ރައީސް މުއިއްޒު މިހެން ވިދާޅުވީ ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއާއެކު ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމަށްފަހު އިއްވެވި ނޫސްބަޔާނުގަ އެވެ.
ރައީސް ވިދާޅުވީ މި ދަތުރުފުޅަކީ ރާއްޖެއާއި ސްރީލަންކާގެ ގުޅުމުގެ އާ އަދި ހަލުވި ބާބެއްގެ ފެށުން ކަމަށެވެ. އަދި ދެ ގައުމުގެ ބަދަހި ގުޅުން އިތުރަށް ފުޅާކުރުމަށާއި، ސަރަޙައްދީ އެއްބާރުލުން ކުރިއެރުވުމަށާއި، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ސުލްހަވެރިކަމާއި، ހަމަޖެހުމާއި، ހުރިހާ ގައުމަކަށް ލިބިގެންވާ ތަނަވަސްކަން ކުރިއެރުވުމުގައި ރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ލަންކާގެ ރައީސް ޑިސަނާޔަކެއާއެކު ކުރިއަށްގެންދެވި ރަސްމީ ވާހަކަފުޅުތަކަކީ ވަރަށް ކާމިޔާބު މަޝްވަރާތަކެއްކަން ފާހަގަކުރައްވައި، ދޭދޭ ގުޅުންތަކާއި، ސަރަޙައްދީ އަދި ދުނިޔޭގެ މަސްރަހުގެ މުހިންމު ކަންކަމާ ގުޅޭގޮތުން އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދެއްކެވިކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިއަދު ސޮއިކުރެވުނު ފަހުމުނާމާ ތަކާއި އެއްބަސްވުންތަކަށް އަލިއަޅުއްވާލައްވައި، އެމަނިކުފާނު ވިދާޅުވީ މިހާރު އެންމެ މުހިންމު އިސްކަމެއް ދެއްވާނީ މި ކަންކަން ތަންފީޛުކޮށް، ދެ ގައުމުގެ ރައްޔިތުންނަށް އޭގެ ހަގީގީ މަންފާ ހޯދައިދިނުމަށް ކަމަށެވެ.
މިއީ ރާއްޖެ އާއި ލަންކާގެ ގުޅުމުގެ މުޅިން އާ ބާބެއް ފެށޭ ދުވަހެއް ކަމަށާއި ރާއްޖެ ދެމި އޮންނާނީ އެ ގުޅުން އަބަދުވެސް ބަދަހިކުރުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދެ ގައުމުން އެކުގައި މަސައްކަތް ކުރާނީ އެ ގުޅުމުން ހަގީގީ ނަތީޖާއެއް ނެރެވޭނެ މަސައްކަތްތަކެއްކޮށް އޭގެ ސަބަބުން ރައްޔިތުންނަށް ކުރިއެރުން ހޯދައިދިނުމަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;