41 ވަނަ ބައި (ޝަކުވާ)
މިޝާއާ އެކު އަކްޔަންމެން ގެއަށް ފޮނުވާލައިފައި އަޒްކާމެންގެ ގެއަށް ނަވްޔާ ދިޔައެވެ. ތިން ކޮޓަރީގެ އެ އެޕާޓްމެންޓްގައި އުޅެނީ އަޒްކާގެ އިތުރުން އިމާޒާއި ބޮޑުބެ އަދި ނަސީމާކަމަށް އަޒްކާ ބުންޏެވެ. އެ މީހުން ވަން އިރު އެއް ވެސް މީހަކު ފެންނާކަށް ނެތެވެ. ސިޓިންގްރޫމުން ނުކުމެވޭ ގޮތަށް ހުރި ބެލްކަނީގައި އެކި ވައްތަރުގެ މާ ގަސްތައް މުށިގަނޑުތަކުގައި ހައްދާފައި ހުއްޓެވެ. އަނެއްކޮޅުގައި ބަދިގެއާއި ކާގެއެވެ. ނަވްޔާ ގޮވައިގެން އަޒްކާ ދިޔައީ އަޒްކާގެ ކޮޓަރިއަށެވެ. ޖާގައިގެ ގޮތުން މާ ތަނަވަސް ނޫން ނަމަވެސް ކޮޓަރި ތެރެއިން ފެންނަމުން ދިޔައީ ތަރުތީބުކަމާއި ސާފުތާހިރު ކަމެވެ. އަޒްކާއަށް އައިސްފައިވާ ބަދަލު ހަމަ އެކަނި އެ ކޮޓަރިން ވެސް ހުރީ ފެންނާށެވެ.
ނަވްޔާ އިށީނުމުން އަޒްކާ ހުރިހާ ވާހަކައެއް ނަވްޔާއަށް ކިޔައިދިނެވެ. ފެށީ ނަވްޔާގެ ކައިވެނި ވީ ދުވަހުގެ އަނެއް ދުވަހު އިމާޒު ރަށަށް ދިޔުމާ ހަމައިންނެވެ. ހައްޔާންގެ ސަބަބުން ގެއާއި ވިޔަފާރި ބީވެގެން ދިޔަ ގޮތުގެ ވާހަކައާއި އަޒްކާއާ ދޭތެރޭގައި ކަންތައް ކުރި ގޮތުގެ ވާހަކައެވެ. މަންމައާއި ބައްޕަ އަދި އަޒްކާގެ ހުރިހާކަމެއްގެ ޒިންމާ އެ ދުވަހުން ފެށިގެން އިމާޒު ނަގަމުން އަންނަ ވާހަކައެވެ. ނަސީމާ ކުށަށް އިއުތިރާފުވުމުން ނަވްޔާ ހޯދަން ހަކީމުގެ ރަށަށް ނިޒާރާއި އިމާޒު ދިޔަ ވާހަކައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަ ފޮހެމުން އަޒްކާ އެންމެ ފަހުން ބުނެލީ ކޮންމެ ދުވަހަކު ނަވްޔާ ގެނެސް ދޭން އެދި ނަސީމާ ކުރާ އާދޭހުގެ ވާހަކައެވެ.
އެ ވާހަކަތަކުން ކުރަމުން ދިޔަ އަސަރު ބަޔާންކުރަން ނަވްޔާއަށް ދައްޗެވެ. ހައްޔާންގެ ނަން ސިއްރުކޮށް، ނަސީމާ ބުނި ހުރިހާ ކަމެއް ނަވްޔާ ކުރީ ހަމައެކަނި އަޒްކާގެ އުފަލަށް ޓަކައެވެ. އެކަމަކު މި ވީ ކިހިނެއް ހެއްޔެވެ؟ ނަވްޔާގެ ގުރުބާނީއަކުން ވެސް އަޒްކާގެ އުފާތަކެއް ސަލާމަތެއް ނުކުރެވުނެވެ. ނަވްޔާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ.
"ނަވް. އަހަރެމެންގެ ފަރާތުން ނަވްއަށް ހިތްދަތިކަމެއް ނޫނީ ނުލިބޭކަން އެނގޭ. އެ ރަށަށް ގޮސްފައި ނަވް އުޅެން ޖެހުނު ދަތި ހާލު ހިތަށް އަރުވަން ވެސް ދަތި. އަހަރެންނަށް ޓަކައި ނަވް އުފުލީ ކިހާވަރެއްގެ ތަކުލީފަކާއި ވޭނެއް ކަމެއް ވެސް ނޭނގޭ." އަޒްކާގެ އަޑު ބެދުނެވެ.
"ނަވް އެކަމަކު އަހަރެންނަށް ޓަކައި އަދި އެންމެ ކަމެއް ކޮށްދީ. ހަމަ އެންމެ ފަހަރަކު ނަމަވެސް އަހަރެންގެ މަންމައާ ބައްދަލުކޮށްފައި، ވެވެންޏާ މަންމައަށް ހިތްހެޔޮ ކޮށްދީ. މަންމައަށް ސްޓްރޯކެއް ޖެހުނު ފަހުން މިހާރަކު ރަނގަޅަކަށް ވާހަކައެއް ނުދެއްކޭ."
ނަވްޔާއަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. އަޒްކާގެ ގައިގައި އޮޅުލައިގަނެފައި ބާރުބާރަށް ރޯން ފެށިއެވެ.
******
އަޒްކާގެ ފަހަތުން ނަސީމާގެ ކޮޓަރިއަށް މަޑުމަޑުން ނަވްޔާ ވަނެވެ. ނަސީމާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ލޯ މަރައިލައިގެން އޮތް އިރު މޫނުމަތިން ހީވަނީ އެތައް ދުވަހަކު ބަލިވެ އުޅެފައިވާ ހެންނެވެ. ހިކި އަނަރޫފަވެފައިވާ އިރު އުމުރަށް ވުރެ އެތައް ދުވަހެއް މުސްކުޅިކަމަށް ދައްކައެވެ. ދެ ކޯ ވަޅުވަދެ ލޯ ކައިރި ކަޅު ވެފައިވިއެވެ.
"މަންމާ!" އަޒްކާ ގޮސް ނަސީމާއަށް ގޮވައިލިއެވެ.
ނަސީމާ އެސްފިޔަތައް ތަޅުވާލައިފައި ލޯ ހުޅުވައިލުމަށް ފަހު އަޒްކާއާ ދިމާއަށް ބަލަހައްޓައިގެން އޮތެވެ.
"މަންމާ ބަލާބަލަ، ކާކުތޯ އައިސް މިހިރީ." އަޒްކާ ހިނިތުންވެލަމުން އޯގާތެރިކަމާ އެކު ބުންޏެވެ.
އަޒްކާގެ މޫނުން ނަޒަރު ވަކިކޮށްލުމަށް ފަހު ޖެހިގެން ހުރި ނަވްޔާއާ ދިމާއަށް ނަސީމާގެ ނަޒަރު ހުއްޓުނެވެ. ނަމަވެސް އެ މޫނަކުން އެއްވެސް އަސަރެއް ފާޅެއް ނުވިއެވެ.
"ނަވް ބުރުގާ އަޅާފަ ހުރީމަ މަންމައަށް ނޭނގުނީ ދޯ. މަންމާ މިއީ ނަވް. ނަވްޔާ!"
ނަސީމާގެ މޫނުމަތިން ނަވްޔާ އެނގިއްޖެކަމުގެ ކުލަވަރު ފާޅުވިއެވެ. އެއާ އެކު ތުންފަތް ތުރުތުރުލައްވާލައިފައި ރުއިމުގެ އަޑެއް ލައްވަން ފެށިއެވެ. ވަރަށް މަސައްކަތުން ދެ އަތް ޖޯޑުކޮށްލި އިރު އެ ދެ ލޮލުން ކަރުނަ ފައިބަން ފަށައިފިއެވެ. އެ ދެ ލޮލުގައިވީ އިންތިހާގެ އާދޭހެވެ.
"ނަސީމާއްތާ!" ތާޒާ ކަރުނައިން ނަވްޔާގެ ލޯ ފުރުނެވެ.
ނަވްޔާ ގޮސް އެނދުގައި އިށީނދެ ނަސީމާގެ ދެ އަތުގައި ހިފާފައި ނިތްކުރީގައި ޖައްސައިލިއެވެ. އެއާ އެކު ނަވްޔާއަށް ވެސް ރޮވެން ފެށުނެވެ. ނަވްޔާގެ ހިތް ހީވަނީ ފަޅައިގެން ދާން އުޅޭ ހެންނެވެ. އެ އާއިލާއަށް މި ފަދަ ހިތްދަތިކަމެއް ކުރިމަތިވެފައި އޮވެ ދާނެ ކަމަށް ނަވްޔާ ހުވަފެނުން ވެސް ނުދެކެއެވެ. މިވީ ހުރިހާ ދުވަހު އަޒްކާމެންގެ ހާލު ބަލައިނުލެވުނީތީ އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. ނަވްޔާގެ ލޮލުން އޮހެރެމުން ދިޔަ ކަރުނައިން ނަސީމާގެ އަތް ތެމެމުން ދިޔައެވެ.
އެ ވަގުތު ދޮރު ހުޅުވާފައި ކޮޓަރިއަށް ވަނީ ނިޒާރެވެ. ނަވްޔާ ފެނުމުން ނިޒާރަށް ބޭއިޚްތިޔާރުގައި އިސްދަށަށް ޖަހައިލެވެނެވެ. އަވަސްއަވަހަށް ކޮޓަރިން ނުކުމެގެން ދިޔައީ ލޮލުން ފޭބި ކަރުނަ ފޮހެމުންނެވެ. ނަވްޔާއާ ކުރިމަތިލާ ހާ ހިތްވަރެއް ނިޒާރުގެ ނެތެވެ.
ނަސީމާ ހަމައަކަށް އެޅުމުން ނަވްޔާ އެ ކޮޓަރިން ނުކުތެވެ. އަތުގެ އިޝާރާތުން ސިޓިންގްރޫމް އަޒްކާ ދައްކައިލީ ނަވްޔާގެ މޫނުމަތީގައިވި ސުވާލު ދޭހަ ވުމުންނެވެ. ސޯފާގައި އިސްދަށަށް ޖަހައިގެން އިން ނިޒާރު އިރުއިރުކޮޅާ ލޯ ފޮހެލާ ތަން ނަވްޔާ ދުއްޓެވެ. ނަވްޔާ ގޮސް ބިންމަތީގައި އިށީނދެ ނިޒާރުގެ ކަނާއަތުގައި ހިފިއެވެ. އެއާ އެކު އަނެއް އަތުން މޫނު ފޮރުވުމަށް ފަހު ނިޒާރު ރޯން ފެށިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް ފަރުވާލެއް ނުބަހައްޓާ ނިޒާރުގެ އަތް ގެނެސް އަމިއްލަ ބޯ މަތީގައި ނަވްޔާ ބޭއްވިއެވެ.
"ބޮޑުބޭ، ތި އަތުގެ ހިމާޔަތް ލިބުނު ދުވަހަކީ އަހަރެން އެންމެ އުފާވި އެއް ދުވަސް. މިއަދު އަނެއްކާ ވެސް މިއިނީ ބޮޑުބެގެ ކުރިމަތީގައި. ބޮޑުބެ ހިމާޔަތުން އަހަރެން މަހުރޫމް ނުކުރޭ." ނަވްޔާގެ އަޑު އައީ ކެނޑެމުންނެވެ.
ނިޒާރު ރޮމުން ނަވްޔާ ގެނެސް މޭގައި ޖައްސައިލިއެވެ.
"ބޮޑުބެއަށް މައާފުކުރޭ، ނަވްޔާ."
ބޭރުން ތަންކޮޅެއް ކުރިން ގެއަށް ވަން އިމާޒަށް މި ހުރިހާ މަންޒަރެއް ފެނުނެވެ. ނިޒާރުގެ ގައިގައި އޮޅުލައިގަނެގެން އިން ނަވްޔާ ރޮނީއެވެ. ދުރުގައި މިތަން ބަލަން ހުރި އަޒްކާގެ ލޮލުން ވެސް ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. އަޒްކާގެ ބޮލުގައި ފިރުމައިލުމަށް ފަހު އިމާޒު ކޮޓަރިއަށް ވަނެވެ. ލޯ ފޮހެލުމަށް ފަހު ގޮސް ކޮޓަރީގެ ކުޑަދޮރު ހުޅުވައިލިއެވެ. އުދާސް ވެފައިވާ ހިތަށް ލުޔެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. އޭރު އިރުއޮއްސެން ކައިރި ވެއްޖެ ކަމުގެ ހެކިތައް އުޑުމަތިން ފެންނަން ފަށައިފިއެވެ. އެހެން ހުންނަތާ އިރުކޮޅެއްގެ ފަހުން ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އިމާޒު އެނބުރިލިއެވެ. ކުރިމަތީގައި ހުރީ ނަވްޔާއެވެ. ރޮއިރޮއި ގޮސް ނަވްޔާގެ ލޮލާއި މޫނުމަތި ވަނީ ރަތްވެ، ދުޅައަރާފައެވެ. ލަސް ހިނގުމެއްގައި ނަވްޔާ އައިސް އިމާޒުގެ ކުރިމައްޗަށް ހުއްޓުނެވެ. ނަވްޔާގެ ލޮލުގައި އޭރު ވެސް ކަރުނަ ވިދަމުން ދިޔައެވެ.
"ކީއްވެ ނުބުނީ އަޒްކޮއާއި ހައްޔާންގެ ވާހަކަ؟ ކީއްވެ ނުބުނީ ނަސީމާއްތަ ބަލިވެ އުޅޭ ވާހަކަ؟ ކީއްވެ އެހާ ދުރުކޮށްލީ؟" ނަވްޔާ ހުރީ އިންތިހާއަށް ދެރަވެފައެވެ.
"ކަމަނާ އަޅުގަނޑަށް ފުރުޞަތެއް ދެއްވިންތޯ؟"
ކަރުނައިގެ ތެރެއިން ވެސް ނަވްޔާއަށް ހިނިތުންވެލެވުނެވެ. އަތް މުއްކަވާލައިފައި މޭގައި ޖައްސައިލީ އަމިއްލަ ކުށް ގަބޫލުކުރަމޭ ބުނާ ފަދައަކުންނެވެ. އިތުރު ބަހެއް ނުބުނެ ނަވްޔާގެ އަތުގައި ހިފާފައި ގެނެސް މޭގައި އިމާޒުގެ ލައްކޮށްލިއެވެ. އަދި ދުވަހަކު ވެސް ދޫކޮށް ނުލާނަމޭ ބުނާފަދައިން އެ އަތުތެރޭގައި ނަވްޔާ ބޮނޑިކޮށްލިއެވެ. އިމާޒުގެ ތަނަވަސް މޭމަތީގައި ބޯ އަޅައިލެވުމާ އެކު ނަވްޔާ ހިފަހައްޓައިގެން ހުރި ކަރުނަތައް އަނެއްކާ ވެސް އޮހެން ފެށިއެވެ. ދިގު ރާސްތާއެއްގައި ދަތުރުކޮށްފައި މަންޒިލްއާ ހަމައަށް ވާސިލް ވެވިއްޖެ ކަމުގެ އިހުސާސް ނަވްޔާއަށް އެ ވަގުތު ކުރެވުނެވެ.
"މާޒް އައި ލަވް ޔޫ." ނަވްޔާ ސިއްރެއް ބުނެލި ކަހަލައެވެ.
ކުއްލިއަކަށް ނަވްޔާ ދުރުކޮށްލާފައި އެ މޫނު ބަލައިލިއިރު އިމާޒުގެ ލޮލުގައި ކަރުނަވިއެވެ.
"ކީކޭ؟ އަދި އެއްފަހަރު ބުނެބަލަ." ކެތްތެރިކަން ކުޑަވެފައިވާ ރާގަކަށް އިމާޒު ބުންޏެވެ.
ނަވްޔާ ރަކިވެފައި ބޯ ހޫރުވައިލިއެވެ.
"ތި ލަފުޒުތައް ނަވްޔާގެ ދުލުން ބުނާނެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރިވަރު ނަވްޔާއަށް އެނގޭތަ؟ ނަވްޔާގެ ހިތުގައި އަހަންނަށް ޓަކައި ލޯބި ލެއްވުމަށް އެދި އަހަރެން ވެރި ރަސްކަލާނގެއަށް ދުޢާ ދެންނެވި އަދަދު ވެސް ނޭނގޭނެ." އިމާޒުގެ އަޑުގައިވީ އަސަރުން ނަވްޔާގެ ގައިން ހީބިހި ނެގިއެވެ.
"އައި ލަވް ޔޫ މާޒް. ވަރަށްވަރަށް ބޮޑަށް. މާޒްއާ ނުލާ ނޫޅެވޭ ވަރަށް." ނަވްޔާ ބުންޏެވެ.
މޫނުގައި އަތް އަޅާފައި އިމާޒު ހަމްދުކުރިއެވެ. އަދި ހީނގަނެފައި ނަވްޔާ އުފުލައިލަމުން އެނބުރިގަތަވެ.
"މާޒް އަހަރެން ބަހައްޓާ، ވެއްޓިދާނެ. އަޒްކޮ އަތުވެދާނެ." ހެމުން ނަވްޔާ ބުންޏެވެ.
"ހޫނ، އަހަރެން އެބަހުރިން."
އަޒްކާ ހުރީ ދޮރު ކައިރީގައި ހުއްޓިލައިގެންްްްްނެވެ. އެ މޫނުމަތީގައި ލާނެތް ހިނިތުންވުމެއް ވިއެވެ. އިމާޒު އަވަސްއަވަހަށް ނަވްޔާ ބިންމަތީގައި ބެހެއްޓުމަށް ފަހު އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ.
"ނަވް، ނަވްގެ ފޯނު އޮތީ އަހަރެންގެ ކޮޓަރީގައި.ކޮންމެ ވެސް މީހަކު އެބަ ގުޅާ." އަޒްކާ ބުންޏެވެ.
ނަވްޔާ ގެއަށް ދާން ކާރަށް އެރުމުން އަޒްކާއާއި އިމާޒު އެތެރެއަށް ވަނެވެ. އެތަކެއް ދުވަސް ފަހުން އިމާޒުގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަން ފެނިފައި އަޒްކާއަށް ހިނިތުންވެލެވުނެވެ. ޚުދު އަޒްކާގެ ހިތަށް ވެސް ވަނީ ނުހަނު ލުއިވެފައެވެ. ނަވްޔާ ދިޔައީ އެ ގެއަށް ކޮންމެ ދުވަހަކު އަންނަން ވައުދުވެފައެވެ. އަކްޔަން ވެސް ގޮވައިގެން އަންނަން އަޒްކާ ބުންޏެވެ. ނަވްޔާގެ މިހާރުގެ ހާލަތު އެނގުމުން އަޒްކާއަށް ހިތްހަމަޖެހުން ލިބިފައިވިއެވެ.
******
ނަވްޔާ ގެއަށް އައިއިރު އަމީނާއާ ވާހަކަދައްކަން ސުނާނާއާއި އާމިރު ސިޓިންގްރޫމްގައި ތިއްބެވެ. ނަވްޔާ އައިސް ކައިރީގައި އިށީނުމުން ނަވްޔާގެ މޫނަށް އާމިރު ބަލައިލީ ކަންބޮޑުވެފައެވެ. ނަވްޔާ ރޮއިފައި ހުރިހެން ހީވެގެންނެވެ. އާންމުކޮށް ބޭރަށް ގޮސް ނޫޅޭ މީހަކު މިއަދު ބޭރަށް ގޮސްފައި އެހާ ގިނައިރު ވީ ކީއްވެކަމާ މެދު ވެސް އާމިރުގެ ހިތުގައި ސުވާލު އުފެދުނެވެ.
"ނަވްޔާ، އާ ޔޫ އޯކޭ؟" އާމިރު އަހައިލިއެވެ.
ނަވްޔާ ބޯ ޖަހައިލިއެވެ. ނަމަވެސް ނަވްޔާގެ ހަރަކާތްތަކަށް ފަރުވާތެރިވެ ބަލަން އިން އާމިރަށް ނަވްޔާގެ ފަރާތުން ތަފާތު ކަމެއް ފާހަގަ ކުރެވުނެވެ. ސުވާލުނުކޮށް މަޑުކޮށްލީ ނަވްޔާގެ ހިތުގައި ކަމެއް އޮތް ނަމަ އެ ކަން ހިއްސާ ކުރާނެކަން އާމިރަށް އެނގޭތީއެވެ. ކަންތައް ވީ ވެސް އާމިރު ހީކުރި ގޮތަށެވެ. މިއަދު އަޒްކާއާ ދިމާވި ވާހަކައާއި ބޮޑުބެމެންގެ ގެއަށް ދިޔަ ވާހަކަ ނަވްޔާ ބުންޏެވެ. އަދި ބޮޑުބެމެންނަށް ދިމާވި ގޮތުގެ ވާހަކަ ވެސް ކުރުގޮތަކަށް ކިޔައިދިނެވެ. ނަވްޔާގެ ވާހަކަ ހުރި ގޮތުން ނަވްޔާގެ ހިތުގައި އެ މީހުންނާ ދޭތެރޭގައި އެއްވެސް ހިތްހަމަނުޖެހުމެއް ނެތްކަން އާމިރު ދެނެގަތެވެ.
"އެހެންވީމަ، ނަވްޔާގެ ބޮޑުބެމެންނާ އަހަރެމެން ވެސް ބައްދަލު ކުރުވަން ވާނެއެއްނު؟" އަމީނާ ބުނެލިއެވެ.
އާމިރު ވެސް އެ ވާހަކައަށް ތާއިދު ކުރިއެވެ. ނަވްޔާގެ މަންމަގެ ފަރާތުގެ އާއިލާގެ މީހުންނާ ވެސް ގުޅުން ބަދަހި ކުރަން ބޭނުން ކަމުގައި އާމިރު ބުންޏެވެ. ބޮޑުބެއާ ވާހަކަދެއްކުމަށް ފަހު ދުވަހެއް ހަމަޖައްސާފައި ބައްދަލުކުރަން ދާނީ ކަމަށް ނިންމިއެވެ.
ނަވްޔާ މައްޗަށް ދިޔައިރު ކުދިވެރިން ތިބީ އޫނޯ ކުޅޭށެވެ. ބޮޑަކަށް އިނީ މިޝާއެވެ. ބައެއް ފަހަރު މިޝާ އުޅޭ ގޮތުން އަދި ވެސް އެއީ ޅަ ކުއްޖެއް ހެން ހީވާ ފަހަރު އާދެއެވެ. ނަމާދުކުރަން ހަނދާންކޮށް ދިނުމުން ކުޅުން ނިންމާލައިފައި އެ ކުދިން ތެދުވިއެވެ. އަކްޔަން މައްސަލަ ޖެއްސި ނަމަވެސް ރާފިލް ބުނުމުން އިތުރު ޝަކުވާއެއް ނުކޮށް ހިނގައްޖެއެވެ. ނަވްޔާ ކޮޓަރިއަށް ވަން އިރު އެނދުމަތީގައި ރިއާ އޮތީ ފޯނެއްގައެވެ. ނަވްޔާ ވަނުމުން ފޯނު ބޭއްވުމަށް ފަހު ރިއާ ތެދުވިއެވެ. ރިއާގެ މޫނުމައްޗަށް ވެރިވެފައިވި ހިނިތުންވުމުން ރިއާ ވާހަކަދެއްކީ ކާކާ ކަން ނަވްޔާއަށް އެނގުނެވެ.
"ކޮން އިރަކުންތަ ދެން ތި މިސްޓްރީ ގައީ އަހަރެމެންނަށް ދައްކާނީ؟" ނަވްޔާ އެހިއެވެ.
"ވަރަށް އަވަހަށް." ރިއާ ބުންޏެވެ.
އެރޭ ނިދަން އޮށޯންނަން އުޅެނިކޮށް އިމާޒު ގުޅިއެވެ.
"ދެން ކޮން އިރަކުން ފެންނާނީ" އިމާޒު އެހިއެވެ.
އިމާޒުގެ ކަންފަތުގައި ޖެހުނީ ނަވްޔާގެ ލުއި ހުނުމުގެ އަޑެވެ.
"ނޭނގެ، ޗުއްޓީ އިތުރު ކުރަން މި އުޅެނީ. މާދަމާ ތި ގެއަށް ދާނަމޭ އަޒްކޮގެ ގާތުގައި ބުނިން." ނަވްޔާ ބުންޏެވެ.
"ކޮން އިރަކުން އަންނާނީ؟"
"ހެނދުނު."
"މާދަމާ އޮފީހަށް އަޅުގަނޑުގެ ސަލާމް."
"އިމާޒަކަށް ހުއްދައެއް ނެތް."
"އެހެންތަ؟ އެހެންވިއްޔާ އޮފީސް ނިންމާފައި ތި ގެއަށް ދާނަން މާދަން."
"އެއީ ކީއްކުރަން؟"
"ނަވްޔާގެ ކައިވެންޏަށް އެދެން."
އަނެއްކާ ވެސް ނަވްޔާގެ ހުނުމުގެ އަޑު އިވުނެވެ. އިމާޒު ލޯ މަރައިލިއެވެ. ނަވްޔާގެ ހުނުމުގެ އަޑުން އެ ހިތަށް ލިބެނީ ބަޔާންކުރަން ނޭނގޭ ފަދަ ހިތްހަމަ ޖެހުމެކެވެ.
ދެ މަސް ފަސް
ލޯގަނޑުގެ ކުރިމަތީގައި އިށީނދެލައިގެން އިން އިރު ނަވްޔާގެ މޫނު އުފާވެރިކަމުން ބަބުޅައެވެ. ލައިގެން އިނީ މަޑުފިޔާތޮށި ކުލައިގެ ކައިވެނީގެ ހެދުމެވެ. ނަވްޔާގެ ބުރުގާ އަޅައިދީ ރީތިކޮށް ދޭން އަޒްކާއާއި ރިއާގެ އިތުރުން ފަރްހާ ވެސް އުޅެއެވެ. ފަރްހާއާ ނަވްޔާ ގުޅީ މީގެ ދެ ހަފްތާ ކުރިންނެވެ. އެތަކެއް ދުވަސް ފަހުން އެކުވެރިޔާގެ ޚަބަރެއް ވުމުން ފަރްހާއަށް އެންމެ ފުރަތަމަ ގަބޫލުކުރަން ދަތިވިއެވެ. ނަވްޔާގެ ކައިވެންޏަށް މާލެ އައިސް ދޭން ބުނުމުން ފަރްހާ އެއްބަސްވީ އުފަލުންނެވެ.
"މާޝާﷲ. ނަވް ހާދަ ލޯތްބޭ." ނަވްޔާ ތައްޔާރުވެަ ނިމުމުން އަޒްކާ ބުންޏެވެ.
"ނަވްގެ ކައިވެނީގައި ތައްޔާރުކޮށް ދޭން އަހަރެމެން ތިބޭނަމޭ ބުނީމެއްނު. އަހަރެމެންގެ ވައުދު ފުއްދައިފިން ދޯ އަޒްކޯ." ފަރްހާ ބުންޏެވެ.
ފެންކަޅިވެފައި ބޯ ޖަހައިލަމުން އަޒްކާ ހިނިތުންވެލިއެވެ.
(ނުނިމޭ)