ads
ބިން ހިއްކުމުގެ މަސައްކަތް ކުރަނީ. ރަށްރަޑާއި ކައިރިން ވެލި ނަގާތީ އެކަން ނުކުރަން އަންގައިފި
ބިން ހިއްކަން މީހުން ދިރިއުޅޭ ރަށްތައް ކައިރިން ވެލި ނަގާ، ނުކުރަން އަންގައިފި
ފަޅު ފުންކުރުމައި ބިން ހިއްކުމަށް ވެލި ނެގުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކުގެ ބޭރުން ވެލި ނެގުމާއި މީހުން ދިރިއުޅޭ ރަށްރަށާއި ޓޫރިސްޓް ރިޒޯޓްތަކާއި މާކައިރިން ވެލިނަގާތީ އެކަން ނުކުރަން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އަންގައިފިއެވެ.
Advertisement

އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޮތޯރިޓީއިން ހުއްދަ ދީގެން ކުރިއަށްގެންދާ ފަޅު ފުންކުރުމާއި ހިއްކުމުގެ މަޝްރޫޢުތަކާ ގުޅިގެން، ގިނަ އަދަދެއްގެ ޝަކުވާތައް އެ އޮތޯރިޓީއަށް ދަނީ ލިބެމުން އަންނަކަމަށެވެ. 

ލިބިފައިވާ ޝަކުވާތަކުގެ ތެރޭގައި ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމައަށް ނާޅާ ފަޅު ފުންކުރުމާއި ހިއްކުމުގެ މަޝްރޫއުތަކާ ގުޅޭ މަސައްކަތްތައް ކުރިއަށްގެންދިޔުން ހިމެނޭކަމަށް އެ އޮތޯރިޓީން ބުނެއެވެ. 

 އެގޮތުން، ހިއްކުމުގެ މަސައްކަތުގެ ސަބަބުން، ފަޅުތެރޭގައި އުފެދޭ ސެޑިމެންޓޭޝަންގެ އަސަރު ކުޑަކުރުމަށް، ހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން ޖަހަންޖެހޭ ބަންޑްވޯލް އަދި ސިލްޓް ސްކްރީން ގާއިމްނުކުރުމާއި، ވެލި ނެގުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކުގެ ބޭރުން ވެލި ނެގުމާއި މީހުން ދިރިއުޅޭ ރަށްރަށާއި ޓޫރިސްޓް ރިޒޯޓްތަކާއި މާކައިރިން ވެލިނެގުމާއި، މޫސުން ގޯސްވެ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ރީނދޫ ސަމާލު (Yellow Alert)  ނެރެފައިވާ ދުވަސްވަރުގައި ވެސް މަސައްކަތް ކުރަމުންދިއުން ހިމެނޭކަމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ ބުނެއެވެ. 

އެހެންކަމުން މިފަދަ މަޝްރޫޢުތަކަށް މިއޮތޯރިޓީއިން ފާސްކޮށްފައިވާ އީ.އައި.އޭ ރިޕޯޓުތަކުގައި، މަޝްރޫއުގެ ސަބަބުން ކުރިމަތިވާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ބަޔާންކޮށްފައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރުމަށް އަންގާކަމަށް ރެގިއުލޭޓަރީ އޮތޯރިޓީ ނެރުނު ބަޔާނުގައިވެއެވެ.

" މިގޮތުން، ބަންޑްވޯލް އަދި ސިލްޓް ސްކްރީން ގާއިމްކުރުމާއި، އަތޮޅުތެރެއިން ވެލިނަގާނަމަ، މީހުން ދިރިއުޅޭ ރަށްރަށާއި ރިޒޯޓުތަކުގެ ހައުސް ރީފް އިން ފެށިގެން މަދުވެގެން 500 މީޓަރ ދުރުމިނެއް ބެހެއްޓުމާއި، މިފަދަ މަޝްރޫޢަކަށް މިއޮތޯރިޓީއިން ދޫކޮށްފައިވާ 'ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަޙައްދު ހިއްކުމާއި ފުންކުރުމުގެ ހުއްދައިގައިވާ "އެޕްރޫވްޑް ބޮރޯ އޭރިއާ" އެތެރެއިން ވެލިނެގުމަށް އަންގަމެވެ." އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ ނެރުނު ބަޔާނުގައިވެއެވެ.

ހަމައެއާއެކު، ހޮޕާ ޑްރެޖާ ބޭނުންކުރުމުގައި، އެކި ސަރަޙައްދުތަކަށް ދަތުރުކުރުމުގެ ކުރިން އޯވާފްލޯ ކޮންޓްރޯލް ވޭލްވްސް (ގްރީން ވޭލްވްސް-Green valves) ފުރިހަމައަށް ބަންދުކޮށްފައި ހުރިތޯ ޔަޤީންކުރުމަށާއި، ފަރުތަކާއި ނާޒުކު ސަރަހައްދުތަކާ ދުރުން، ކަނޑައެޅިފައިވާ ޑްރެޖާ ރޫޓްތައް ބޭނުންކުރުމާއި، ދަތުރުކުރަމުންދާއިރު، ޓާބިޑިޓީ މޮނިޓާކޮށް، ލެވެލް މަތިނަމަ އޮޕަރޭޝަންތަކަށް ބަދަލުގެނައުމަށް ވެސް ވަނީ އަންގާފައެވެ. އަދި، ހަމައެހެންމެ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ރީނދޫ ސަމާލު (Yellow Alert)  ނެރެފައިވާ ދުވަސްވަރުގައި ވެލިނެގުމާއި ހިއްކުމުގެ މަސައްކަތް މަޑުޖައްސާލުމަށްވެސް އޮތޯރިޓީން ނެރުނު ބަޔާނުގައިވަނީ އަންގާފައެވެ. 

މީގެ އިތުރުން،  ނޭޝަނަލް އޮޝެނިކް އެންޑް އެޓްމޮސްފިއަރިކް އެޑްމިނިސްޓްރޭޝަނުން- އެން.އޯ.އޭ.އޭ (NOAA) ގެ ކޮރަލް ރީފް ވޮޗްގެ ތަފާސްހިސާބުތަކަށް ބަލާ އިރު، މި އަހަރު އޭޕްރީލް މަހުން ފެށިގެން ދިވެހިރާއްޖެ ހިމެނޭ ސަރަހައްދުގައި މުރަކަ ހުދުވުމުގެ ފުރުސަތު އޮތުމާއެކު، މިހާރު "އެލާޓް ލެވެލް: "ވޮޗް" އަށް އަމަލުކުރަމުންދާ އިރު، ކުރިއަށް އޮތް 12 ހަފްތާގެ ތެރޭގައި "އެލާޓް ލެވެލް 1" (ބޮޑެތި ބްލީޗިން އެކަށީގެންވާ) އަށް ބަދަލުވުމުގެ ފުރުސަތު ބޮޑެވެ، މި އާ ގުޅިގެން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކަށް ހަރުދަނާ ގޮތެއްގައި އިތުރު ފިޔަވަޅުތައް އެޅުމަށް، ކަނޑައެޅިފައިވާ މިންގަނޑުތަކުގެ ތެރެއިން މަސައްކަތްތައް ބައްޓަންކުރުމަށް ސަމާލުކަން ދިނުމަށްވެސް އޮތޯރިޓީން ވަނީ އަންގާފައެވެ.

"ވީމާ، މި ފަދަ ނާޒުކު ދުވަސްވަރެއްގައި މި އޮތޯރިޓީއަށް ހުށަހެޅޭ އިސްވެ ބަޔާންވެދިޔަ ފަދަ ޝަކުވާތައް ދަނީ ހާއްސަ އިސްކަމެއްދީ ވަރަށް ގާތުން ބަލައި، އެ ފަދަ މަޝްރޫއުތައް މޮނިޓަރ ކުރަމުންނެވެ. އަދި މި އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަތަކާ ހިލާފަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަ ދަންނަވަމެވެ." އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ ނެރުނު ބަޔާނުގައިވެއެވެ.

މަޝްރޫޢުތައް ހިންގާ ހުރިހާ ފަރާތްތަކުންވެސް، އެ އޮތޯރިޓީން ފާސްކޮށްފައިވާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުތަކާއި އަދި ދޫކޮށްފައިވާ ހުއްދަތަކާ އެއްގޮތަށް މަސައްކަތްކުރުމަށާއި، މަޝްރޫއުގެ ކޮންސްޓްރަކްޝަން އަދި އޮޕަރޭޝަނަލް މަރުޙަލާތަކުގައި ކަނޑައަޅާފައިވާ އެންވަޔަރަމަންޓަލް ޕެރަމީޓާސް މޮނިޓާކޮށް، ރިޕޯޓުތަކުގައިވާ މޮނިޓަރިން ތާވަލާ އެއްގޮތަށް، އެންވަޔަރަމަންޓަލް މޮނިޓަރިން ރިޕޯޓް ހުށަހަޅަމުން ގެންދިޔުމަށްވެސް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ ނެރުނު ބަޔާނުގައި ގޮވާލާފައިވެއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;