ފުލުހުން ބުނީ މި ސައިކަލަކީ 2025 ޖުލައި 13 ވަނަ ދުވަހު މާލޭގެ ކޯރުކެނޑިމަގާއި ބުރުޒުމަގު ގުޅުނު ކަންމަތިން ފުލުހުން ހުއްޓުވި ސައިކަލެއްކަމަށެވެ. މި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، އިންޖީނު ނަންބަރު ނުފެންނާނެހެން ކަހާލާފައިހުރުމުގެ ސަބަބުންކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބެލި ބެލުމުން، އެ ސައިކަލުގައި ބޭނުންކޮށްފައިވާ ރަޖިސްޓްރީ ނަންބަރަކީ އެ އުޅަނދުގެ އަސްލު ނަންބަރު ނޫންކަން ވަނީ ކަށަވަރު ކުރެވިފައިކަމަށްވެސް ފުލުހުން ބުނެއެވެ. މީގެ އިތުރުން، ސައިކަލުގެ ޗެސިސް ނަންބަރު ޗެކްކުރިއިރު، އެ ނަންބަރަކީވެސް ރަޖިސްޓްރީކޮށްފައިވާ އެއްވެސް އުޅަނދެއްގެ ނަންބަރަކާ ދިމާވާ ނަންބަރެއް ނޫންކަން ވަނީ ފާހަގަކުރެވިފައިވާކަމަށާއި މިހާތަނަށް ކުރެވުނު މަސައްކަތުން މި ސައިކަލުގެ ވެރިފަރާތް ދެނެގަނެވިފައެއް ނުވާކަމަށްވެސް ފުލުހުން ބުނެއެވެ.
" ވީމާ، ފޮޓޯއިން ފެންނަ ސައިކަލުގެ ވެރިފަރާތުން ނުވަތަ މި ސައިކަލާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ، ފުލުހުންގެ ޓްރެފިކް އިންވެސްޓިގޭޝަންސްގެ ނަންބަރު 9444880 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކޮށްދެއްވުން އެދެމެވެ." ފުލުހުން ބުނެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، އެކަމަށްޓަކައި ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;