ads
ހުޅުމާލެ ތިނެއް ހިއްކުމުގެ މަސައްކަތުގެ ތެރެއިން ފަރުކޮޅުފުއްޓާއި އެ ސަރަހައްދު ގުޅުވާލާފައި - ފޮޓޯ: އެމްއޭސީއެލް
ފޭސް ތިނަކުން 47 ހެކްޓަރު ބިން ހިއްކާ ނިންމައިފި
ހުޅުމާލެ ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން 47 ހެކްޓަރު ބިން ހިއްކާ ނިންމައިފި އެވެ.
Advertisement

ހުޅުމާލެ ތިނެއް ހިއްކުމުގެ މަސައްކަތްކުރާ އެމްއޭސީއެލުން މިއަދު ބުނީ ޖުމްލަ 47 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައިވާ ކަމަށެވެ. އެއީ 63 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ އެ ޕްރޮޖެކްޓުގެ 74.6 ޕަސެންޓް ކަމަށާއި އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭގެ މާސްޓަޕްލޭންގައި ކުރިން އޮތީ އެ ސަރަހައްދު ނުހިއްކާ ގޮތަށެވެ. ކުރިން މާސްޓަޕްލޭންގައި އޮތީ ހުޅުމާލެ 3 އާއި ފަރުކޮޅުފުއްޓާ ދެމެދުގައި ކޯރެއް އޮންނަ ގޮތަށެވެ. އެ ދެ ސަރަހައްދު ގުޅުވާލުމަށް ޗެނަލް ބްރިޖުތައް އަޅާ ގޮތަށެވެ. އަދި ފަރުކޮޅުފުށީގައި ހެރިޓޭޖު ވިލެޖެއް ހެދުމުގެ މަސައްކަތް ވެސް އެޗްޑީސީން ވަނީ ފަށައިފަ އެވެ.

ނަމަވެސް، އެޗްޑީސީން މިދިޔަ މެއި މަހު މާސްޓަޕްލޭނަށް ބަދަލު ގެނެސް އެ ސަރަހައްދު އެއްކޮށް ހިއްކަން ވަނީ ނިންމައިފަ އެވެ.

your imageހުޅުމާލޭ ފޭސް 3 ގައި ހިއްކާ ސަރަހައްދު - ފޮޓޯ: އެމްއޭސީއެލް

އެޗްޑީސީން ނިންމީ ހުޅުމާލެ ދޭކާއި ތިނަކާ ދެމެދުގައި ކުރިން "ކޯރެއްގެ" ގޮތުގައި ކަނޑައަޅާފައި އޮތް ބައި ހިއްކައި، ދެ ސަރަހައްދު އެއްކޮށްލާށެވެ. އެ ބައި ހިއްކަނީ އެ ސަރަހައްދުގެ ކަނެކްޓިވިޓީ ރަނގަޅުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރަން ގެންނަ ބަދަލެއްގެ ގޮތުގައި ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެގޮތަށް ނިންމަން ޖެހުނު ދެވަނަ ސަބަބަކީ ހުޅުމާލޭގެ ބަނދަރު ސަރަހައްދުގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ 36 ހެކްޓަރުގެ ސަރަހައްދު 53 ހެކްޓަރަށް ބޮޑުކުރަން ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ. އެއާ އެކު، ހުޅުމާލޭގެ ބަނދަރުގައި އުޅަނދުފަހަރު އެޅުމަށާއި ލޮޖިސްޓިކަށާއި އުޅަނދުތަކަށް ބޭނުންވާ އެ ނޫން ކަންކަމަށް ލިބޭ ޖާގަ ތަނަވަސްވާނެ ކަމަށް އެޗްޑީސީން އޭރު ބުންޏެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގިރާވަރު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވީ މާލޭ މީހުންނަށް ގޯތި ދިނުމަށް ހުޅުމާލެ ތިނަކާއި ގިރާވަރު ފަޅުގެ ބިން ހިއްކުން އަވަސްކުރުމަށް އިތުރު ޑްރެޖަރެއް ގެނެސްފައި ވާތީ، ހުޅުމާލެ 3 ގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އެމަނިކުފާނު އަންދާޒާ ކުރައްވާ ގޮތުގައި ގިރާވަރު ހިއްކުމުގެ މަސައްކަތް 2-3 މަސް ތެރޭގައި ނިމެނޭ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް