ads
ހިމޭން ކަރުނަ
ހިމޭން ކަރުނަ - ފަސް ވަނަ ބައި
އެޕިސޯޑް 5
Advertisement

މީޓިންގ ރޫމުން ނިކުތުމާއެކު ކަންފަތްތަށް ފޫއަޅުވާލީ ބާރުގަދަ ގުގުރީގެ ނާންމާން އަޑެވެ. 

މޫސުން ވަރަށް ގޯސްވެއްޖެ އެވެ. ބޯކޮށް ވާރޭ ވެހެން ފެށީ ކުރިމަތީގައި ހުރި މީހާ ނޭގޭ މިންވަރަށެވެ. މަސައްކަތްތައް ހުރިގޮތަށް ބަހައްޓާފައި އަސްމާރު ބޭނުންވީ، ވީ އެންމެ އަވަހަކަށް ގެއަށް ދާށެވެ. ވަތްގަނޑުގައި އޮތް ވިއްސާރަ ކޯޓު ނަގައިގެން އޭނާގެ ހިނގުން އަވަސްކޮށްލި އެވެ. 

ހުއްޓުމެއް ނެތި މުޅި ދުވަހު ކުރެވުނު ބުރަ މަސައްކަތްތައް ނިންމާލުމަށްފަހު ނަޔާބު ވަނީ އޭނާގެ ކޮޓަރިއަށެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް އޭނާ މިއަދު ވަނީ ވަރަށް ބޮޑަށް ވަރުބަލިވެފަ އެވެ. ކުރާނެ އިތުރު އުއްމީދެއް ނެތެވެ. މާޔޫސްކަން ނޫން އެހެން އެއްވެސް އިހްސާސެއް ނުކުރެވެ އެވެ. މޮޅިކަމުގެ ސާލު އެމީހެއްގެ ހިތާއި ސިކުންޑީގައި ލެވުމަކީ ކިހައި ވަރެއްގެ ރިހުމެއްކަން އިނގޭނީ އެފަދަ ވޭނެއް އުފުލާފައިވާ މީހަކަށެވެ. ނުވަތަ އެފަދަ ހާލަތެއްގައި ހުރި މީހަކަށެވެ.

ދާދިކުޑަކުޑައިރު މަންމައާއި ބައްޕަ ނިޔާވެއްޖެ އެވެ. އެމީހުންގެ ސިފަވެސް ފާހަގަ ކުރާން ނަޔާބުއަށް ނޭގެ އެވެ. އެފަދަ މައުލޫމާތެއް ދޭނެ މީހަކުވެސް އޭނާގެ އާއިލާގައި ނެތެވެ. ވާރިސް މުދަލުން މަންމައަށް ލިބިފައިވާ ބޮޑު ގޯއްޗާއި ބައްޕަގެ ފިހާރައާއި އޮޑިދޯނި ފަހަރަކީ މިއަދު، ނަޔާބުގެ މަންމައާއި ބައްޕަ ފަރާތު އާއިލާ މީހުންގެ ތަކެއްޗެވެ. އެއިން މުދަލެއް ހޯދަން ދުވަހަކުވެސް ނަޔާބު ދައުވާ ނުކުރާނެ އެވެ. 

އެއީ އެދުވަހެވެ. މިއީ މިއަދެވެ. އުމުރުން ނަވާރަ އަހަރު ފުރުމާއެކު މީހަކާ އިނީ ނުހަނު އުއްމީދުގަ އެވެ. މިއަދު ނަޔާބުއަކީ ނިކަމެއްޗަކަށް ވިޔަސް، އޭނާގެ މަންމައާއި ބައްޕަ ދުނިޔޭގައި ތިބި ނަމަ، އޭނާއަކީ ތަނަވަސް އާއިލާއެއްގެ މާތް ކުއްޖެއްގެ ގޮތުގައި މުޖުތަމައު ފާހަގަކުރީހެވެ. 

ނަސީބުގައި އެ މިންވަރުވެސް ނެތީކަމަށް ނަޔާބު ގަބޫލުކުރިތާ ކިތަންމެ ދުވަހެކެވެ. އިންތިހާއަށް ލޯބިވާ އޭނާގެ ފިރިމީހާ ފިޔަވައި އެހެން އެއްވެސް އެއްޗެއް މި ދުނިޔެއިން ނަޔާބު ބޭނުމެއް ނޫނެވެ. ނުރުހިފައި ހުރެ، ބީރު ކަންފަތަކާއި ކަނު ލޮލެއް ޖަހައިގެން ފިރިމީހާ އުޅޭތާ ދުވަސްތަކެއް ވީ އެވެ. ކުށެއް ނެތި އެވަރުގެ ހިތްދަތިކަމެއްގައި މިހައި ދުވަސް ހޭދަކުރާން ޖެހުމުން މާޔޫސްވީ އެވެ. 

މިއަދު ހެނދުނު ކުރިމަތިލާން ޖެހުނު ނިކަމެތި ހާދިސާއަށްފަހު މިރޭ ނަޔާބު އެއިނީ  ދިރިއުޅުމުން އުއްމީދު ކަނޑާލައިގެންނެވެ. އުފަލާއި ހިތްހަމަޖެހުމާއި އިތުބާރާއި އިހްތިރާމަކީ ނަޔާބުއަށްޓަކައި ލެއްވި އިހްސާސްތަކެއް ނޫންކަމަށް މިއަދު އޭނާ ނިންމައިފި އެވެ.

އެނދުން ތެދުވެގެން ނަޔާބު މިސްރާބުޖެހީ ގޭގެ އެއް ފަރާތުގައި އޮންނަ ބަގީޗާއާއި ދިމާއަށެވެ. ވިދާލާ ވިދުވަރުގެ އަލިކަމުން ދެ ލޮލުގެ ނޫރު ކެނޑިގެންދާހައިވޭ އެވެ. ގުގުރީގެ އަޑާއެކު މުޅި ކާއިނާތު ގުޑުވާލަ އެވެ. ބާރުގަދަ ތޫފާނީ ކެރިގަނޑުގެ ހިލަމެއްވެސް ނަޔާބަށް ނުވެ އެވެ. 

މަޑުހިނގުމުގައި ގޮސް، އޭނާ އިށީނީ ހެއްލާ ޖޯއްޔެއްގަ އެވެ. ހިއްސުކެނޑިފައިވާ މީހަކު ފަދައިން ބޯ ވިއްސާރައިގައި އިނެވެ. ލޮލުގެ އެސްފިޔަ ޖަހައިލާނެ ވަރުވެސް އެ ހަށިގަނޑުގައި މިވަގުތު ނެތެވެ. ދެ ލޮލުން ފައިބަމުންދިޔަ ހޫނުކަރުނަ، ވާރޭގެ ފިނިފިނި ތިކިތަކާއި އެކުވެއްޖެ އެވެ. ހޫނު ކަރުނައާއި ފިނިވާރޭގެ ތޫފާނީ ތަފާތު ވެސް އޭނާއަށް ރެއަކާނުލަ އެވެ. އެއް އަރިޔަކަށް ޖޯލީގައި ލެނގިލި އެވެ. ދެ އަތުން އަމިއްލަ ހަށިގަނޑުގައި ބައްދާލި އެވެ. ކެރިގަނޑުގެ ފިނިކަން އިހްސާސްވާހެން ހީވުމުންނެވެ. ނުވަތަ ނަފުސުގެ ހިމާޔަތެއްގެ ގޮތުގައި އެވެ.

ގިސްލަމުން އެސްފިޔަތަށް ލައްޕާލި އެވެ. އަމިއްލަ ދިރިއުޅުމުގެ ނިކަމެތި ހާލު އޭނާއަށް އަންދާޒާ ކުރެވެ އެވެ. ހާލަތު ރަގަޅުކުރާން އުޅެއުޅެ ނަޔާބު ވަރުބަލިވުމުން އެކަން ހުއްޓާލީ އެވެ. އަނދިރި ތޫފާނުގައި އޭނާގެ ހުރިހައި ރިހުމެއް ދޮވެލާން މިރޭ ބޭނުމެވެ. 

ކަރުނައިގެ އެހީގައި ހިތާއި ސިކުނޑި ލުއި ކުރެވޭތޯ ގަދައަޑުން ރޯން ފެށި އެވެ. އެ އަޑު އިވޭނެ އިންސާނަކު ނުހުންނާނެކަން އެނގޭތީ އެވެ. ހިތްތައް ޒަހަމްވާފަދަ އެ އަޑު އިވުނަސް، އެކަމަށް އަޅާލާނެ މީހަކު ނުހުންނާނެ އެވެ. 

ޖޫން ޖުލައިގެ ގަދަ ވިއްސާރައިގެ ތޫފާނީ ރެއެއްގެ ކަނު އަނދިރީގައި އޭނާ އެ އިނީ އަމިއްލަ ހަށިގަނޑަށް ލިބެމުންދިޔަ އަނިޔާއަށް ފަރުވާލެއް ނެތި އެވެ. ދޮން ހަށިގަނޑުގެ އެކިތަންތަން ނޫފައިގަންނަނީ އެވެ. ގަދަ ފިނީގެ ސަބަބުންނެވެ. ހަތަރެސްފައި މޭލިބޮއެ ތުރުތުރު އަޅަނީ އެވެ. އެސްފިޔަތަށް ތިރިވެ، ދެ ލޯ މެރިއްޖެ އެވެ. ނިދުނީކަމެއް ނުވަތަ ހެޔަށް ގޮތްވީކަމެއް ނޭގެ އެވެ.

ގެއަށް ވަދެވުމާއެކު އަސްމާރުއަށް ލިބުނީ ހައިރާންކަމެވެ. ގޭތެރޭގައި ދިރޭ އެންމެ ފުރާނައެއްވެސް ނެތެވެ. އަނދިރިކަމާއި ފަޅުކަން ނޫނީ ބޮޑު އެ ގޭގައި ނެތެވެ. ވީ އެންމެ އަވަހަކަށް އޭނާ މިސްރާބުޖެހީ ކާމޭޒާއި ދިމާއަށެވެ. ތަށިތަކުގައި ވަނީ މަތިޖަހައިފަ އެވެ. ކާން ހަދާފައި ހުރީ ނަޔާބުކަން ކަށަވަރެވެ. ތަރުތީބުން، އެހައި ފުރިހަމައަށް އޭނާއަށް ކާން ހަދައިދޭނެ އެހެން މީހަކު އެގޭގައި ނުހުންނާނެކަން ޔަގީނެވެ. 

މިރޭ ނޫނީ އޭނާގެ އިންތިޒާރުގައި އަނބިމީހާ ނެތް ރޭއެއް ހަދާނެއް ނެތެވެ. ލޯބިވާ އަނބިމީހާ އޭނާގެ އަތުން ބީވެދާނެކަން ޔަގީނެވެ. ގައިން ހީބިހި ނެގި އެވެ. ހަށިގަނޑުގެ ހިމަ ލޯލިތަށް ކޮޅަށް ޖެހުނެވެ. ވެހެމުންދިޔަ ބޯ ވާރޭގެ އަޑާއެކު އަސްމާރުގެ ހާސްކަން އިތުރުވީ އޭނާއާއި އޭނާގެ އާއިލާ ދޫކޮށްލާފައި ނަޔާބު ހިނގައިދާނެ ހާލަތެއް ކުރިމަތިވެދާނެތީ އެވެ.

ގަތް ބިރުން ނުހަނު އަވަސް ފިޔަވަޅުތަކާއެކު ދުއްވައިގަތީ ކޮޓަރިއާއި ދިމާއަށެވެ. ލިބުނު މާޔޫސްކަމާއި ނުތަނަވަސްކަން ވީ އިތުރެވެ.

ކޮޓަރީގެ ދޮރު ހުޅުވާލެވުނީ ތަންކޮޅެއް ބާރަށެވެ. އެތާގައިވެސް ވަނީ އަނދިރިކަމެވެ. އަތް ޖެހުނު ކޮންމެ ސްވިޗެއް ތިރިކޮއްލި އެވެ. މަޑު ރީންދޫ އަލިކަމާއި ހުދުކުލައިގެ އަލީން މުޅިތަން ދިއްލިއްޖެ އެވެ.

ކުރިން ހުރި ނުތަވަސްކަން އެތަށް ގުނައަކަށް އިތުރުވެއްޖެ އެވެ. ހެޔޮ އެއްޗެއް ހިތަށްވެސް ނައީ އެވެ. ގަތީ ބިރެވެ. މޭގައި ހިތް ތާށިވީ އޮބިއަޅާއި ފިއްތާލި ފަދައިންނެވެ. 

އެއް ފަހަރު ބަދިގެއަށް އަނެއް ފަހަރު ކޮޓަރިއަށް އަނެއް ފަހަރު ކޮޓަރީގެ ފާހާނާއަށް ވަދެ، ނަޔާބު އެއިން ތަނެއްގައި ހުރިތޯ ބެލުނު އަދަދެއް ނޭގެ އެވެ. 

އަތުގައި އޮތް ލެޕްޓޮޕް ދަބަހާއި ވިއްސާރަ ކޯޓު ބޭއްވުނު ތަނެއްވެސް އޭނާއަށް ނޭގެ އެވެ. ތޫފާނީ މިރޭ މުޅި ގޭތެރޭގައި އަނދިރިކަން ވުމުން އަސްމާރު އާދަޔާ ހިލާފަށް ބިރުގަތްފި އެވެ. ހަމަ ހޭގައި އަނދިރީގެ ތެރޭގައި ނަޔާބުއަށް ކެތް ނުވާނެކަން އެންމެ ރަގަޅަށް އެނގޭނީ އޭނާ އަށެވެ. 

ހިތުގައި ރިއްސަމުންދިޔައީ ނޭވާ ލުމަށްވެސް ދަތިވާ މިންވަރަށެވެ. ވެހެމުން ދަނީ ތޫފާނީ ވާރެއެކެވެ. ޖަހަމުންދާ ގުގުރިއާއި ވިދަމުންދިޔަ ވިދުވަރުގެ ބިރުވެރިކަމުން މުޅި ކާއިނާތު ވަނީ ކަޅުކޮއްލާފައި އެވެ. އިންސާނީ ދަރިފަސްކޮޅު ވަނީ އެމީހުންގެ ހާލިތަކުގަ އެވެ. ނުވަތަ އަރާމު ތަންމަތީގައި މަޑު ބްލޭންކެޓްތަކުގެ ތެރޭގަ އެވެ. މޮޔައެއް ފަދައިން މުޅި ގެ ބަލައިފި އެވެ. ނަޔާބެއް ނުފެނުނެވެ. ދެވުނު ނިކަމެތިކަމާއި ކުރެވުނު ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކުން އަސްމާރުގެ މުޅި ނަފުސު ތުރުތުރު އަޅުވާލައިފި އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;