މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ އޭވިއޭޝަން އިންޑަސްޓްރީގެ ތަޖުރިބާކާރުންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ނޮވެންބަރު 23 އިން 25 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި އެ ކޮމިޓީ ތަމްސީލުކުރައްވާ 23 މެންބަރުންނާއި 7 އޮބްޒާވަރުން ބައިވެރިވެވަޑައިގަންނަވައެވެ. މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) ގެ ޑިރެކްޓަރ އޮފް ފްލައިޓް އޮޕަރޭޝަންސް މުހައްމަދު މަންސޫރެވެ. މީގެ އިތުރުން އެމްއޭ.ސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފާއި އެ ކުންފުނީގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނީ ފަރާތްތަކުން ތަޖުރިބާ ހިއްސާކޮށް، ދަތުރުފަތުރުގެ އޮޕަރޭޝަންތަކުގައި އަލަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތައް ހޯދުމަށާއި، ސަރަހައްދީ ފެންވަރުގައި ސަލާމަތީ ކަންކަން އެއް މިންގަނޑަކަށް ގެނައުމަށް މަގުފަހިކޮށްދިނުމަށް ބާއްވާ ބައްދަލުވުމެކެވެ. އެގޮތުން މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ އެއާސައިޑްގެ ރައްކާތެރިކަމާއި، ގްރައުންޑް ހޭންޑްލިންގ އޮޕަރޭޝަންތަކާއި، ރަންވޭގެ ސަލާމަތީ ކަންކަމުގެ އިތުރުން ދާއިރާއަށް އަލަށް ތަޢާރަފުވަމުންދާ ޒަމާނީ ޓެކްނޮލޮޖީތަކުގެ މައްޗަށެވެ.
މި ޕްރޮގްރާމުގެ ތެރެއިން، ޕްރޮގްރާމްގެ ބައިވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކޮށް، އެތަނުގެ އޮޕަރޭޝަންތައް ހިނގާގޮތް ބަލައިލުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ރާއްޖޭގައި ހިންގަމުން އަންނަ ސީޕްލޭން އޮޕަރޭޝަންތަކުގެ މަސައްކަތްތައް ބަލައިލުމުގެ ފުރުސަތު ލިބި، ރާއްޖޭގެ ރަށްތައް ގުޅުވައިދިނުމުގައި ވައިގެ ދަތުރުފަތުރު އަދާކުރާ މުހިންމު ދައުރު ބައިވެރިންނަށް ޢަމަލީ ގޮތުން ފެނިގެންދާނެއެވެ.
ސަރަޙައްދީ މިފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި ބޭއްވުމަކީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިވެހިރާއްޖޭގެ ބައިވެރިވުން ފުޅާވަމުންދާ މިންވަރާއި، ސަރަޙައްދީ އެއްބާރުލުން ވަރުގަދަކޮށް، އައު ވިސްނުންތައް ކުރިއަރުވައި ވައިގެ ބަނދަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.