އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ)ން މިއަދު ބުނި ގޮތުގައި، އެމްޓީސީސީން އެކަން ކޮށްފައިވަނީ، ބާރަށު ކައުންސިލްގެ އެދުމުގެ މަތިން ހިންގި އެ ކުންފުނީގެ ސީއެސްއާރުގެ މަސައްކަތެއްގެ ގޮތުގައި 2023 ވަނަ އަހަރުގެ ތެރޭގަ އެވެ.
މަގު ފުޅާކޮށް ސާފުކުރުމުގެ ގޮތުން އެ ކުންފުނިން ކަނޑާފައިވަނީ، ބާރަށު ކުޅި އާއި ފާ އަދި ޗަސްބިން ސަރަހައްދުގައި ހިމެނޭ ރުއްގަހެވެ.
އެ އޮތޯރިޓީއިން ބުނީ އެ މައްސަލަައާއި ގުޅިގެން އެއްކުރެވުނު މައުލޫމާތާއި އެ ރަށަށް ޒިޔާރަތްކޮށް، ކުރި އިންސްޕެކްޝަނުގެ ތެރެއިން ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ބޭރުން ވެސް ގަވާއިދާ ޚިލާފަށް ރުއްގަސް ކަނޑާފައިވާކަން ފާހަގަވާކަމަށެވެ.
އެހެންކަމުން އެމްޓީސީސީ 550،000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި "ބަނޑޭރި ޕޭ" މެދުވެރިކޮށް ދައްކައި ހަލާސްކުރުމަށް އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށް ވެސް އީއާރްއޭގެ އިއުލާނުގައި ވަނީ ބުނެފަ އެވެ.
އެ އޮތޯރިޓީއިން ބުނި ގޮތުގައި އެ ފައިސާއަކީ ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައަޅާފައިވާ 500،000 ރުފިޔާއާއި ރައްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާއިބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައަޅާފައިވާ 50،000 ރުފިޔާ އެވެ.
ބާރަށުން ރުއްގަސް ކެނޑި މައްސަލާގައި އެމްޓީސީސީ ޖޫރިމަނާ ކުރިއިރު، މީގެކުރިން އެފަދަ މައްސަލައެއްގައި އެރަށު ކައުންސިލް ވެސް ޖޫރިމަނާކުރި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;