ފުލުހުން ބުނީ މަހު 21 ވަނަ ދުވަހު އަޕަރ ސައުތު ޕޮލިހުގެ ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން ޓީމާއި، ގދ. ތިނަދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ތިނަދޫ ސިޓީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ.
މި އޮޕްރޭޝަންގައި ދެ މީހުން ހައްޔަރުކޮށްފައިވާއިރު މި އޮޕަރޭޝަނަކީ މަސްތުވާތަކެތި އެތެރެކުރުމާއި އެ ތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި މި އަހަރުގެ ޖުލައި މަހުން ފެށިގެން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހުދުރުވާގެ / ގދ. ތިނަދޫ، ފަޒުލީން މުހައްމަދު (39އ) އާއި ހުދުރުވާގެ / ގދ. ތިނަދޫ، އަޒުލިފު މުހައްމަދު (30އ) ކަމަށް ފުލުހުން ބުނެ އެވެ. އަދި މި ދެ މީހުންނަކީ ވެސް މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހުންކަމަށްވެސް ފުލުހުން ބުނެ އެވެ.
މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ 16.25 ގުރާމުގެ ތަކެތި ފެނިފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަޒުލީން މުހައްމަދު 70 ދުވަހަށް އަދި އަޒުލިފު މުހައްމަދު 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ މުއްދަތު ޖަހާދީފައިކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ތިނަދޫ ޕޮލިހާއި ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން ގުޅިގެން ދަނީ ތަހުގީގުކުރަމުންނެވެ.