މި ގަސްއިންދުމުގެ ހަރަކާތަކީ ރައީސް މުއިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ރަސްމީ އެޖެންޑާގެ ތެރޭގައި ހިމެނިގެން ކުރިއަށްދިޔަ ހަރަކާތެކެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ކުރައްވާ މަތީ ފަންތީގެ ދަތުރުފުޅެކެވެ.
ކޮލަމްބޯގެ ވިހާރަ މަހާ ދޭވީ ޕާކްގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ދެންނެވީ ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ.
މިރަސްމިއްޔާތުގައި ދެ ބޭފުޅުން އިންދަވާފައިވަނީ ''ހޯސްފީލްޑިއާ އިރީއޫގެޑީ'' ނަމަކަށް ކިޔާ ގަހެކެވެ. މި ގަހަކީ ސްރީލަންކާއަށް ހާއްސަ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ ގަހެކެވެ.
1965 ޖުލައި 26 ގައި ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިފަހުން މިއަދާއި ހަމައަށްވެސް، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަނީ ބަދަހި އެކުވެރި ގުޅުމެކެވެ. މި ގުޅުން ބިނާވެފައިވަނީ ދެ ގައުމުގެ މެދުގައި އޮތް އިހްތިރާމާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށެވެ.
ރައީސް މުއިއްޒުގެ ދެކަނބަލުން މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކަގެ ދައުވަތަކަށް މި މަހުގެ 3 އިން 6 އަށް ކުރައްވާ ދަތުރުފުޅެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;