އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފޮނަދޫ ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު އަމިއްލަ މީސްމީހުންގެ ކުންފުނިތަކަށް ދައްކަން ޖެހިފައިހުރި އެތައް ހާސް މިލިއަން ރުފިޔާއެއްގެ ބިލުތައް ހުރީ ފުނިޖެހިފައި ކަމަށެވެ. އެ ހުރިހާ ބިލްތަކަކަށް ފަސް ހަފްތާ ތެރޭ ފައިސާ ދައްކާނެ ކަމަށް މި މަހު ކުރީކޮޅު އިއުލާނުކުރެއްވި ގޮތަށް އެކަން ހަމަޖެހޭނެ ކަމަށާއި މި ހުރިހާ ފައިސާއެއް ކުރިއަށް އޮތް ހަފްތާއެއް ނުވަތަ ދެ ހަފްތާއެއްތެރޭދެއްކޭނެ ކަމުގެ ޔަގީންކަންވެސް ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.
އަމިއްލަ މީސްމީހުންގެ ކުންފުނިތަކަށް ދައްކަން ޖެހިފައިހުރި ފައިސާ ދައްކަނީ ފައިސާ ޗާޕު ނުކޮށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ވިދާޅުވެފައެވެ. އަދި ފައިސާ ދައްކާނީ ދެން ސަރުކާރުން ވައުދުވާ ކަންކަންވެސް ކުރަމުން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިގްތިސާދު ކުރިއަރަމުން އަންނަކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ކޮންސްޓްރަކްޝަން ދާއިރާގެ އެތައް ކުންފުންޏަކަށް ސަރުކާރުގެ މަސައްކަތްތައް ލިބިގެންދާނެ ކަމަށެވެ. އަދި މި ހުރިހާ ކަމެއްވެސް ގާނޫނާއި ގަވާއިދުގެ ތެރެއިން ހަމަޖައްސަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއާއި އެކު ރައްޔިތުންގެ އަތްމަތި މުއްސަދިވެގެން ދާދި އަވަހަށް ދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ލ އަތޮޅަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ 11 ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.