ads
ކުޅުދުއްފުށީގައި އިއާދަކުރަނިވި ހަކަތައިން ފެން އުފައްދަން ފަށަނީ
ކުޅުދުއްފުށީގައި އިއާދަކުރަނިވި ހަކަތައިން ފެން އުފައްދަން ފަށަނީ
އަންނަ އޭޕްރީލް މަހުން ފެށިގެން ކުޅުދުއްފުށި ސިޓީގައި ޑީސަލާ ނުލައި ފެން އުފެއްދުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

އިއްޔެ ފާހަގަކުރި ދުނިޔޭގެ ފެނުގެ ދުވަހާއި ގުޅިގެން މަތީން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި ގުދުރަތީ ކާރިސާތަކާއި ދުނިޔޭގައި ހިނގާ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައިވެސް ފެނުގެ ހިދުމަތް ރައްޔިތުންނަށް ކަށަވަރުވާނޭ ގޮތަކަށް ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް އެންމެ ބޮޑަށް ބޭނުން ކުރެވޭނޭހެން ފެނުގެ ނިޒާމުތައް ފަރުމާކޮށް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތު ކަމަށެވެ.

މިގޮތުން ޑީސަލް ބޭނުންނުކޮށް ހަމައެކަނި އިރުގެ ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމު ގާއިމުކުރުމަށް މިދިޔަ އަހަރު ކުޅުދުއްފުށި ސިޓީގައި އެމްޑަބްލިޔުއެސްސީ އިން ފެށި މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ނިމިފައިވާކަން އަބްދުލް މަތީން ފާހަގަކުރެއްވި އެވެ.

ޖަޕާނުގެ ކެނެޑޭވިއާ ކޯޕަރޭޝަނާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ހުރި އާރްއޯ ޕްލާންޓަކާއި، 500 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއްގެ އިތުރުން 1450 ކިލޯވޮޓް އަވާގެ ބެޓެރީ ސިސްޓަމެއް ވަނީ ގާއިމުކޮށްފަ އެވެ. 

އެމްޑަބްލިޔުއެސްސީން ބުނީ، މި މަޝްރޫއަށް ހިނގި ހަރަދުގެ 27 އިންސައްތައަކީ ޖަޕާނުގެ ގްލޯބަލް އެންވަޔަރަންމަންޓް ސެންޓާ ފައުންޑޭޝަން ޖީއީސީގެ ހިލޭ އެހީ ކަމަށެވެ. އަދި މި ނިޒާމާއެކު ކުޅުދުއްފުށީގެ ފެން އުފައްދާ ނިޒާމަށް ބޭނުންވާ ހަކަތައިގެ 100 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުވެގެންދާނެ ކަމަށެވެ.

"ޑީސަލް ބޭނުންނުކޮށް ހަމައެކަނި އިރުގެ ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމު ގާއިމު ކުރުމަށް 2025 ވަނަ އަހަރު ހދ. ކުޅުދުއްފުށީގައި ފެށި މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ވަނީ ނިމިފައި. މިހާރު ކުރިޔަށް ގެންދެވޭ ޓެސްޓިން މަރުހަލާ ނިމުމަށްފަހު އެޕްރީލް މަހުން ފެށިގެން ކުޅުދުއްފުށީގައި ޑީސަލްއާ ނުލައި މުޅި ރަށަށް ބޭނުންވާ ވަރަށް ފެން އުފެއްދުމުގެ ގާބިލުކަން ލިބިގެން ދާނެ." މަތީން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

މިއީ ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖެކުރާ ދަތުރުގައި ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވެ މި ކާމިޔާބީއަށް ވާސިލްވުމަށް މަސައްކަތްކޮށް އެހީވި އެންމެންނަށް އަބްދުލް މަތީން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;