އިހަވަންދިއްޕޮޅުގައި ސެޕްޓެމްބަރު 2024ގައި އެ މަޝްރޫއު ފެށީ، އަހަރަކު 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ހިސާބު ޖައްސަވައިގެނެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ބަންކަރިން ހިދުމަތުން މިދިޔަ މަހު 31އާ ހަމައަށް 730 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ، 47 މިލިއަން ޑޮލަރު ކަމަށްވާއިރު، އިތުރު ތަފުސީލެއް މިނިސްޓަރު ނުދެއްވަ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯ އިން ބަންކަރިންގައި ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ވިޓޯލްއާ ގުޅިގެން ބަންކަރިންގެ ވިޔަފާރި ފަށާފައިވަނީ މިދިޔަ އަހަހުގެ ސެޕްޓެމްބަރު މަހު އެވެ. މި މަސައްކަތް ފެށީ އުތުރުން ދަތުރު ކުރާ އުޅަނދު ފަހަރަށް ހިދުމަތް ދޭން އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓްއެއް ގާއިމްކޮށްގެންނެވެ.
އެ ސަރަޙައްދަކީ ކޮންމެ ދުވަހަކުވެސް 200އަށްވުރެ ގިނަ އާގުބޯޓުފަހަރާއި އެނޫންވެސް އެތައް އުޅަނދުތަކެއް ދަތުރުކުރާ ސަރަޙައްދެކެވެ. އެ ބޯޓުފަހަރުގައި އެތައް ބިލިއަން ޑޮލަރުގެ މުދާ ކޮންޓެއިނަރުތަކުގައި މި ސަރަޙައްދުން އުފުލައެވެ. މި ވިޔަފާރި ފެށުމަށްފަހު އެސްޓީއޯ އިން ބައެއް ބޯޓު ފަހަރަށް ތެޔޮ އެޅުމުގެ ހިދުމަތް ދަނީ ދެމުންނެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެކުރިން ވިދާޅުވީ ރާއްޖޭގެ އުތުރުގައި 300 އާއި 450 އާ ދެމެދުގެ އަދަދަކަށް ކޮމާޝަލް ބޯޓުފަހަރު ދަތުރުކުރަމުންދާ ކަމަށެވެ. މީގެތެރެއިން އެއް ޕަސެންޓް ބޯޓަށް ބަންކަރިން ހިދުމަތް ދިން ނަމަވެސް ރާއްޖޭގެ ޖީޑީޕީއަށް އިތުރު 400 މިލިއަން ޑޮލަރު ފުރަތަމަ އަހަރުވެސް ލިބޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;