އިއްޔެ ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން ހުރިހާ ސިޓީއެއްގެ މޭޔަރުކަމާއި ހުރިހާ ސިޓީއެއްގެ މެޖޯރިޓީގެ އިތުރުން ބައެއް ރަށު ކައުންސިލްތަކުގެ ރައީސްކަމާއި މެމްބަރުކަންވެސް އެމްޑީޕީން ވަނީ ހޯދާފައެވެ.
އިންތިހާބުން ލިބުނު ނާކާމިޔާބީއަށް ފަހު ކައުންސިލްތަކާއި ސިޓީތަކާއި ބެހޭ މިނިސްޓަރު އާދަމް ޝަރީފު އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާފައެވެ.
މިނިސްޓަރު ވިދާޅުވީ އަލަށް އިންތިހާބު ކުރެވޭ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކޮށް، ރައްޔިތުންނާއި ގާތުން، އުންމީދީ އަދި ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާނެކަމަށް އުންމީދު ކުރައްވާކަމަށެވެ. އަދި ސަރުކާރުން ވަކި ބަޔަކުވީމާ ތަފާތުކުރުން ނުގެން ގުޅޭނެކަމަށްވެސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.
އިއްޔެ އިންތިހާބުން ނުކުތް ނަތިޖާ އިހްތިރާމާއި އެކު ގަބޫލުކުރައްވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅު ކުރެއްވުމުގައި މަސައްކަތް ކުރައްވާނެކަމަށްވެސް އިންތިހާބުގެ ބަލި ގަބޫލުކުރައްވާ އެކްސްގައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;