މި މަހުގެ 8 ވަނަ ދުވަހު މުއްދަތު ހަމަވާ މި ސްކޫކަށް ދައްކަން ޖެހޭ ފައިސާ ސަރުކާރުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ދައްކައި ހަލާސްކޮށްފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެ ފައިސާ ދެއްކުމުގައި ސަރުކާރުން ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ އެވެ.
އެކަމާ ގުޅިގެން އެމްއެމްއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ދައުލަތަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށާއި އަދި ބޭރު ފައިސާގެ ލިކިއުޑިޓީ އިތުރުކުރުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް އެ އޮތޯރީޓީން ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ.
އެގޮތުން، 2024 ވަނަ އަހަރު، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަންފީޒުކުރުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ބޭރު ފައިސާގެ ނިޒާމު ކުރިއަށްވުރެ ހަރުދަނާވެ، ދައުލަތުން އަދާކުރަންޖެހޭ ދަރަނިތައް ދެއްކުމުގައި މުހިންމު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.
އަދި ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމާއި، މިކަމާ ގުޅޭ އެހެނިހެން އިސްތިރާޖީ ރިފޯމްސްތައް ތަންފީޒުކުރެވިފައި ވަނީ ދިވެހި ސަރުކާރާއި ދައުލަތުގެ އެއްމެހައި އިދާރާތަކާއި އެ އޮތޯރިޓީ ގުޅިގެން ކުރެވުނު މުހިންމު މަސައްކަތްތަކުން ކަމުގައި އެމްއެމްއޭއިން ފާހަގަކުރެ އެވެ.
އެމްއެމްއޭއިން ބުނީ ރާއްޖޭގެ މާލީ އަދި މަނިޓަރީ ހަމަޖެހުން ދެމެހެއްޓުމަށާއި، ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރުގައި ފައިސާ ދައުރުވާ މިންވަރު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް އެ އޮތޯރިޓީން އަބަދުވެސް އިސްކަންދޭ ކަމަށެވެ.
އަދި މުސްތަގްބަލުގައިވެސް، ސަރުކާރާއި ދައުލަތުގެ އެއްމެހައި އިދާރާތާކުގެ އެއްބާރުލުމާއެކު، ދައުލަތުގެ ރިޒާވު އިތުރަށް ވަރުގަދަކުރުމަށްޓަކައި އެކުލަވާލަންޖެހޭ އެންމެހައި ސިޔާސަތުތައް ރާވައި ތަންފީޒުކުރުމުގައި ދެމިއޮންނާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.
ސުކޫކަށް މިފަހުން ފައިސާ ދެއްކި އިރު މިދިޔަ މާޗް މަސް ނިމުނު އިރު ދައުލަތުގެ ރިޒާވް ވަނީ 1.3 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;