އާދިލްގެ ދެ އަތުގެ ތެރޭގައި ނަޔާބުގެ ހަށިގަނޑު ބޮނޑިކޮށްލާފައި އެފަދަ ހުތުރު އެއްޗެއް ބުނި ސަބަބު އޮޅުން ފިލުވަން ބޭނުމެވެ.
އެކަމަކު...
ހިތްވަރެއް ނެތެވެ. ކޮއްކޮގެ ދިރިއުޅުމަށް އެކަމުން ހީނަރުކަމެއް އަންނާނެ އެވެ. ކަންކުރާންވީ ގޮތެއް ނުވިސްނުނެވެ.
ދޮޅުއަހަރު ވަންދެން އާދިލް އުނދަގޫކުރަމުން ދިޔައިރު ނަޔާބު ނުބުނެ، އެ ގޯނާ ތަހަންމަލް ކުރި ސަބަބު އަސްމާރުގެ ސިކުނޑިއަށް އުނދަގޫ ކުރަނީ އެވެ.
އޭނާއަށް ނުވިސްނުނީ ކަމުގެ ހަގީގަތެވެ. ދޮޅުއަހަރަށް ފަހުވެސް އެކަން އެނގުމުން، ކަންކުރި ގޮތެވެ. ފިނިޑިއެއް ފަދައިން އަތް އިސްކުރި ބާރުމިނެވެ. ހަފްތާއަކަށްވުރެން ގިނަ ދުވަސްވަންދެން ނަޔާބުއަށް ދެމުންދާ ވޭނާ ހިތްދަތިކަމެވެ.
ނަޔާބުގެ ތަބީއަތާއި މިޒާޖު އެހެން މީހަކަށް ނޭގިދާނެ އެވެ. ތެދުވެރިކަމާއި ވަފާތެރިކަން އެހެން މީހަކު ގަބޫލުނުކޮށްފާނެ އެވެ. އެކަމަކު އަސްމާރު ސުވާލު އުފައްދައިގެން ނުވާނެކަން އިހްސާސްވާން ވަރަށް ވަގުތު ނަގައިފި އެވެ.
ހިތުގައި އޮތް ލޯބި ސާފެވެ. ސިކުނޑީގައި އިއްވަމުންދިޔަ ވަސްވާސްތަކުގެ އަޑު ޒަހަރަށް ވުރެން ހިއްޗެވެ. ހަދާނެ ގޮތެއް ނުވަތަ ހެދޭނެ ގޮތެއް ނުވިސްނުނެވެ.
ކުރިމަތީގައި އޮތް ފޯނު ނަގާފައި ގެލެރީ ބަލަން ފެށި އެވެ. ނަޔާބް ހިނިތުންވެފައިވާ ކިތަންމެ ފޮޓޯއަކަށް އެތަށް އިރަކު ބެލި އެވެ. އަތުގައި އޮތް ފޯނު ރިންގު ވާންފެށީ ސްކްރީނަށް ބަލަހައްޓައިގެން އިންދަ އެވެ. ކޯލް އަންނަނީ ނުދަންނަ ނަމްބަރަކުންނެވެ. ފޯނަށް ޖަވާބުދިނުމުގެ ޝައުގުވެރިކަމެއް ނެތުމުން، އެ ކޯލް ކަނޑައިލާފައި އަނެއްކާވެސް ނަޔާބުގެ ފޮޓޯއަށް ސަމާލުކަން ހުއްޓާލި އެވެ.
މިނެޓެއް ފާއިތުނުވެގެން އުޅެނިކޮށް އަނެއްކާވެސް އެ ނަމްބަރުން ގުޅަން ފަށައިފި އެވެ. ލަސްތަކެއް ނުކޮށް ކޯލަށް ޖަވާބު ދީފި އެވެ. 'ހެލޯ' ނުބުނެވެނީސް އަނެއްކޮޅުން ވާހަކަ ދައްކަން ފެށި އެވެ. އެއީ ޕޮލިސް އޮފިސަރެއްގެ ކޯލެކެވެ. ރަސްމީކޮށް ގުޅީއެއް ނޫނެވެ. އަސްމާރުއަކީ ރައްޓެއްސަކަށް ވާތީ ވީ އެންމެ އަވަހަކަށް އާއިލާއަށް ހަބަރުކުރީ އެވެ.
އާދިލް ހައްޔަރު ކުރީ ވަގު ފައިސާ ޗާޕުކުރުމާއި ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގައި އެވެ. އެތައް ދުވަހެއްގެ ފާރަލުމަށްފަހު އަތުލައިގަތީ މިއަދުގެ މެންދުރުކުރީގެ ވަގުތެއްގައި އެވެ. ރާއްޖެއިން ބޭރުން އައި ބިދޭސީއެއްގެ އަތުން މަސްތުވާ ބާވަތެއްގެ ބޮޑު ޕާރުސަލަކާއި ފައިސާގެ ކަޅު ދަބަހެއް ލިބިގަތް ވަގުތު އެއާޕޯޓުންނެވެ.
މި ފަހަކަށް އައިސް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ރަލާއި މަސްތުވާ ބާވަތްތައް އެތެރެކުރުމުގައި އާދިލްގެ ބާއިވެރިވުން އޮންނަކަން ފުލުހުންނަށް އެނގިފައިވާކަމަށްވެސް އޮފިސަރު ބުނެދިނެވެ.
އަސްމާރުގެ ދުނިޔެ އެފުށް މިފުށަށް ޖެހުނީ އެވެ. އޭނާގެ ކޮއްކޮއަށް އެ ހަބަރު ދޭނެގޮތެއް ނުވިސްނުނެވެ. އިރުކޮޅެއްގެ ތެރޭގައި މުޅި ސޯޝަލް މީޑިއާގައި އެވާހަކަ ފެތުރޭނެ އެވެ. ނަޔާބުގެ ހުރިހައި ވާހަކައެއް ތެދު ހަގީގަތަކަށް ބަދަލުވީ އެވެ. ނަޔާބުއާއި ދޭތެރޭގައި ކަންތައް ކުރެވުނީ ބޭއިންސާފުންކަން އޭނާގެ ލޮލުން ބޮލުން ގަބޫލުކޮށްފި އެވެ. ކޮއްކޮ ހަމަޔަކަށް އެޅުވުމުގެ ކުރިން އަސްމާރުގެ ދިރިއުޅުން ކޮޅަށް ޖަހަންޖެހޭ އެވެ.
ވަސްވާހުން ފުރިފައިވާ ސިކުނޑި ވަރުބަލި ވެއްޖެ އެވެ. ނަމަވެސް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ހިތަށް ލިބިއްޖެ އެވެ. ނަޔާބުގެ ކުށެށް ނެތެވެ. ކުށްވެރިޔާއަށް ހައްގު އަދަބު ލިބުނީ އެވެ. އެކަމަކު ކޮއްކޮގެ ދިރިއުޅުން އޮޔާލީ އެވެ. އާދިލްގެ ބޭވަފާތެރިކަމާއި އޭނާގެ މަކަރާއި ހީލަތްތެރިކަމަށް އިތުރަށް މައާފު ދިނުމަކީ އަސްމާރުގެ ގާނޫނުގައި އޮތް ބާބެއް ނޫނެވެ.
ކޮއްކޮގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމަށް އޭނާ އިތުރަށް މަސައްކަތް ފަށާނެ އެވެ.
ނަޔާބުގެ ކިބައިން މައާފު އެދޭނެ ގޮތަކާއިމެދުގައި އަސްމާރު ވިސްނި އެވެ. ފާއިތުވެދިޔަ ކޮންމެ ރެއަކު އޭނާއަށް ޓަކައި ނަޔާބު އިންތިޒާރުކުރި އެވެ. ކާ ގަޑިއަށް ނާދެވިއްޖެ ނަމަ، ކާން ހަދައިގެން މޭޒުދޮށުގައި އިންތިޒާރުކުރެ އެވެ. ލުއި ހިނިތުންވުމާއި އޯގަތެރި ވާހަކަތަކުން ނުތަވަސްކަން ފިލުވައިދިނުމަށް އެއީ ކުޅަދާނަ އަންބެކެވެ. ދެމީހުންގެ ދެމެދު އުފެދޭ ދުރުކަމާއި ހިތްހަމަނުޖެހުން ދުރުކުރުމަށް ނަޔާބު މަސައްކަތް ނުކުރާ ރެ އެއް މިފަހުން ނާދެ އެވެ.
އެކަމަކު އެ ހުރިހައި ކަމެއް ފަނުފުލުން ދުއްވާލަނީ އަސްމާރު އެވެ. ކާން ހަދައިގެން ނަޔާބު އިނަސް، އަމިއްލައަށް ކާ ތައްޓަށް އެއްޗެހި އަޅާފައި، އެ ހޫނުކުރަން ގޮވަނީ އިގްރާއަށެވެ. އެފަދަ ކޮންމެ ފަހަރެއްގައި ނަޔާބުގެ ލޮލުން ވެއްޓޭ ކަރުނަ ތިކި، އެ ދެބެއިންނަށް ނުފެންނަނީއެއް ނޫނެވެ. ދުވަހެއްގައިވެސް އިގްރާ އިސްވެ، އަސްމާރުއަށް ކާން ހަދައިދީފައި ނުވެ އެވެ. އެކަމަކު ނަޔާބުގެ ގަދަރަށް އުނިކަން އަންނަ ފަދަ ކޮންމެ ކަމެއްގައި އަސްމާރުއަށް ހިތްވަރު ދިނުމަކީ އިގްރާއަށް އުފާލިބޭ ކަމެކެވެ. އެކަމާއިވެސް ނަޔާބުގެ ޝަކުވާއެއް ނެތެވެ.
ދުވަހުގެ މަސައްކަތްތަކާއި އަސްމާރުގެ ވިޔަފާރީގެ ކުރިއެރުންތަކާއި މެދު ނަޔާބު ސުވާލުކުރިއަސް ބީރުކަންފަތެއް ދިނުމަކީ މިފަހުގެ އާދައެކެވެ. ދެވެން އޮތް ކޮންމެ ވޭނަކުން ނަޔާބުގެ ހިތް ރޮއްވާލުމަކީ ބަހާރީގޭގެ ސަގާފަތަކަށް އޮތީ ބަދަލުވެފަ އެވެ.
އަސްމާރުއަށް ވިސްނައިލެވުނީ މިއަދު ހެނދުގެ ހާދިސާ އަށެވެ. އެހެން ހުރިހައި ދުވަހަކާއި މިއަދުގެ ހާދިސާ ތަފާތެވެ. އެކަން މީގެކުރިން އޭނާއަށް ފާހަގައެއް ނުކުރެވެ އެވެ.
ކުރެވުނު އިހްސާސްގައި ގޮނޑިން ތެދުވެވުނެވެ. ނަޔާބުގެ ލޮލުގެ ޖަޒްބާތުތަށް ބަދަލުވެގެން ދިޔަގޮތާއި އޭނާގެ މޫނު މަތީގެ އަސަރުތަށް ރެއަކާލީ އަދިކިރިޔާ އެވެ. ދެ އަތް ދެ އަތަށް ހާކާލާފައި ބޮލުގެ ދެފަރާތުން ހިފަހައްޓާލި އެވެ. ލިބުނު ހާސްކަން ކުޑައެއް ނޫނެވެ. ދިފާއުގައި ކުރަމުން އައި ހުރިހައި ކަމެއް ނަޔާބު ނިމުމަކަށް ގެނައީކަން އަސްމާރުއަށް އިހްސާސްކުރެވުނީ އަދިކިރިޔާ އެވެ. އޭނާގެ ކިބައިން ފެންނަ އުއްމީދާއި ހިތްވަރުގެ އުޖާލާކަމެއް މިއަދަކު ނެތެވެ. ހިތްވަރު އެލުވައިނުލައި އަސްމާރުއަށް އޮތް އުއްމީދު ދުވަހަކުވެސް ފަނޑު ނުވާނެކަމުގެ ރޫހު މިއަދަކު އެ ނަފުސުގައި ނެތެވެ.
އަސްމާރުގެ އަތުން ނަޔާބު ބީވެދާނެކަމުގެ ބިރު ހީވި އެވެ. އޭނާގެ ދެ އަތްތިލަ ދާހިއްލާން ފެށި އެވެ. ހާސްވެގެން ދެކޮޅުން ދެކޮޅަށް ހިނގާން ފެށުނެވެ.
އަތްދަށުން އޭނާގެ ލޯބި ބީ ނުވަނީސް، އެ ލޯބި އަލުން ހާސިލްކުރުމަށް އަސްމާރު އަޒުމު ކަނޑައެޅި އެވެ.
އަތުގައި އޮތް ގަޑިއަށް ބަލައިލި އެވެ. ފަހެއް ޖަހަނީ އެވެ. އެކަމަކު ގެއަށް ދެވޭކަށް އަދި ނެތެވެ. ހައެއް ޖަހާއިރު މީޓިންގ އެއްއެބައޮތެވެ. އޭގެ ކުރިން ޕްރެޒެންޓޭޝަން ނިންމާންޖެހެ އެވެ.
ނުތަނަވަސްވެ ހާސް ވިޔަސް، މަސައްކަތަށް އޭނާގެ ސަމާލުކަން ހުއްޓުވާލި އެވެ. ނަމަވެސް މިރޭ ގެއަށް ދެވުނުހައި އަވަހަކަށް ހުރިހައި ކަމެއް ހައްލުކޮށް، ހިތުގެ އެންމެ ފުނުން ނަޔާބުއަށް ހައްގުވާ ލޯތްބާއި ގަދަރު ދިނުމަށް އަމިއްލަ ނަފުސަށް ވައުދުވި އެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;