ރައީސް ވަނީ މިކަމުގައި ޒުވާނުންނާއި އަންހެނުން އަދި ޖުމްލަ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ބޭނުންވާކަމަށް ވިދާޅުވެފަ އެވެ.
ކުރިއަށް އޮތް ތަނުގައި ގެންނަވާނެ ބަދަލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިދިޔަ ހަފުތާގައި އިއުލާންކުރެއްވި ގޮތަށް މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަ ކުރައްވާނެ ކަމަށެވެ.
އެގޮތަށް ބަދަލު ކުރުމުން ޒުވާނުން ބާރުވެރި ކުރުވައި، ގައުމުގެ ކަންކަން ނިންމުމުގައި އެންމެ މުހިންމު މުއައްސަސާގެ ތެރެއަށް ޒުވާނުންނަށް ވަދެވޭނެ ފުރުސަތު ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އާބާދީއަށް ބަލާއިރު ޒުވާނުންނަކީ 39 އިންސައްތައަށްވާއިރު އަންހެނުން 49 އިންސައްތަ ހިއްސާކުރާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެން ކަމުން ނިޒާމުގެ ތެރެއިން އެފަރާތްތައް ތަމްސީލުކުރަން ވަކި އިންސައްތައެއް ހާއްސަކުރުމަކީ މުހިންމުކަމެއްކަމަށެވެ.
ރައީސް ވިދާޅުވީ ޒުވާނުންނާއި އަންހެނުންނަށް ޚާއްސަ ގޮނޑިތައް ކަނޑައެޅުމަކީ މިހާރު ނެގުމަށް މަސައްކަތް ކުރާ އާންމުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓާއި ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނު ވަނީ ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް މި އިސްލާހު ގެނައުމަށް ހުށަހަޅުވަން ގަސްތުކުރައްވާކަމަށް ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 10 ޕަސެންޓު ޒުވާނުންނަށް ހާއްސަ ކުރަން ރައީސް މުއިއްޒުގެ ވިސްނުން ގެންގުޅުއްވާއިރު، މިހާރު ރައްޔިތުން މަޖިލިސް އެތުރިފައިވާ ގޮތް ބަދަލުކޮށް މަޖިލީހުގައި މަތިގެއެއް އަދި ތިރިގެ އެއް އުފެއްދުމަށް އެދޭ ރާއްޖެ ކެމްޕޭން ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.
"އެދޭ ރާއްޖެ" ކަރުދާހުގައި ބުނާ ގޮތުން މިހާރު ރައްޔިތުންގެ މަޖިލިސް އެކުލެވި ހިނގަމުންދާ ގޮތުން ފެންނަ އެންބޮޑު މައްސަލައަކީ މަޖިލީހަކީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރާ ތަނެއްގެ ބަދަލުގައި، އޭރަކު އޮންނަ ސަރުކާރު ހިމާޔަތް ކުރާ ތަނަކަށް ވެފައޮންނަ އޮތުމެވެ. އަދި ގާނޫނު ހެދުމާ، ދައުލަތް ޖަވާބުދާރީ ކުރުމުގައި ފެހި ގާނޫނޫ އަސާސީން އިންތިހާބުވި ހަތަރު މަޖިލިސް ވެސް އިހުމާލުވުމެވެ.
ރައްޔިތުންގެ މަޖިލިސް ތަރުތީބުކުރުން
މައްސަލަ:
ރައްޔިތުންގެ މަޖިލިސް އެކުލެވި ހިނގަމުންދާ ގޮތުން މަޖިލީހަކީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރާ ތަނެއްގެ ބަދަލުގައި، އޭރަކު އޮންނަ ސަރުކާރު ހިމާޔަތް ކުރާ ތަނަކަށް ވަނީ ވެފަ އެވެ. އަދި ގާނޫނު ހެދުމާ، ދައުލަތް ޖަވާބުދާރީ ކުރުމުގައި މަޖިލިސްވަނީ އިހުމާލު ވެފައެވެ.
"އެދޭ ރާއްޖެ" ހުށަހެޅުން:
ގާނޫނު ހެދުމާއި ދައުލަތް ޖަވާބުދާރީކޮށް ރައްޔިތުންގެ މަސްލަހަތު ޔަގީން ކުރުމަށް ތިރީގައިވާ ކަންކަން އެދޭ ރާއްޖެ ހަރަކާތުން ހުށަހަޅަމެވެ.
1. ރައްތުންގެ މަޖިލީހުގެ މަތިގެއެއް އުފައްދައި، މަތިގެއަށް ހޮވާ މެމްބަރުންނަކީ މުޅި ރާއްޖެ ތަމްސީލުކުރާ މަންދޫބުންތަކެއްކަމަށް ކަނޑައަޅައި، މަތިގެއަށް މަންދޫބުން ހޮވާނީ (ރާއްޖެ 4 ސަރަހައްދަށް ބަހާލައިގެން އެ 4 ސަރަހައްދުން ވޯޓްލައިގެން) މުޅި ރާއްޖެއިން ވޯޓުލައިގެން ކަމަށް ކަނޑައެޅުން.
2. މުޅި އަތޮޅުންނާއި ސިޓީއިން ވޯޓުލައިގެން ތިރިގެއަށް މެންބަރުން އިންތިހާބުކުރާގޮތަށް ބަދަލުކުރުން.
3. ދައުލަތުގެ މިނިވަން މަގާމުތަކަށް ހޮވާ ފަރާތްތައް ނެގުމާއި ވަކި ކުރުމުގެ ޒިންމާ މަތިގެއަށް ހަވާލުކުރުން.
4. ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ޖަވާބުދާރީވާކަން ޔަގީން ކުރުމުގެ ގޮތުން މަދުވެގެން އަހަރަކު ހަތަރު ފަހަރު ރައްޔިތުންގެ މަޖިލީހުގެ މަތީގެއަށް ހާޒިރުވެ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދާރީވުން.
5. ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް މިނިވަންކަމާއެކު ވޯޓު ލެވޭނެކަން ޔަގީންކުރުން. އަދި ވޯޓުލާ ގޮތަކުން ގޮނޑި ނުގެއްލޭނެކަން ކަނޑައެޅުން
6. ރައްޔިތުންގެ މަޖިލީހުގެ މަތިގެއާ ތިރިގޭގެ މެމްބަރުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް މަޖިލީހުގެ އަދަދާއި ޝަރުތުތަކާމެދު މަޝްވަރާ ކުރުން.
7. ރައްޔިތުންގެ މަޖިލީހުގެ މަތިގޭގައި ހުރިހާ އަތޮޅުތައް ތަމްސީލުވެފައިވުން.
8. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވިޔާފާރި ކުރުން މަނާ ކުރުން. އަދި މަގާމުން ވަކިވުމުންވެސް 2 އަހަރު ވަންދެން ސަރުކާރާއެކު އެއްވެސް ވިޔަފާރިއެއް ކުރުން މަނާ ކުރުން.
ނަތީޖާ:
މުޅި ދިވެހިރާއްޖެ ހިއްސާވާ ތަރައްގީގެ ތަސައްވުރެއް އެކުލަވާލެވި، ކޮންމެ ފިކުރެއްގެ ސަރުކާރެއް އޮތް ކަމުގައިވިޔަސް، ތަރައްގީގެ ކަންކަން އެއްކީލިވެ، އެއް މިސްރާބަކަށް ދާން މަގުފަހިވާނެ އެވެ. ހަމަ އެހެންމެ، ސިޔާސީ ބޭނުމަށް ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހަނި ކުރެވިގެންދާނެ އެވެ.
ރައްޔިތުންގެ މަޖިލިހަކީ ރައްޔިތުންގެ އަޑު އިއްވާ ތަނެއްގެ ގޮތުގައި ލޭބަލް ކޮށްފައި ވިޔަސް އެއީ ނަމަކަށް އޮތް ތަނެކެވެ. އެތަނުގައި އިއްވަނީ މެޖޯރިޓީ އޮތް ބައެއްގެ އަޑެވެ. ސަރުކާރުގެ އަޑެވެ. ރައްޔިތުންގެ އަޑު އެތަނުން އިވޭ ކަމަށް ގަބޫލުކުރާ ރައްޔިތުންވީ އިންތިހާ އަށް މަދެވެ. އެހެންކަމުން އެދޭ ރާއްޖެ ކަރުދާޙުގައިވާ ހުށައެޅުންތަކަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އަށް އެދެމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;