"އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ކުށުގެ ދައުވާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލައި، އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ އަންގާރަ ދުވަހު އެވެ. ކްރިމިނަލް ކޯޓުން އިއްޔެ މި މައްސަލާގައި "ގެގް އޯޑަރެއް" ވެސް ނެރެނީ ޕީޖީން އެދިގެނެވެ.
އެ ގޮތުން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ:
މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން 'އައިޝާ' ޑޮކިޔުމެންޓްރީ ދައުރު ނުކުރަން
ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ޑޮކިޔުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް ނުދެއްކުމަށް
ޑޮކިއުމެންޓްރީއާ ގުޅުވާ މައްސަަލައިގެ ހަސްމަކަށް ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ނުދައްކަން
މިއީ ކޯޓުގައި ސިއްރުން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި ވާހަކަތައް ނުފަތުރަން
މިއިން ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެ އެވެ. އެ އަމުރާ ހިލާފުވި ކަމަށް ބެލެވޭ ކަމަށް ނިންމާ އަދަދު ނޫހުގެ ދެ ނޫސްވެރިއަކު މިހާރު ވަނީ ޖަލަށް ލާން ހުކުމްކޮށްފައި އެވެ.
މި އަމުރު ބާތިލްކޮށްދިނުމަށް އެދި، ހައި ކޯޓުގައި މައްސަލަ އިސްތިއުނާފްކުރި ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ން ވަނީ ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ. އެއީ ހައި ކޯޓުން ގޮތެއް ކަނޑައަޅަންދެން ކްރިމިނަލް ކޯޓުގެ އެ އަމުރަށް އަމަލުކުރުން ފަސްކޮށްދިނުމަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
މި އަމުރުގެ ސަބަބުން އަސަރުކޮށްފައިވާ، މައްސަލައަށް ތަދައްހުލްވާން ބޭނުންވާ ވީހާ ވެސް ގިނަ ފަރާތްތަކުން މައްސަލައަށް ތަދައްހުލްވުމަށް އެމްޖޭއޭން އެދިފައިވެ އެވެ.
"ގެގް އޯޑަރު" މުރާޖައާކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދުމަށް ބާ ކައުންސިލުގެ ފަރާތުން ވެސް އިއްޔެ ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ސިޓީއެއް ފޮނުވައިފަ އެވެ.
ކްރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފް ކުރިއިރު، އެ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި "އަދަދު" ގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު ޖަލަށްލާން އެ ކޯޓުން ވަނީ ހުކުމް ވެސް ކޮށްފައި އެވެ.
އެކަން ކުށްވެރިކޮށް އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ކްރިމިނަލް ކޯޓުގެ އަމުރުގެ ސަބަބުން ނޫސްވެރިންނަށް ހަބަރު ފެތުރުމަށް ހުރަސްއެޅި، މައުލޫމާތު ހޯދައި ލިބިގަތުމަށް އާންމު ރައްޔިތުންނަށް ލިބިގެންވާ ހައްގުން މަހުރޫމުވެފައިވާ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;