ބާ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ފަހަކަށް އައިސް ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކަށް ބަލާއިރު، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ އިތުރުން، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގާއި ހުޅުވާލެވިފައިވާ އަދުލު އިންސާފުގެ ނިޒާމަކަށް ހުރަސްއެޅޭ ފަދަ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
މިގޮތުން ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތްތަކާ ގުޅިގެން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ ނޫސްވެރިން ޖަލަށްލުމާއި، ހިނގަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން އާންމުކޮށް ވާހަކަ ދެއްކުން ހަނިކުރުމާއި، ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމަށް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށް ބާ ކައުންސިލުން ފާހަގަކޮށްފައިވެ އެވެ.
މިއީ ޝަރުއީ ނިޒާމުގެ މިނިވަންކަމާ މެދު އާންމުންގެ މެދުގައި އޮންނަ އިތުބާރު ކުޑަވާނެ ކަމެއްކަން ވެސް ބާ ކައުންސިލުން ޕީޖީއަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
އަދި ބާ ކައުންސިލްގެ "ޕްރޯ ބޯނޯ ކްލިއަރިން ހައުސް" މެދުވެރިކޮށް، ގާނޫނީ އެހީތެރިކަން ބޭނުންވާ ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
"އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ކުށުގެ ދައުވާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލައި، އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. ކްރިމިނަލް ކޯޓުން އިއްޔެ މި މައްސަލާގައި 'ގެގް އޯޑަރެއް' ވެސް ނެރެނީ ޕީޖީން އެދިގެނެވެ.
އެ ގޮތުން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ:
މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން 'އައިޝާ' ޑޮކިޔުމެންޓްރީ ދައުރު ނުކުރަން
ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ޑޮކިޔުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް ނުދެއްކުމަށް
ޑޮކިއުމެންޓްރީއާ ގުޅުވާ މައްސަަލައިގެ ހަސްމަކަށް ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ނުދައްކަން
މިއީ ކޯޓުގައި ސިއްރުން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި ވާހަކަތައް ނުފަތުރަން
މިއިން ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެ އެވެ. އެ އަމުރާ ހިލާފުވި ކަމަށް ބެލެވޭ ކަމަށް ނިންމާ އަދަދު ނޫހުގެ ދެ ނޫސްވެރިއަކު މިހާރު ވަނީ ޖަލަށް ލާން ހުކުމްކޮށްފައި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;