ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ހަބަރާއި މައުލޫމާތު ފެތުރުމުގައި ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެދިފަ އެވެ. އަދި ވާހަކައިގެ މަފްހޫމު ނުގެއްލޭ ގޮތަށް މައުލޫމާތު ގެނެސްދޭން ވަނީ އެދިފަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލި ސުލޫކީ މިންގަނޑުގައި ވެސް ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ މާއްދާ އޮތީ ނުރައްކާތެރި ގޮތަކަށެެވެ. އޭގައި ބުނަނީ ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން، މައުލޫމާތު ހާމަކުރަން ވާނީ ކަމާބެހޭ އިދާރާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން، ބައެއް މީޑިއާތަކުން ހަގީގަތާއި ހިލާފު ދޮގު ހަބަރާއި މައުލޫމާތާއި، ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރާކަން އެކި ފަރާތްތަކުން ފާހަގަކުރެ އެވެ. އަދި ހަނގުރާމައާއި ގުޅޭ މައުލޫމާތުތައް ފެތުރުމަށް ސައްހަ ނޫން މަސްދަރުތައް ބޭނުންކުރާކަން ފާހަގަކުރެވެ އެވެ.
އެމެރިކާ-އިޒްރޭލުން އަންނަނީ މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް ޓެރަރިޒަމަށް ހިތްވަރު ލިބޭ ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ހަމަޖެހުން ވަނީ ގެއްލިފަ އެވެ. އެގޮތުން، އެމެރިކާ-އިޒްރޭލުން ދަނީ ކެނޑިނޭޅި ލުބުނާނާއި ސީރިއާ އާއި ޔަމަނާއި އީރާނުގެ ސަރަހައްދުތަކަށް ހަމަލާދެމުންނެވެ. އަދި ފަލަސްތީނުގެ ސަރަހައްދުތަކަށް އަތްގަދަކުރުމަށް އެ ދައުލަތުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށްވެސް ނިމުމެއް ނާދެ އެވެ.
އެމެރިކާ-އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާދޭން ފަށައި އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އިސް އެތައް ބަޔަކު ވަނީ އަވަހާރަކޮށްލައިފަ އެވެ. އީރާންގެ އަސްކަރީ އެކި މަގާމުތަކާއި އަސްކަރީ މަނަވަރުތަކަށް ކެނޑިނޭޅި ހަމަލާދެމުން ދާއިރު މަރުވި މީހުންގެ އަދަދު ވަނީ ދެ ހާހަށް ވުރެ އިތުރުވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;