"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ ހަނގުރާމައިގެ އަސަރު ރާއްޖެއަށް ކުރަމުންދާ މި އުނދަގޫ ހާލަތުގައި ވެސް ސަރުކާރުން ޔަގީންކުރާ އެއްކަމަކީ ދިވެހި މަސްވެރިން މަސްކަނޑުތަކަށް ނުކުމެވޭނެކަން ކަށަވަރުކުރުން ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެހާ މައްޗަށް އަރައިގެން ދިޔަނަމަވެސް ދިވެހި މަސްވެެރިންނަށް އެބުރަ ނުޖައްސައި، ސަރުކާރުން މިއަދާ ހަމައަށް ވެސް ދަނީ ތެލުގެ ކަންކަން ވީ އެންމެ ރަނގަޅަށް މަނޭޖުކުރަމުން ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި އެކަން މަސްވެރިން ވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމު ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށް ފަހު މުޅި ރާއްޖެ އަށް ވެސް އެންވެރިކަން ރަނގަޅުވާން ފެށުމާ އެކު މަސްވެރިކަން ވެސް އަންނަނީ ވަރަށް ރަނގަޅުވަމުން އަންނަ ކަމަށެވެ.
ޝިޔާމް އެފަދައިން ވިދާޅުވި އިރު މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެސްޓީއޯއިން ވަނީ، ވިޔަފާރިތަކަށް ވިއްކާ ތެލާއި ޑީސަލްގެ ރޭޓުތައް މީގެކުރިން ބޮޑުކޮށްފައެވެ. ނަމަވެސް ފަހުން ވަނީ އޭގެތެރެއިން އާންމު ދަތުރުފަތުރުގެ ހިދުމަތްދޭ ވިޔަފާރިތަކާއި، އެސްޓީއޯއިން ތެޔޮ ގަނެގެން ރަށްރަށުގައި ޝެޑް ހިންގާ އަމިއްލަ ވިޔަފާރިތައް އެ ބަދަލުން އިސްތިސްނާ ކޮށްފަ އެވެ.
މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ބަލާއިރު މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް 16.54 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެ އެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް ކިރާނަމަ، 16.04 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެ އެވެ. މީގެ އިތުރުން، ކުރިއެކޭވެސް އެއްގޮތަށް ޑީސަލް ގަންނަ އާންމު ފަރާތްތަކަށް ވިއްކަމުން ދާނީ ލީޓަރެއް 17.54 ރުފިޔާގެ މަގުން ކަމަށް ސަރުކާރުގެ މަސްކުންފުނި މިފްކޯއިން މީގެކުރިން ވަނީ ހާމަކޮށްފަ އެވެ.
ޝިޔާމް ވަނީ މީޑީއާތަކުން މައުލޫމާތު ފަތުރާއިރު ކަންއޮތްގޮތް ރަނގަޅަށް ބެލުމަށްފަހު އެ މައުލޫމާތެއް ފެތުރުމަށް ވެސް އިލްތިމާސްކުރައްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;