މި އުސޫލު ކަނޑައަޅުއްވާފައިވަނީ މިހިނގާ ނޮވެންބަރުމަހުގެ 15 ވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހު އެވެ.
މި އުސޫލުގެ މަގުސަދަކީ، އެކި ފަންނުވެރި ދާއިރާތަކާ ގުޅުންހުރި މައްސަލަތަކާމެދު މަޝްވަރާކޮށް، އެ ދާއިރާތަކާގުޅޭ ސިޔާސަތުތައް ބައްޓަންކޮށް ތަންފީޒު ކުރުމުގައި، ދާއިރާތަކުން ލިބިފައިވާ ފަންނީ ތައުލީމާއި ތަޖުރިބާގެ އަލީގައި މަޝްވަރާ ހުށަހެޅުމަށް ފުރުސަތު ދިނުމަށް އުފައްދަވާ "ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް" އެކުލަވާލުމާއި ހިންގުމުގައި އަމަލުކުރާނެ ގޮތް ކަނޑައެޅުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
މި ގޮތުން ކޮންމެ ވުޒާރާއަކަށް ކަނޑައެޅޭ ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތަކެއް އެކުލަވާލައި، އެ ދާއިރާތަކުން ފަންނީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ބޭފުޅުން އެ ކޮމިޓީތަކަށް އައްޔަންކުރުމަށް ވަނީ ނިންމާފަ އެވެ.
ރައީސް އޮފީހުން ބުނީ، މި ކޮމިޓީތަކުގައި މެންބަރުން ކުރައްވާ މަސައްކަތަކީ ގައުމީ ހިދުމަތެއްގެ ގޮތުގައި ބައްލަވައި، އެ މަސައްކަތަށް ވަކި އުޖޫރައެއް ނުދެއްވާ ގޮތަށް ރައީސް ނިންމަވާފައިވާ ކަމަށެވެ. އަދި، ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް އެކުލަވައިލެއްވުމުގައި އަމަލުކުރައްވާނެ އުސޫލު ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރަން ވަނީ ހަމަޖެހިފަ އެވެ.