ads
ރެފަރަންޑަމާ ގުޅޭ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗް
ރެފަރަންޑަމާ ގުޅޭ މައްސަލައިގެ އަޑުއެހުން ނިންމާލައިފި
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ރެފެރެންޑަމް ވޯޓު ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ހުށަހަޅާފައިވަނީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމަށް ބުނެ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައި، ދެން އޮންނާނީ ހުކުމް ކުރުން ކަމަށް އުއްތަމަ ފަނޑިޔާރު އިއުލާން ކުރައްވައިފި އެވެ.
Advertisement

މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ފާސްކޮށް، މިދިޔަ މަހުގެ 11ގައި ބިލު ތަސްދީގުކުރަން ވަނީ ފޮނުވާފަ އެވެ.

އެކަމަކު އިސްލާހު ތަސްދީގުކުރުމުގެ ކުރިން، އެކަން ކުރަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންޖެހެ އެވެ.

އެހެންވެ، މިދިޔަ މަހުގެ 16ގައި ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރެއްގައި ހިޔާލު ހޯދުމުގެ ވޯޓު ނަގަން ނިންމާފައިވަނީ އަންނަ މަހުގެ 4ގަ އެވެ.

ފެންނަ ނުފެންނަ ވޯޓްގައި އަހާ ސުވާލަކީ މިއެވެ؛ "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"

އެ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމް އެވެ.

ގާނޫނީ ވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމާއި އައިކު އަހުމަދު އީސާ އެ މައްސަލަ ހުށަހެޅީ ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީސް އަދި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށެވެ.

ޝިޔާމް އާއި އައިކު ދެކެނީ ރައްޔިތުންނަށް އެޕްރީލް ހަތަރެއްގައި ކުރިމަތިކުރުވާ ސުވާލަކީ ގާނޫނުއަސާށީގެ 262 ވަނަ މާއްދާގެ (ށ) އިން ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލެއް ނޫން ކަމަށެވެ.

ރައްދުގައި ދައުލުން މިއަދު ބުނީ ހިޔާލު ހޯދުމުގެ ވޯޓުގައި އަހަން ޖެހޭ ސުވާލު އިބާރާތްކުރަންވީ ގޮތް ގާނޫނުއަސާސީގައި ނެތް ކަމަށާއި އެ ކަމުގެ ބާރު ގާނޫނަކުން ދީފައިވަނީ ވަކި އިޖުރާއަތްތަކެއް ފުރިހަކޮށްގެން ރައީސަށް ކަމަށެވެ.

މައްސަލަ ހުށަހެޅި ފަރާތާއި ރައްދުވާ ފަރާތުން ދައްކަން ޖެހޭ ވާހަކަތައް ދެއްކުމަށް ފުރުސަތު ދިނުމަށް ފަހު އަޑުއެހުން ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަނީ ދެން އޮންނާނީ މައްސަލައާ މެދު ގޮތެއް ނިންމުންކަން ހާމަކުރައްވައިފަ އެވެ. ނަމަވެސް، އެ އަޑުއެހުން އޮންނާނެ ވަކި ދުވަހެއް އުއްތަމަ ފަނޑިޔާރު ހާމައެއް ނުކުރައްވަ އެވެ. 

މި މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އޭގެ ތެރެއިން ތިން ފަނޑިޔާރުންނަކީ މި ސަރުކާރުގައި މި ފަހުން ސުޕްރީމް ކޯޓަށް އައްޔަންކުރި ފަނޑިޔާރުންނެވެ. އެއީ

  • އަބްދުލްގަނީ މުހައްމަދު (އުއްތަމަ ފަނޑިޔާރު)؛ އައްޔަންކުރީ 6 އޮގަސްޓް 2025ގައި

  • ހުސައިން ޝަހީދު: އައްޔަންކުރީ 19 މާޗު 2025ގައި

  • އަބްދުﷲ ހަމީދު: އައްޔަންކުރީ 11 ޖޫން 2025ގައި

ދެން ބެންޗުގައި ތިއްބަވާ ފަނޑިޔާރުންނަކީ:

  • އަލީ ރަޝީދު ހުސައިން

  • ޑރ. މުހައްމަދު އިބްރާހީމް

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;