ads
ސަރުކާރުތަކުން 5 އަހަރަށް "ހިސޯރު" ކުރާ ދިވެހި ދައުލަތް!؟
ރައްޔިތުންގެ މައްޗަށް ވެރިކަން ކުރުމުގެ މަފްހޫމަކީ މިހާރަށް ފެތޭ ޒަމާނީ ކަމެއް ނޫން ކަމަށް ދެކިގެން ދުނިޔެ ދައުރު ވަމުންދާތާ މިހާރު އެތައް ޒަމާނެއް ވެއްޖެ އެވެ. ނަމަވެސް މި ގޮތަށް މިކަން ބަލައިގަނެގެން އުޅެނީ ތަހުޒީބު މުޖުތަމައުތަކުން ނެވެ. ހާއްސަކޮށް ހެޔޮ ހިންގުމަށް ލޯބި ކުރާ އަދި ހެޔޮ ހިންގުމަކީ އެންމެ މަންފާ އާއި ލާބަ ހުރި ހިންގުންކަން ބަލައިގެން ގައުމުތަކުން ނެވެ.
Advertisement

އެހެން ނަމަވެސް ހުދުމުހުތާރުކަން ދައްކައިގެން ހެޓިލަރު "ހެދިގެން" ހިންގާ ގައުމުތަކާއި އެ ކަމަށް ލޯބި ކުރާ ލީޑަރުން ގިނަ ގައުމުތަކުގައި ރައްޔިތުންގެ މައްޗަށް ވެރިކަން ކުރުމަކީ އެ މީހުންނަށް ވަރަށް ބޮޑު ޝަރަފަކާއި ފަހުރެއް އަދި އުފަލެއް ކަމުގައި ދެކެވެ. 

މި އުފަލުން ރައްޔިތުންނަށް ލިބޭ "ދެރަ" ބޮޑުވަމުން އަންނާތީވެ މިއަދު ފެންނަން އެދެނީ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރުމުގެ ބަދަލުގައި ރައްޔިތުންނަށްޓަކައި ހެޔޮ އަދި އޯގާތެރި ހިންގުމެއް ހިންގައިދޭނެ ހަވާލުދާރު ލީޑަރުން ނެވެ. 

ގައުމުތައް ހިންގަން ސަރުކާރުތައް ގާއިމުކޮށްގެން ދުނިޔެ ހިނގަމުން އަންނަތާ މިހާރު އެތައް ހާސް އަހަރެއް ވެއްޖެ އެވެ. ނަމަވެސް އިލުމާއި ތަޖުރިބާއިން ޔަގީންކަން ދެމުން އައީ ސަރުކާރުތަކަކީ ގައުމަށާއި ރައްޔިތުންނަށް ލާބަ އާއި މަންފާ އަދި މޮޅު ހޯދައި ދިނުމާއެކު ދައުލަތުގެ ރައްކާތެރިކަން ކަށަވަރުކޮށް ދޭނެ ހިންގުމަކަށެވެ. މި ގޮތުގައި ހިންގާ ގައުމުތައް އެ ދަނީ މޮޅުވެ ކުރިއަރަމުންނެވެ. ވައްކަމާއި ކްރޮޕްޝަނާއި ފަސާދަ އެ ދަނީ މަދުވެ މުޖުތަމައު ސާފުވަމުންނެވެ. އެހެން އިބާރާތަކުން ބުނަނީ ނަމަ ހިންގުމާ ހަވާލުވާ މީހުންގެ ފުށުން ރައްޔިތުންނަށް ޖެހޭ "ބަލާ" މުސީބާތް ކުޑަވަމުން ނެވެ. ނަމަވެސް ސުވާލަކީ ރާއްޖޭގައި މި މަގަށް މިކަންކަން ހިނގާތޯ އެވެ.

ރާއްޖޭގެ ދިގު ތާރީހުގައި ރާއްޖެ ހިންގަމުން އައިސްފައިވަނީ ޒަމާނަށް ނުފެތޭ ހުދުމުހުތާރު ވެރިން ތިބެގެން ކަމަށް ބުނެ ދައްކާ ވާހަކަތައް ވަރަށް ގަދަވެ، އެ އަޑުގެ ސަބަބުން ރައްޔިތުންގެ ބޮލަށް އުނދަގޫވާ ހިސާބަށް ދިޔަ އެވެ. ނުވަތަ ސިޔާސީ އިސްވާރުންގެ އަމިއްލަ މަންފާ އިސް ކުރެވޭނެ މަގެއް ހޯދުމުގެ އެދުމުގައި ނަމަވެސް އެކެއްގެ އަތްމަތީގައި ހުރިހާ ބާރެއް އޮންނަށް ޖެހޭ ގޮތަށް ހިންގަމުންދިޔަ ގާނޫނު އަސާސީ ބަދަލު ކުރުމުގެ ޖިހާދަށް ލަސްކަރު ނުކުތެވެ. އެންމެ ފަހުން އޭރު އޮތް ގާނޫނު އަސާސީ އިސްލާހު ކުރުމުގެ "މިނިވަން ބަހުސް"ގެ މަސައްކަތް ފަށައި ގާނޫނު އަސާސީ އިސްލާހު ކުރި އެވެ.

މައުމޫނުގެ ރައީސް ކަމުގައި ގާނޫނު އަސާސީ އިސްލާހުކޮށް އެ އަށް އަމަލު ކުރަން ފެށުމާއެކު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ހީ ކުރީ ހުރިހާ ކަމެއްގެ ހައްލު ލިބުނީ ކަމަށެވެ. އަދި އިސް ސިޔާސީން ދައްކަމުން އަދި ބުނަމުން ދިޔައީ ގިނަ ބަޔަކު އުންމީދު ކުރިގޮތަށް ކަންކަން ރަނގަޅުވެ ގައުމުގެ ހަގީގީ ވެރިން ކަމަށްވާ ރައްޔިތުންނަށް ހުރިހާ ބާރެއް ލިބިއްޖެ ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީއަށް ދުވަސްވަމުންދާ ވަރަކަށް އެނގިހާމަވަމުން މިދަނީ އިސް ސިޔާސީ މީހުން ބުނަމުން އަދި ދައްކަމުން ދިޔައީ "ހުވަފެނެއް" ކަމަށެވެ. ނޫ ގާނޫނު އަސާސީންގެ ސަބަބުން ނުލިބި ހުރި ކުރި އެރުމާއި މިނިވަން ކަމާއި ހައްގުތަކާއި މިހެން ގޮސް ރައްޔިތު މީހާގެ ދިރިއުޅުމަށް ބޭނުންވާނެ ހުރިހާ ފަހި ކަމެއް ފެހި ގާނޫނު އަސާސީން ލިބޭނެ ކަމަށެވެ. ނަމަވެސް ހިނގަމުންދަނީ އެ ގޮތަށް ނޫން ކަމަށް ގާނޫނު އަސާސީ ހެދި މަޖިލީހުގެ ގިނަ މެމްބަރުންނާއި ތަންދޮރުދަންނަ މީހުންނާއި ތަޖުރިބާކާރުންނާއި އިލުމުވެރިން މިއަދު އެ އަންނަނީ ވިދާޅުވަމުންނެވެ.

އެ ބޭބޭފުޅުން ވިދާޅުވާގޮތުގައި ނޫ ގާނޫނު އަސާސީގައި އެކެއްގެ އަތްމަތީގައި ހުރި ބާރުތައް ފެހި ގާނޫނު އަސާސީން ތިން ނަމެއް ކިޔާ ބައިބަޔަށް ބަހާލި އެވެ. ނަމަވެސް މިއަދުގެ ނަތީޖާއަށްވެގެން ދަނީ އާ ގާނޫނު އަސާސީ ތަރުތީބުކޮށްފައި އޮތްގޮތުން ތިން ގެއަކަށް އަޅަން ޖެހޭ ބާރުތައް އެކެއްގެ އަތްމައްޗަށް ޖަމާވުމެވެ. މިއީ ނޫ ގާނޫނު އަސާސީގެ ވެސް ނަތީޖާ އެވެ. ނަމަވެސް ކޮންމެ ވެސް ވަރެއް ވާހަކަ ދެއްކުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ލިބުނު ނަމަވެސް އާ ގާނޫނު އަސަސީ ހޯދަން އުޅުނު އިރު އަދި އެ ގާނޫނު އަސާސީގެ ދަށުން ގައުމު ހިންގަން ފެށި އިރު ދިން ހުރިހާ ޔަގީންކަމަކާއި އިތުބާރެއް މިހާރު ވަނީ ނެތިފަ އެވެ. މާނަ އަކީ ތިން ބާރު ވަކި ކުރި ނަމަވެސް ގާނޫނު އަސާސީ ތަރުތީބުކޮށްފައި އޮތްގޮތުންނާއި އެ ގާނޫނު އަސާސީން ތަސައްވަރު ކުރާ ރަނގަޅު މީހުންނަށް ގޮތް ނިންމުމުގައި ބައިވެރިވުމާއި ގައުމުގެ ހިންގުމުގެ ތެރެއަށް ވަދެވެވޭނެ ޖާގަ ނުލިބުމުގެ ސަބަބުންނާއެކު ފުރިތަނަށް ގައުމު ސޮއްސާލުމެވެ. 

ރައީސްކަމުގެ ހުވާ ކުރުމާއެކު ތިޖޫރި ތަޅުގަނޑި އާއި ބަޑި ގުދަނުގެ ތަޅުދަނޑި ލިބުމާއެކު، ހުވާ ކުރާ މީހަކަށް މުޅި ގައުމު "ހިތަކަށް" ލިބުން ކަހަލަ އެވެ. އެ ހިސާބުން ދައުލަތުގެ އެންމެހާ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެންނާއި ދެން ވެސް އެ ފަދަ ނޭދެވޭ ކަންކަމުން ބާރާއި ފައިސާ ހޯދައިގެން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމާއެކު ދައުލަތް ހިންގުމުގެ މުޅި ނިޒާމް ހުވާ ކުރާ މީހާގެ "މުށަށް" ގައުމު އަރާ އެ މީހަކު ބޭނުންހާ ކަމެއް ކުރުމުގެ ފުރުސަތު ލިބި، ދައުލަތް "ހިސޯރު" ކޮށްލަ އެވެ. 

ގާނޫނީ އިލުމުވެރިން ވިދާޅުވާގޮތުގައި ގައުމު ހިންގަން ހަވާލުވާ ސަރުކާރުތަކުން ދައުލަތް ފަސް އަހަރަށް ހިސޯރުކޮށްލަނީ ގައުމާ ހަވާލުވާ މީހާއަށް ފާރަވެރިވާން ޖެހޭ މުއައްސަސާތަކާއި ފަނޑިޔާރުގެ މަޖިލީހުގެ ބޮޑު މެޖޯރިޓީ ބޭނުންކޮށްގެން ވަރަށް ފަސޭހަ ކަމާއެކު ބަދަލުކޮށްލަން ޖާގަ ލިބިފައި އޮތުމެވެ.

"ކުރީގައި ގާނޫނު އަސާސީ އިސްލާހު ކުރުމުގައި އިތުރު ފަށަލައެއް އެބަ އޮވޭ. ގާނޫނު އަސާސީ އިސްލާހު ކުރަން ބޭނުން ނަމަ ހާއްސަ މަޖިލީސް އެކުލަވާލަން ޖެހޭ. އެހާ ހިސާބުން އެބަ ލިބޭ ތަފާތު ފިކުރުގެ މީހުންގެ ބަސް ބުނުމުގެ ޖާގަ. އަދި އެކަމަކާ މެދު ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކާ މަޝްވަރާ ކުރުމުގެ ޖާގަ. އަނެއް ކޮޅުން ހާއްސަ މަޖިލިސް އެކުލަވާލަން ވެސް އެބަ ނަގާ ވަރަށް ދުވަސް،" ނަން ޖަހަން ބޭނުންނުވެ ވާހަކަ ދެއްކި ތަޖުރިބާކާރު ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެހެންވެ ގާނޫނު އަސާސީ އާ ކުޅުމަކީ (ބަދަލު) އޭރު އެހާ ފަސޭހައިން ވާކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބުނު ކަމަށެވެ. ނަމަވެސް މިއަދު ހުރިހާ ކަމެއް ބަދަލު ވެއްޖެ ކަމަށާއި މަޖިލީހުގެ ސުޕް މެޖޯރިޓީ ލިބިއްޖެ ނަމަ ހަމަ ވަގުތުން ގާނޫނު އަސާސީ ބަދަލުކޮށް ގައުމު ހިންގަން އެކަށައަޅާފައިވާ އަސާސީ ސިފަތައް ވެސް ބަދަލުކޮށްލެވޭނެ ޖާގަ ލިބިފައިވާ ކަމަށެވެ.

"ނަމަވެސް އެއީ ހަގީގަތުގައި ހީ ކުރާހާ ފަސޭހައިން ކޮށްގެންވާނެ ކަމެއް ނޫން. ނަމަވެސް ހިންގަން ހަވާލުވާ މީހުންގެ ގޮތެއްފޮތެއް ނެތުމުން ހުރިހާ ކަމެއް މަދު ގަޑިކޮޅެއްގެ ތެރޭގައި ނިންމާލައި އަމަލު ކުރަން ލާޒިމް އެ ކުރުވަނީ. އެއީ ތަހުޒީބު އިންސާނުންނޭ ކިޔާ މީހުން އުޅޭ ތަންތާނގައި ކަން ކުރާނެ ގޮތެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން ރާއްޖޭގައި ހިންގަން ފެށި ގާނޫނު އަސާސީގެ ނަތީޖާއަކީ ފަސް އަހަރަށް ގައުމު ހިންގަން ހަވާލުވާ ސަރުކާރުތަކުން ދައުލަތް ހިސާރުކޮށް، ބޭނުންހާ ގޮތެއް އެ ސަރުކާރެއްގެ ފިކުރަށާއި ވިސްނުން ހުންނަގޮތަކަށް "ބަދަލު" ކުރަނީ އެވެ. ހުރިހާ ވެސް ބޭނުމެއް ކަމަށް ރަށުތެރޭގައި ދައްކާ ވާހަކަތަކަށް ބަލާއިރު ފެންނަނީ ދެ ވަނަ ދައުރެއް ހޯދުމެވެ. އެ އިއްޒަތާއި ލައްޒަތު އަދި ޝަރަފުވެރިކަން ހޯދުމެވެ. 

ހިތާމައަކީ ގައުމެއް ކަމަށް ބަލައިގެން އުޅޭ މި ދައުލަތް، ސަލާމަތް ކުރެވޭނެ އެއްވެސް މުއައްސަސާއެއް ގާއިމުވިޔަ ނުދިނުމެވެ. އެއީ ސަރުކާރުތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބުމާއެކު ލިބޭ ބާރުވެރިކަމުން ދައުލަތް ފަސް އަހަރަށް ހިސޯރުކޮށްފައި ބޭއްވުމަށް ލިބޭ ފުރުސަތު ބޮޑުތަކުން މާ ބޮޑުވީމަ އެވެ. 

މި ކަމުން ސަލާމަތް ވެވޭނީ އަދި ސަރުކާރުތަކުން ދައުލަތް ހިސޯރު ކުރާ ކުރުން ނިމުމަކަށް ގެނެވޭނީ ގައުމު ހިންގަން ހަވާލުވާ ސަރުކާރަށް ލިބޭ ބާރުވެރިކަމަށް ވުރެ ބޮޑު ބާރުވެރިކަމެއް ދައުލަތުގެ ކޮންމެ ވެސް ދިމާލެއްގައި ގާއިމުކޮށްގެންނެވެ. ދައުލަތް ދެކެ ބިރުން ސަރުކާރުތައް އުޅެން ޖެހޭ ވަރުގެ ބާރުވެރިކަމެއް ސީދާ ރައްޔިތުންގެ އަތްމަތީގައި ބާއްވައިގެންނާއި ހުރިހާ ކޮންޓްރޯލެއް ސަރުކާރުތަކަށް ލިބޭ ގޮތަށް ހުރި ދޮރުތަން ބަންދުކޮށްގެންނެވެ. 

ޑިމޮކްރަސީގެ އެންމެ އަސާސީ ސިފަތައް ކަމަށްވާ ކަންކަން ނިންމުމުގައި ވީހާ ވެސް ގިނަ މީހުން ބައިވެރި ކުރުވުމާއި ރައްޔިތުންގެ ކަންކަމާ ހަވާލުވެ ތިބޭ މީހުން ޖަވާބުދާރީކޮށް ޒިންމާދާރު ކުރެވޭނެ ފަސޭހަ މަގެއް ހޯދުމަށާއި އަދި ސަރުކާރުތަކުން ދައުލަތް ހިސޯރުކޮށްގެން އުޅޭ އުޅުން ނިމުމަކަށް ގެންނައުމަށް ފަށަން އޮތް ދަތުރުގައި އެންމެ މުހިންމު އެއް ބަޔަކީ "ސިޔާސީ ވާދަވެރިޔާ" ނޫން މީހާ ނުވަތަ މީހުން ހިމެނޭ އިންތިގާލީ ސަރުކާރެއްގެ ގާއިމްވެގެން ނެވެ.

ރާއްޖޭގައި މިހާރު މި އޮތް ހިންގުމުގެ އޮނިގަނޑު ގެންނަން، ކުރީގެ އިދިކޮޅު ފަރާތްތަކުން ހިންގި ވަރުގަދަ "އިސްލާހީ" ހަރަކާތުގެ ފޯކަސް އަކަށްވީ މައުމޫނުގެ ދިގު ވެރިކަން ނިންމުން ނަމަވެސް، މިއަދު އަޑު އުފުލާ ބަހުސް ކުރަންވީ ގާނޫނު އަސާސީގެ މާއްދާ ހަތަރަކަށް އިތުރަށް ބާރުދީ ރައްޔިތުންގެ ވެރިކަން ފަޅި ސިކުންތަކަށް އޮތުމުގެ ބަދަލުގައި ރައްޔިތުންގެ ވޯޓުން ހޮވޭ މީހާ ކޮންމެ ވަގުތަކުވެސް ރައްޔިތުންގެ ވޯޓުން ބަދަލު ކުރެވޭ މަގެއް ހޯދުމަށެވެ. އެކަމަށް އުސޫލުތަކާއި ހަމަތައް އެކުލަވާލުމެވެ.

މިއަދުގެ ހަގީގަތަކީ އަގުލަބިއްޔަތު ނެތް ވެރިޔަކު ވެރިކަމަށް އިސް ނުވުމަށް ވުރެ، އަގުލަބިއްޔަތުން ވެރިކަމަށް އަންނަ މީހާ ދެ ވަނަ ދައުރެއްގެ އެދުން ވެރިކަމުގެ "ވޭނުން" ދިވެހި ދައުލަތާއި ރައްޔިތުންނަށް ލިބުނު ގެއްލުން ބޮޑުވުމެވެ. ޑިމޮކްރެސީގެ އެއް ތޮބީއަތުން ދެއްކި ހަގީގަތަކީ މިއީ އެވެ. ނަތީޖާ އަކީ ވެރިން އިތުރު ދައުރެއް އެދި ފަސް އަހަރަށް ދައުލަތް ހިސޯރު ކުރުމެވެ. އިތުރު ދައުރެއްގެ އެދުން ނެތް ނަމަވެސް ހުރިހާ ބާރެއް އަތަށް ޖަމާކޮށްގެން ހަވާލުވާ މީހާގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި ހަވާލުވާ މީހާ ޖަވާބުދާރީ ކުރެވޭނެ މަގެއް ނުދައްކާ ދައުލަތް "ހިސޯރު" ކުރުމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް