އަބްދުއްރަހީމް ކޮއްކޮ އަބްދުލްކަރީމް އަބްދުﷲ އަމިއްލަ ގޮތުން ވާދަކުރަން ނިންމާފައިވަނީ ލ. ފޮނަދޫގެ ކައުންސިލް ރައީސްކަމަށެވެ. އެއީ އަބްދުއްރަހީމް ރައްޔިތުން މަޖިލީހުގެ ގޮނޑި ކާމިޔާބުކުރެއްވި ދާއިރާއެވެ.
އަބްދުއްރަހީމްގެ ކޮއްކޮ އަބްދުލްކަރީމް އިންތިހާބުގައި ވާދަކުރަން ހުށައެޅި ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެ އެކަން އޭނާއަށް އަންގާފައިވާކަން ވަނީ އެނގިފައެވެ.
ލޮލަށް ފެނުމުން މަހުރޫމްވެފައިވާ ކަރީމް މިހާރު ކުރާ މަސައްކަތަކީ ފޮނަދޫ މިސްކިތުގެ އިމާމްކަމެވެ. އެ މަގާމު އޭނާ އަދާކުރާތާ މިހާރު 19 އަހަރުވެފައެވެ.
ފޮނަދޫއިން ވާހަކަ ދެއްކި މީހަކު ބުނީ ރަށު މީހުންނާއި ވަރަށް ގާތް އެކުވެރި ގުޅުމެއް އޮންނަ އަބްދުލްކަރީމް އަބްދުﷲ މިހާރު ވަނީ އޭނާގެ ކެމްޕެއިން މަސައްކަތް ފަށާފައިވާކަމަށެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރިލްމަހުގެ 4 ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުގައި ވާދަކުރަން ވަގުތު ހަމަވިއިރު ހުށައެޅި ފޯމުތަކުން ޝަރުތު ހަމަވީ 2،993 ކެންޑިޑޭޓުން ކަމަށެވެ.
ވަގުތު ހަމަވިއިރު ޖުމުލަ 3،547 މީހަކު ފޯމު ހުށައެޅިކަމަށް އީސީން ބުނެއެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް 1،936 މީހުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅި 1،611 މީހުންނެވެ.
އޭގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޝަރުތު ހަމަވީ 1،610 މީހުންކަމަށް އީސީން ބުނެއެވެ. އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން ޝަރުތު ހަމަވީ 1،383 މީހުން ކަމަަށްވެސް އެ ކޮމިޝަނުން ބުނެއެވެ.