ads
ސީވީއެފް-ވީ20 ގެ ބޯޑުގެ ދެވަނަ ބައްދަލުވުމަށްފަހު، އެ ބޯޑުގެ މެންބަރުންނާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ފޮޓޯއަކަށް ހުއްޓިވަޑައިގެން - ފޮޓޯ: ސީވީއެފް
ސީވީއެފްގެ ޖެނެރަލް ސެކްރެޓްރީގެ ދައުރު ނިމުމުން ނަޝީދު ރާއްޖެއަށް
ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް)ގެ ސްކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމު ފުރުއްވަން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު، އެ މަގާމުގެ ދައުރު ނިމުމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެއަށް ވަޑައިގެންފި އެވެ.
Advertisement

ސީވީއެފްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނަވައިގެން ނަޝީދު ކޮށްދެއްވި ހިދުމަތްތަކަށް، މިދިޔަ އަންގާރަ ދުވަހު، އެމެރިކާގެ ވޮޝިންޓަންގައި ބޭއްވި ސީވީއެފް އަދި ވަލްނަރަބަލް ޓްވެންޓީ (ވީ20) ގެ ގަވާނިން ބޯޑުގެ ދެވަނަ ބައްދަލުވުމުގައި، އެ ބޯޑުގެ މެންބަރުން ވަނީ ތައުރީފު ކުރައްވައިފަ އެވެ.

ބައިނަލްއަގުވާމީ މައިދާނުގައި މޫސުމީ ބަދަލުތަކުގެ ނުރައްކާ އޮތް ގައުމުތަކުގެ އަޑު އުފުލުމުގަ އާއި، މޫސުމީ އިންސާފު ހޯދައި ދިނުމަށް ވަކާލާތުކުރުމުގައި ނަޝީދު އަދާކުރެއްވި އިސް ދައުރު ބޯޑު މެންބަރުން ފާހަގަކުރެއްވި އެވެ.

ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ ގައުމުތަކުން ކޮޕް ފަދަ ބައިނަލްއަގުވާމީ ސްޓޭޖުތަކުގައި ގުޅިގެން މަސައްކަތް ކުރުމުގެ މަގުސަދުގައި 2009 ވަނަ އަހަރު އުފެއްދި ސީވީއެފްގެ ފުރަތަމަ ޖެނެރަލް ސެކްރެޓަރީއަކީ ނަޝީދު އެވެ.

ރާއްޖެއަކީ ސީވީއެފްގެ މެންބަރު ގައުމެކެވެ. ސީވީއެފްގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ 2009ވަނަ އަހަރުގެ ރާއްޖޭގައެވެ.

ނަޝީދު ދިވެހިރާއްޖެއަށް ވަޑައިގެންނެވީ މިއަދު މެންދުރުފަހު އެވެ. އެމަނިކުފާނު ދިވެހިރާއްޖެއަށް އެނބުރި ވަޑައިގަތުމުގެ ކުރިން ވަނީ ސޯޝަލްމީޑިއާ އެކްސްގައި ނުސީދާ މެސެޖެއް ދެއްވައިފަ އެވެ. 

ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓުން ރޭ ކުރެއްވި ޕޯސްޓެއްގައި ގޮވައިލެއްވީ "ހުރިހާ ބޭފުޅުން ވެސް އެނބުރި ހާއްޔަށް އަންނަން" ތައްޔާރުވެލެއްވުމަށެވެ.

ގާނާގައި ދިރިއުޅުއްވަމުން ގެންދެވިއިރު ވެސް ނަޝީދު ދޭތެރެދޭތެރެއިން ރާއްޖެ ވަޑައިގެން، އޭރު އެ މަނިކުފާނު އުޅުއްވި ޑިމޮކްރެޓްސްގެ ކެމްޕެއިންތަކުގައި ހަރަކާތްތެރިވެވަޑައިގެންނެވި އެވެ. އަދި މިދިޔަ އަހަރު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި އެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި، އެ މަނިކުފާނު އެނބުރި ވަޑައިގެންނެވިއިރު، އެމްޑީޕީން ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުން ވެސް އެ މަނިކުފާނަށް ގޮނޑިއެއް ދޭން ނިންމާފައެވެ. އެފަދައިން ނިންމީ އެ ޕާޓީގެ އެތެރޭގައި މި ފަހުން އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު، އެމްޑީޕީގެ ގައުމީ މަޖިލީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;