އުމުރުން 44 އަހަރުގެ މޭގަން އާއި އުމުރުން 41 އަހަރުގެ ހެރީ ލޯބީގެ ގޮތުން ގުޅުނީ 2016 ވަނަ އަހަރު އެވެ. މި ތާރީޚީ މުނާސަބަތާ ގުޅިގެން އިންސްޓަގްރާމްގައި ހިއްސާކުރި ކަޅާއި ހުދުގެ ވީޑިއޯއިން ފެންނަނީ، އެ ދެމަފިރިންގެ ގޭގެ ބަގީޗާ ތެރޭގައި ހުސްފަޔާ ތިބެ ލޯބިން ނަށާ މަންޒަރެވެ.
މި ވީޑިއޯގެ ކެޕްޝަންގައި މޭގަން ލިޔުއްވާފައިވަނީ "2026 ވަނަ އަހަރު ވެސް ހީވަނީ ހަމަ 2016 ހެން" ކަމަށެވެ. އަދި މި ހިތްގައިމު މަންޒަރު ވީޑިއޯ ކޮށްދިނީ އެ ދެމަފިރިންގެ 4 އަހަރުގެ އަންހެން ދަރިފުޅު ލިލީބެޓް ކަމަށް މޭގަން ފާހަގަކުރެއްވި އެވެ.
ވީޑިއޯގެ އިތުރުން، އެ ދެމަފިރިން ރައްޓެހިވެގެން އުޅުނު ފުރަތަމަ އަހަރު (2016 ގައި) ނަގާފައިވާ ފޮޓޯއެއް ވެސް މޭގަން ވަނީ ހިއްސާކުރައްވާފަ އެވެ.
ދާދި ފަހުން "ހާޕާސް ބަޒާ" އަށް ދެއްވި އިންޓަވިއުއެއްގައި މޭގަން ވިދާޅުވެފައިވަނީ، ހެރީ އަކީ އޭނާދެކެ އެންމެ ލޯބިވާ އަދި އޭނާއަށް އެންމެ ރައްކާތެރިކަން އިހުސާސްކޮށްދޭ ފަރާތް ކަމަށެވެ.
މިގޮތުން 2018 ވަނަ އަހަރު ކައިވެނިކުރި މި ޖޯޑަށް ދެ ކުދިން ލިބިފައިވާއިރު، އެއީ 6 އަހަރުގެ އާޗީ އާއި 4 އަހަރުގެ ލިލީބެޓް އެވެ.