ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ދޫކުރަމުން ދާނީ މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި އެދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެޔަކު 8:30 އިން 11:00 އަށް މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުންޏެވެ.
މިހާތަނަށް މާލެ ސަރަޙައްދުގައި 43923 މަސް ދަޅު ކޭސް ވަނީ ދޫކޮށްފަ އެވެ. މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ 65،230 އެވެ. މަސްދަޅު ދޫކުރަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ.
މީގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލުންކަން މިނިސްޓްރީއިން ވަނީ ފާހަގަކޮށްފަ އެވެ.
މި އަހަރު, މުޅި ރާއްޖޭގެ 118،773 ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭސް ބަހާނެ އެވެ. މިފްކޯއިން މަސްދަޅު ކޭހެއް ވިއްކަނީ 760 ރުފިޔާ އަށެވެ. މިރޭޓުން ބަލާނަމަ ސަރުކާރުން ބަހާ ޖުމްލަ މަސްދަޅު ކޭހަށް 89.6 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
މަސްދަޅު ކޭސް ބަލާ ދާން ޖެހެނީ ފުލުހުން ތައާރަފްކުރި ޕޯޓަލެއް މެދުވެރިކޮށް ނަންބަރު ނަގައިގެންނެވެ. ފަހު ވަގުތަށް މަޑުނުކޮށް އަވަހަށް މަސްދަޅު ކޭސް ބަލައި ދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.