އަހަރެންގެ މޭގައި ބޮނޑިވެލަމުން ކައިރާގެ އަތުގެ އިނގިއްޔެއްގައި ނުހަނު ބާރަށް، ނިދީގައިވެސް ބީނިޝް ހިފަހައްޓާލި އެވެ. ކުޑަކުޑަ މި ފުރާނައިގެ ހިތުގައި އޮތް ބިރުވެރިކަން ހިތަށް އަރާފައި އަހަރެންގެ ކަނދުރާގެ އެންމެ ހިމަ ލޯލިވެސް ކޮޅަށް ޖެހުނެވެ.
ގަދަ ނިދީގެ ތެރެއަށް ބީނިޝް ދަތުރުކޮށްފިކަން ޔަގީންވުމާއެކު ކައިރާއާއި ދިމާއަށް ބަލައިލީމެވެ. އޭނާގެ ދެ ލޯ ވަނީ ރަތްވެ ދުޅަވެފައި އެވެ. އެ ދެ ލޯ ހުޅުވައިގެން އިނުމަކީވެސް އިންސާނަކަށް ކުޅަދާނަ ވަރުގެ ވޭނަކަށް ނުވަނެކަން ކަށަވަރެވެ.
"ކައިރާ...! މި ތަނުގައި ހަމައެކަނި ވާހަކަ ދައްކާންޖެހޭ މީހަކީ ކައިރާކަން އެނގޭދޯ..! ގޯސްވެފައިވާ މި ހާލަތާއި ކަންކަން ރަގަޅުކުރެވޭނީ ވެގެން އުޅޭގޮތެއް ނުވަތަ ވީ ގޮތެއް ސާފުކޮށް އެނގިގެން!" ފަހަދުގެ އަޑު މަޑެވެ. ނަމަވެސް އޭނާގެ ރާގުގައި ވަނީ މާޔޫސްކަމެވެ.
"ބޭބޭ..؟!"
"ބޭބެ ގެ ދަރިފުޅާ.. ވެގެން އުޅޭ ގޮތެއް ބުނެދީ.. އަހަރެން ދުނިޔޭގައި އެބަހުރިން.. އިން ޝާ ﷲ، ހުރިހައި ކަމެއް ހައްލުކޮށްދޭނަން... ސާފުކޮށް ބުނެދީ؟" ނުހަނު ލޯތްބާއެކު ފަހަދު ވާހަކަދެއްކި އެވެ.
އޭނާއަކީ ޖަޒްބާތީ މީހެކެވެ. ނަމަވެސް މިފަދަ ގޮތަކަށް ގޮތް ހުސްވެ، މާޔޫސްވެފައި ވަނިކޮށް މި ނޫނީ އަހަރެން ފަހަދު ނުދެކެމެވެ.
ބޭބެއެއްގެ އާދޭހަށްވެސް ކައިރާ އެ ކުރީ އިންކާރެވެ. ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެ އިސްޖަހައިލީ ފަހަދުގެ އިހްސާސްތަކަށް ވިސްނާލުމެއް ނެތި އެވެ.
"ބީނިޝް ނިދާލަން އެހީތެރިވިކަމަށްޓަކައި ޝުކުރިއްޔާ" ނުހަނު މަޑުމަޑުން ކައިރާ ބުނެލީ އަހަރެންނާއި ދިމާއަށް ބަލައިލާފަ އެވެ.
އޭނާގެ އެ ޝުކުރު އަހަންނަށް ކަމަކު ނުދިޔަ އެވެ. ދެ ލޯ ވައްކޮށްލާފައި އަހަރެންގެ ނުރުހުންތެރިކަން ކައިރާއަށް ދައްކައިލީމެވެ. އޭނާގެ ގޮތްދޫނުކުރުމާއި އަމިއްލަ ނަފުސުގެ ދިފާއުގައި އެ ކުރާ ހަނގުރާމައަށް އަހަރެންގެ ރުހުމެއް ނުލިބޭނެ އެވެ. ވެގެން އުޅޭ ގޮތް އަހަރުމެން ދެމީހުންނަށް ބުނެދިނުމަކީ ކައިރާއަށް އުނދަގޫކަމަކަށް ވެގެން ނުވާނެ އެވެ.
އަހަންނަކީ ދުރު މީހަކަށް ހެދުމަކުން މައްސަލައެއް ނެތެވެ. އެކަމަކު ފަހަދުއާއިމެދު އެގޮތަށް ކައިރާ ދެކިގެން ނުވާނެ އެވެ. ލޯ އެޅުމާއި ނުރުހުންތެރިކަމާއެކު ކައިރާއާއި ދިމާއަށް މާގިނައިރު ބަލަހައްޓައިގެން އިންނާން ފެށުމުން ފަހަދު ހިތްހަމަ ނުޖެހިފައި އިންކަން އަހަންނަށް ޔަގީނެވެ.
"މާލިކް، ހަމަޖެހޭ!" އަހަރެންގެ ރުޅިގަނޑު ފަޅައިގެން ހިނގައިދާނެތީ ފަހަދު ސަމާލުވި އެވެ.
"ފަހަދުގެ ކޮއްކޮ ކައިރީގައި ބުނޭ، ވީގޮތް ބުނާށޭ!" ކުރިއަށްވުރެން ހަރުކޮށް އަހަރެން ބުނީމެވެ.
"ކައިރާ، އާދޭސްކޮށްފައި ބުނަން، ވީގޮތް ބުނެދީ.." ފަހަދު އެދޭގޮތް ތަކުރާރުކޮށްލި އެވެ.
"ބޭބެ، އެކަމާއި ދެން ނުވިސްނާ! މިއީ އަހަރެންގެ ދިރިއުޅުން.. މިއީ އަހަރެންގެ އަމިއްލަ ކަމެއް" މަޑުމަޑުން ކައިރާ ބުނެލި އެވެ.
"ވަރަށް ރަގަޅު! ތިއީ ކައިރާގެ އަމިއްލަ ކަމެއް! ތިއީ ކައިރާގެ އަމިއްލަ ދިރިއުޅުން، އެކަމަކު ތިކަން ހައްލުކުރާނީ ކިހިނެއް؟ މިއަދު ހައްލުކުރިގޮތަށް؟ މި ކުޑަކުޑަ ދަރިފުޅު ބިރުން ފިއްކެނޑިފައި އޮއްވައިވެސް، ގޭގެ ކަނަކަށް ބިއްޖެހިފައި އިނދެގެން..؟ ވައޮ...! ޖަސްޓް ވައޮ..!" އަތްތިލަބަޑިވެސް ޖެހީމެވެ. އަހަރެންގެ ޖުމުލައިގައި ވަނީ މަލާމާތްކަންވެސް ހާމަކުރީމެވެ.
ކައިރާގެ އެ ނިންމުމަށް ކަނޑައެޅިގެން އަހަރެން ދެކޮޅެވެ. އެކަން އޭނާއަށް އިހްސާސްކޮށްދޭން އަހަރެން ބޭނުމެވެ. އަހަރެންގެ އަޑާއި ރާގުގައި ހަރުކަށިކަމާއި ނުރުހުން އެބަހުރިކަން އަހަރެންވެސް ގަބޫލުކުރަމެވެ. އެކަމަކު، ގޮތްދޫކުރުން ނޫން އެހެން ގޮތެއް ކައިރާއަކަށް ނެތެވެ.
"މާލިކް، ހުއްޓާލާ!" ނުރުހުމާއެކު ފަހަދު ބުންޏެވެ.
"ނުހުއްޓާނަން! އަހަންނަކީ ކައިރާއަށް އެއްވެސް މީހެއް ނޫން.. އަހަންނަކީ ކާކުކަންވެސް އޭނާއަކަށް ނޭގޭނެ.. އެކަމަކު ފަހަދުއަށް ކޮންމެވެސް ވަރެއްގެ އިތުބާރެއް ކުރަން ނުޖެހޭތަ؟ ޒައްރެއްގެ މިންވަރު އިހްތިރާމްކުރާ ނަމަވެސް، ފަހަދުއަކީ ތިހައި ދުރުމީހަކަށް ކައިރާ ނުހަދާނެ" އަހަރެންގެ ހިތަށް އައިގޮތަށް ބުނެލީމެވެ. ވާނެ އެއްޗެއް ބަލާނީ ފަހުންނެވެ.
"މިއީ އަހަރެންގެ މައްސަލައެއް، އަހަންނަށް މިކަން ހައްލުކުރެވޭނެ" ކައިރާ ބުނެލި އެވެ.
"ހަނދާން ނައްތާލާ! ބީނިޝް ގޮވައިގެން ދެވަނަ ދުވަހަކު މިފަދަ ހާލަތަކަށް ދާން ހިތަށްވެސް ނާރުވާތި!" އަހަރެން ބުނީމެވެ.
"ބީނިޝްއަކީ އަހަރެންގެ ދަރިއެއް!" ނުރުހުމާއެކު ކައިރާ ބުނެލި އެވެ.
"ވަރަށް ބޮޑު ތެދެއް! ތިކަން ދޮގުކުރާނެ މީހަކު މި އުޑުދަށުގައި ނުހުންނާނެ..! އެކަމަކު ކައިރާގެ ކަރުގައި އެލިގަނެގެން، ތިޔަ ދެ އަތުގެތެރޭގައި ގުރުނޑުވެގެން ބީނިޝް ރޯން އޮއްވައި، އެކަން އެއީ ނުފެންނަ ކަމަކަށް ހަދާފައި އަހަރެން ނިކުމެގެން ދާނެކަމަށް ހީކުރުމަކީ ކައިރާގެ މައްސަލައެއް!" ކައިރާގެ ދެ ލޮލަށް ބަލަމުން އަހަރެން ބުނެލީމެވެ.
"މާލިކް ކައިރީގައި ބުނެފިން އެއީ އަހަރެންގެ ދަރިއެކޭ.. ބީނިޝްގެ ލޮލުން ކަރުނައެއް ދުށުމަކީ އަހަރެންގެ ހިތަށް ކިހައި ވޭނެއް ލިބޭ ކަމެއްކަން މާލިކް ގާތުގައި އަހަރެން ބުނާކަށް ނުޖެހޭ.." ކަރުނައިގެ ކޯރު ކޯތާފަތުން ދެމިގެން ދިޔައިރުވެސް ވާހަކަ ދެއްކުން ހުއްޓާލާކަށް ކައިރާ ގަސްދެއް ނުކުރިއެވެ.
"އެހެންވިއްޔާ، އެ ދެ ލޮލުން އެންމެ ކަރުނައެއްވެސް ވައްޓާލުމަށް އެ ކުޑަކުޑަ ފުރާނައަށް ކައިރާ މަޖުބޫރު ތިކުރަނީ ކީއްވެ؟" އަހަރެންގެ އަޑު ގަދަވަމުންދިޔަކަން ދެނެހުރީމެވެ.
"ރެއާއި ދުވާލު ހިތްވަރު މިކުރަނީ ތިކަމަށް.." ހިމޭން ވައިރޯޅިއަކަށްވެސް އަޑު ނީވޭނެހައި މަޑުމަޑުން ކައިރާ ބުނެލި އެވެ. އެކަމަކު އަހަރެންގެ ހިނދުރިއަށް އެ އަޑު ސިއްރެއް ނުވި އެވެ.
ބުނާނެ އެއްޗެއް ނޭގި އަހަރެންގެ ނާރުތަކުގައި ލޭ ދައުރުވުން ހޫނުވާން ފަށައިފި އެވެ. ގޮތް ދޫކުރަން ކައިރާގެ ވިސްނުމުގައި ނެތެވެ. މި ހާލަތުގައި މި ފިޔަވަޅު މަތީން އަހަރެން ދުރަށް ނުދާނެކަން އޭނާއަށް ވިސްނައިދޭނެ ގޮތެއް އަހަންނަކަށް ނޭގުނެވެ.
ހަށިފުރާއި ނޭވާއެއްލާފައި ދެ ލޯ މަރައި ތަގުޅިކޮށްލެވުނުއިރު އަހަރެންގެ ކަތުރުކަށިގަނޑުން މުރުމުރު އަޑު ގޮވައިފި އެވެ.
ނަމަވެސް ދެ ލޯ ހުޅުވުނީ ފަނޑު ގޮތަކަށް އިވުނު އަޑަކުންނެވެ. އެއީ ހިޔާލެއްތޯ ނުވަތަ ހުވަފެނެއްތޯ ޔަގީންކުރާން އަހަރެންގެ އެސްފިޔަތަށް ތެޅިގަތެވެ.
"އަހަރެންނަށްޓަކައި، ކައިރާ ބަލަހައްޓައިދީފާނަން..؟" އިވުނު ޖުމުލަ އަހަރެންގެ ކަންފަތަށް ފަރިތައެއް ނޫނެވެ. ދެ ބުމަ ދޭތެރެއަށް ރޫ އަރުވައިލެވުނީ ޔަގީން ނުވީތީ އެވެ.
ކުރިއަށް ފިޔަވަޅެއް އެޅީމެވެ. ކައިރާގެ ދެ ލޮލަށް ނަޒަރުހިންގައިލީމެވެ. އެއީ ކުނޑިފުކެއްގެ މިންވަރުވެސް ފުސްކަމެއް ނެތް ހުޅުވިފައި އޮތް ސަފްހާއެކެވެ. ކިޔާލަން ފަސޭހަ ފަރިތަ އިބާރާތްތަކެކެވެ. ބިރުވެރިކަމާއި ހާސްކަމުން ފުރިފައިވި ޝަކުވާ ތަކެކެވެ. އަހަރެންގެ ގައިން ހީނބިހި ނެގި އެވެ. ލޮބުވެތި ދަރިއެއްގެ ހިމާޔަތާއިމެދު ގޮތް ހުސްވެފައިވާ މައެއްގެ ބިރުވެރިކަމަކީ މިއީ ހެއްޔެވެ؟ ސުބުހާނައްﷲ އެވެ!
"ކައިރާ"
އެ ނޫން އަޑެއް ދުލުން ބޭރެއް ނުވި އެވެ.
"ޕްލީޒް، އަހަރެންނަށްޓަކައި، ބީނިޝްގެ ޒިންމާއާއި ހަވާލުވެދީފާނަން..؟ އޯގާތެރިކަމާއެކު އަހަރެންގެ ދަރިފުޅު ބަލަހައްޓައިދީފާނަން..؟" އެއީ އަސަރުން ފުރިގެންވީ އާދޭހެކެވެ. އެ އެދުމަށް އިންކާރު ކުރާނެ ހިއްވަރެއް އަހަރެންގެ ނެތެވެ.
"އައި ވިލް" ފުރިހަމަ ޒިންމާ ނެގުމަށް އަހަރެން ވައުދުވީމެވެ.
ހަށިގަނޑު ސީދާކޮށްލަމުން، ބީނިޝްއަށް ކައިރާ ބަލައިލި އެވެ.
އަހަރެންގެ ޓީޝާޓުން ބީނިޝްގެ އިނގިލިތަށް މިނިވަންކުރުން ކައިރާއަށް ފަސޭހައެއް ނުވި އެވެ.
އޮހޮރިގަތް ކަރުނައާއެކު ދެ އަތުގެ ތެރޭގައި ބީނިޝް ބޮނޑިކޮށްލި އެވެ. މޫނާއި ނިއްކުރިއާއި ބޮލުގެ އިސްތަށިގަނޑުގެ އެތަން މިތަނުގައި ކައިރާ ބޮސްދިނެވެ.
ފުން ނަޒަރަކުން ބީނިޝްއަށް ބަލައިލުމަށްފަހު ކައިރާ ކޮޅަށް ތެދުވެއްޖެ އެވެ.
ނުތަނަވަސްކަމުން އަހަރެންގެ ހިތް ތެޅިގަތީ ނުހަނު ބާރަށެވެ. ވާން މިއުޅޭ އެއްޗެއް ވިސްނައިގަނެވުން މާ ލަސްވީ އެވެ.
"ހިތަށްވެސް ނާރުވާތި! ހަމަ މިހާރު އިށީންދޭ!" އަކުރުތަކަށް ބާރުލާފައި އަހަރެން ބުނީމެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;