މިދިޔަ މަހުގެ 9 ވަނަދުވަހު ހިނގި އަލިފާނުގެ ހާދިސަގާއި ފިހުނީ ތެޔޮ ބޯޓުގައި މަސައްކަތް ކުރާ ބަންގުލަދޭޝް ފިރިހެނެކެވެ. އެމީހާގެ އުމުރަކީ 39 އަހަރެވެ. އޭނާގެ ހަށިގަނޑުން 60 އިންސައްތަ ފިހިފައިވާކަމަށް މައުލޫމާތުވަނީ ލިބިފައެވެ.
އެމީހާއަށް ފީއަލީ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު މާލެ ގެނައީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އައިޖީއެމްއެޗުގް އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުން ދިޔަ އެމީހާ މަރުވެފައިވަނީ މިމަހުގެ 4 ވަނަދުވަހުއެވެ.
މިމީހާގެ ހަށިގަނޑު އޭނާގެ ގައުމަށް ފޮނުވުމުގެ މަސައްކަތް އިއްޔެވަނީ ކޮށްފައެވެ.
ފީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވީ މިދިޔަ މަހުގެ 9 ވަނަ ދުވަހުގެ ހެނދުނު 09:15 ކަންހާއިރުއެވެ. އެ އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލެވުނީ 10:35 ވީ ފަހުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެ ހާދިސާގެ އަލިފާންގަނޑު ފެތުރި ބަނދަރުގައި އޮތް އިތުރު ތިން ދޯންޏެއްގައިވެސް ރޯވެ ވަނީ އަނދާފައެވެ. އަދި އެ ސަރަހައްދުގައި ޕެޓްރޯލް ޝެޑުގައި ރޯވެ ބައެއް ގެއްލުންތަކެއްވެސް ވަނީ ލިބިފައެވެ.
މި އަލިފާނުގެ ހާދިސާގައި ފީއަލީގައި ހުރި މިފްކޯގެ އައިސް ޕްލާންޓްވެސް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. އެ އައިސް ޕްލާންޓަކީ މިދިޔަ އަހަރު އެރަށުގައި ހުޅުވާ ބޭނުންކުރަން ފެށި އައިސް ޕްލާންޓެކެވެ.
މިފްކޯއިން ބުނީ އެ އަލިފާނުގެ ހާދިސާގައި ފީއަލީ އައިސް ޕްލާންޓު ބޭނުން ނުކުރެވޭވަރަށް އަނދާފައި ވާކަމަށެވެ. އެ އައިސް ޕްލާންޓާއި ރޯވި އުޅަނދާ ދޭތެރޭ 15 ވަރަކަށް ފޫޓު ހުންނާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. އެ ކުންފުނިން ބުނީ ފީއަލީ އައިސް ޕްލާންޓަކީ 25 ޓަނުގެ އައިސް އުފައްްދާ ޕްލާންޓެއްކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;