޓަކުންނެެވެ. އަދި 2005 ގައި އެންމެ 75 ކޮޓަރި އަޅަން އެވޯޑުކުރި ހަންކެޑެ ވެސް އަދިވެސް ތަަރައްގީ ނުކުރެވޭ ކަމަށާއި އަދި ރިސޯޓު ހެދުމަށް ހިއްކި ރަށަކަށް ޝައުގުވެރިވާނެ ފަރާތެއް ވެސް ނެތް ކަމަށް އެ ސިޓީގައިވެ އެވެ.
އެހެންވެ، ގޮންޖެހުންތަކާއެކު ވެސް އަތޮޅު ކުރިއެރުވުމަށް ބަޔަކު މަސައްކަތް ކުރަމުން ދާއިރު އެކަމަށް ހައްލު ހޯދަން މަސައްކަތްކުރުމުގެ ބަދަލުގައި ރަށްރަށާއި އަވަށާއި މީހުން ޖެހި، ޒުވާބުކޮށް މާރާމާރީ ހިންގާ ހިސާބަށް ގެންދަން އުޅެނީ ކޮން ކަމެއް ނުވެގެންތޯ ހަސަން ސުވާލު އުފެއްދެވި އެވެ.
އައްޑޫގެ ރަށްތައް ކައުންސިލުން ވަކިވާ ވޯޓު ނަގަނީ ފޭދޫގެ އިތުރުން ހުޅުދޫ އާއި މީދޫގަ އެވެ. މި ހުރިހާ ރަށެއްގައި ވޯޓު ނަގަނީ ސިޓީ ކައުންސިލުން ވަކިވެ، އަމިއްލަ ރަށު ކައުންސިލެއް އުފައްދާށެވެ.
މި މަހު 25، ގައި ނަގާ މި ވޯޓުގައި ފުރަތަމަ ހިމެނުނު ހުޅުދޫ އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގަން ފެނޭތޯ އޮތް ސުވާލު ރައީސް މުހައްމަދު މުއިއްޒު މިހާރު ވަނީ އުނިކުރައްވައިފަ އެވެ. އެހެންކަމުން މި ވޯޓުގައި ދެން ހިމެނޭނީ ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމު ކުރުމަށް ފެނޭތޯ އާއި ފޭދޫގައި ވަކި ކައުންސިލެއް ގާއިމު ކުރުމާ ބެހޭ ސުވާލުތައް އެކަންޏެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އައްޑޫ އާންމު ވޯޓުގައި 11 ވޯޓު ފޮށްޓެއް އައްޑޫގައި ބަހައްޓާއިރު، ހަތް ވޯޓު ފޮށްޓެއް މާލޭގައި ބަހައްޓާނެ ކަމަށެވެ. މާލޭގައި ވޯޓު ފޮށިތައް ބަހައްޓަނީ ކަލާފާނު ސްކޫލުގަ އެވެ.
އީސީން ބުނީ، ވޯޓުލާން ދާންޖެހޭ ތަން VR (Space) NID No ޖެއްސެވުމަށް ފަހު 1414 އެސްއެމްއެސް ފޮނުއްވައިގެން ނުވަތަ ކޮމިޝަންގެ ވެބްސައިޓު މެދުވެރިކޮށް ބެލޭނެ ކަމަށެވެ.