އެމްއައިބީން މިގޮތަށް ފާސްކޮށްފައިވަނީ އެ ބޭންކުގެ 16 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ.
މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ ފަހިވޯޓް ސިސްޓަމް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ޖަލްސާގައި ޖުމްލަ 57 ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ބައިވެރިވެފައި ވެއެވެ. މިއީ އެ ބެންކުގެ ޖުމްލަ ހިއްސާގެ 79.74 އިންސައްތަ ތަމްސީލުކުރާ މިންވަރެކެވެ. މި ޖަލްސާގައި ބެންކުގެ މާލީ ހާލަތާއި ކުރިމަގުގެ ރޭވުންތަކާ ގުޅޭގޮތުން މުހިންމު ނިންމުންތަކެއް ވަނީ ނިންމާފަ އެވެ.
މި ޖަލްސާގައި 2025 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް 100 ޕަސެންޓު ވޯޓުން ވަނީ ފާސްކޮށްފަ އެވެ. އަދި އެ ބެންކުގެ ޑިރެކްޓަރުންގެ ބޯޑުން 2025 ވަނަ އަހަރަށް، ކޮންމެ އާދައިގެ ހިއްސާއަކަށް ހުށަހެޅި 5.41ރ. ގެ ޑިވިޑެންޑް ބެހުމަށް 99.99 ޕަސެންޓް ވޯޓުން ވަނީ ފާސްކޮށްފަ އެވެ.
މީގެ އިތުރުން ވެސް 2026 ވަނަ އަހަރު ބޭންކުގެ އެކްސްޓާނަލް އޮޑިޓަރުންގެ ގޮތުގައި އާންސްޓް އެންޑް ޔަން އައްޔަންކުރުން 99.95 ޕަސެންޓް މީހުންގެ ތާއީދާ އެކު ފާސްކުރި އެވެ.
މިދިޔަ އަހަރު މޯލްޑިވްސް އިސްލާމިކް ބޭންކް އެމްއައިބީގެ ޖުމްލަ އެސެޓް 1 ބިލިޔަން އެމެރިކާ ޑޮލަރުން މައްޗަށް އަރުވައި ފާހަގަކޮށްލެވޭ ކުރިއެރުމެއް ވަނީ ހޯދާފަ އެވެ. މީއީ އެންމެ ފަނަރަ އަހަރު ކުރިން ރާއްޖެއަށް އިސްލާމިކް ބޭންކިން ތައާރަފުކުރި ވިޔަފާރިއެއްގެ ގޮތުގައި ދޮރު ހުޅުވި ބޭންކަކަށް ފައިސާއިން އަދަދުކުރެވޭ ވަރަށްވުރެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެބޭންކުން ފާހަގަކުރެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;