ads
ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
އަންނަ މަހު ފޭސް 3 އިން ގޯތި ދޫކުރަން ފަށާނެ: ރައީސް
މާލޭ ރައްޔިއްތުންނަށް ގޯތި ދިނުމަށް ހުޅުމާލެ 3 އަކާއި ގިރާވަރު ފަޅުގެ ބިން ހިއްކުން އަވަސް ކުރުމަށް އިތުރު ޑްރެޖަރެއް ރާއްޖެ ގެނެސްފައިވާ ކަމަށާއި އެއާ އެކު ހުޅުމާލެ 3 ގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހަށް އެއްކޮށް ނިންމާލެވި، އަންނަ މަހު ފޭސް 3 އިން ގޯތި ދޫކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކަލާފާން ސްކޫލް ހޯލުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތްވެސް ބާރު ދުވެލީގައި ކުރިއަށްދާކަމަށެވެ. ހިއްކުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވި، އަންނަ އަހަރުގެ ޖެނުއަރީމަހު އެބިމުން ގޯތި ދޫކުރުމުގެ މަސައްކަތާއި ރަޖިސްޓްރީތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

އަދި ލޭންޑްޔޫސް ޕްލޭން ފައިނަލް ކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށާއި އެއްވެސް މީހަކަށް ލިބިފައިވާ ގޯއްޗެއް މިސަރުކާރުން އަތުނުލާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. ރައީސް ވިދާޅުވީ މިހާރު ހިއްކާފައިވާ ސަރަޙައްދުތަކުން ގޯތިތައް ހަވާލުކުރަމުން އަންނަކަމަށެވެ.

"ގުޅިފަޅުން ގޯތި ލިބުނު މީހުންނަށްވެސް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން. ބައެއް މީހުންނަށް ވަޑައިނުގަނެވުނު. ނަމަވެސް މިނިސްޓްރީން އެފަރާތްތަކަށް ގުޅައިގެން އެމަސައްކަތް ކުރަމުން ދަނީ. އެއްވެސް މީހަކު ކެންސަލްނުކޮށް ފުރުސަތު ލިބޭނެ." ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ރައީސް ވަނީ ހިއްކާ ބިންތަކުގައި ޔުޓިލިޓީގެ ހިދުމަތްތައްވެސް ދިނުމަށް ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރައްވާފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ 2 އަދި އަލަށް ހިއްކާ ހުޅުމާލެ 3 އަކާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދޭން ނިންމައިފަ އެވެ. އޭގެ ތެެރެއިން ގިނަ ބަޔަކަށް ރަޖިސްޓަރީ އާއި ބައެއް މީހުންނަށް ބިންތައް އޭރު ދިން ނަމަވެސް. މި ސަރުކާރު އައި ފަހުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނަ އެވެ. އޭގެ ސަބަބުން ބައެއް މީހުންނަށް ބިން ލިބޭ ތަންތަން ބަދަލުވެފައިވާތީ ގޯތީގެ ރަޖިސްޓްރީ އަލުން ވަނީ ހަވާލުކޮށްފަ އެވެ.

މާލޭގައި ދިރިއުޅޭ ހުރިހާ ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ރަސްމާލެއިން 15،000 ގޯތި ދޭނެ ކަމަށް ރައީސް މުއިއްޒު ވަނީ އިއުލާން ކުރައްވައިފަ އެވެ.

ގޯތި ދިނުމަށް ހުޅުމާލެ 3 ގެ އެއްބައި ހިއްކުމަށް ފަހު، އެ މަސައްކަތް އޮތީ ކުރިން މަޑުޖެހިފަ އެވެ. އެކަމަކު މި މަހުގެ 10 ގައި ވަނީ ހުޅުމާލެ 3 ގެ ބާކީ 38 ހެކްޓަރުގެ ބިން ހިއްކަން އަލުން ފަށައިފަ އެވެ.

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލު ކޮށްގެން ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ މަޝްރޫއުގެ ދަށުން ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

ސޯޝަލް މީޑިއާގެ ޕޯސްޓެއްގައި އެޗްޑީސީން މިއަދު ބުނީ ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް ގެނައި ދެ ޑްރެޖަރާއެކު ބިން ހިއްކުމުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރިއަށް ކަމަށެވެ. އަދި މި މަޝްރޫއުގެ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން 30 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއްގެ ބިން މިހާރު ހިއްކައި ނިމިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް