"ސުވާލަކީ ކޮބާ؟" މާލިކްގެ މިސްރާބު ސީދާކޮއްލި އެވެ.
"ސުވާލަކީ...
ހިތާއި ސިކުނޑީގައި އަކުރުތައް އެތުރިފައި ވިޔަސް ދުލުން ހާމަކުރާން ފަސޭހައެއް ނުވި އެވެ. ހިތްވަރު ކުރުން ނޫން އެހެން އެއްގޮތެއްވެސް ނެތްކަން އަހަރެންގެ ނަފުސަށް ބުނެދިނީމެވެ. ދެ ލޯ މަރާފައި މެދުހަށިން ހިތްވަރު ނެރުނީމެވެ.
"އަހަރުމެން ތިން މީހުންނަށް އުފާވެރި އާއިލާއެއްގެ ގޮތުގައި ދިރިއުޅެވިދާނެތޯ؟ ބީނިޝްގެ ސުވާލު އެ އަމާޒުވަނީ ކޮން މިސްރާބަކަށް ކަން މާލިކްއަށްވެސް އިނގޭނެ.." ނުތަނަވަސްކަމާއެކު އަހަރެން ބުނީމެވެ.
ބީނިޝްއާއެކު ދެކެވުނު ހުރިހައި ވާހަކައެއް ހިއްސާކުރުން މިވަގުތު މުހިއްމެއް ނޫނެވެ.
"ސީރިއަސްލީ؟ ތިޔަ ސުވާލުން ކައިރާގެ ދެ ލޯ ރަތްވެ، ގިސްލާ ރޯންޖެހޭ ސަބަބަކީ ކޮބާ؟" އެއްބުމަ މައްޗަށް ހިއްލާލާފައި މާލިކް ސުވާލުކުރީ އާދައިގެ ގޮތަކަށެވެ. މިކަމުގެ ސީރިއަސްކަމާއި ހަގީގީ ޕޮއިންޓް މާލިކްއަށް އަންދާޒާކުރެވޭހެންވެސް ހިޔެއް ނުވެ އެވެ.
"ޖޯކެއް ކަމަށް ހީވަނީތަ؟" ހިތްހަމަނުޖެހިފައި އަހަރެން ސުވާލުކުރީމެވެ.
"ކައިރާގެ މައްސަލައަކީ ކޮބާތަ؟" މާލިކްވެސް ހިތްހަމަނުޖެހުނެވެ.
"މާލިކްގެ ހިތާއި ސިކުނޑިއާއި ތިޔަ ބޮލުގެ ތެރޭގައި ރާވަމުންދާ ރޭވުންތަކެއް އަހަންނަކަށް ނޭގެ.. އަހަރެން ހީކުރީ ކަންކަން ހަމަޔަކަށް އެޅެނީ ކަމަށް.. ބީނިޝް، މާލިކްއަށް ބައްޕަ ކިޔުމާއި ހިސާބުން އަހަރެން ހީކުރީ މި ގުޅުމުގެ ރޮނގު ދަމާލެވޭނެކަމަށް.. އެކަމަކު ދުވަހުން ދުވަހަށް ނުވަތަ ފާއިތުވާ ކޮންމެ ސިކުންތަކު ބީނިޝްގެ ހިތުގައި މުޅިން އައު ތަސްވީރުތަކެއް މާލިކްއާއެކު އެދަނީ ކުރަހަމުން.. އެ މަންޒަރުގައި ކުލަ ޖައްސަން އަހަންނާއި ހަވާލުކުރިޔަސް، އެއަށް ކުލަ އިހްތިޔާރުކުރުމުގެ ބާރެއް އަހަރެންގެ ކޮންޓްރޯލަކު ނެތް! ބީނިޝްގެ ވިސްނުމަކީ ކޮބައިކަމެއްވެސް މާލިކްގެ ވިސްނުމަކީ ކޮބައިކަމެއްވެސް އަހަންނަކަށް ނުވިސްނުނު.. ހަދަންވީ ގޮތެއްވެސް ވިސްނަންވީ މިސްރާބެއްވެސް އަހަންނަކަށް ނޭގެ.. މިތާ އިނދެގެން މި ރޮނީ ކީއްވެކަމެއްވެސް އަހަންނަކަށް ނޭގެ.. ދެން ވާނެ ގޮތެއްވެސް އަހަރެން ހަދަންވީގޮތެއްވެސް އަހަންނަކަށް ނޭގެ.." ކިޔޭ ނުކިޔޭ އެއްޗެއް ނޭގޭ މީހަކު ފަދައިން ހިތަށް އައިހައި އެއްޗެއް ދުލުން ހާމަކުރީމެވެ. ނާރުތަކުގައި ލޭ ހިނގުން އަވަސްވެ، ސިކުނޑި ހާސްވަމުންދިޔަ ސަބަބެއް އަހަންނަކަށް ނޭގެ އެވެ.
"ކައިރާ، ކައިރާ، ޕްރިންސެސް ހަމަޖެހިބަލަ!" ވިސްނުންތެރިކަމާއެކު އަހަރެންގެ ދެއަތުގައި ފިރުމާލާފައި މާލިކް ވާހަކަ ދެއްކީ ކެތްތެރިކަމާއެކު އެވެ.
"ދޫކޮށްލާ!" އަހަރެންގެ ދެ އަތުން ދޫކޮށްލުމަށް އެދުނީމެވެ.
"ދުވަހަކުވެސް ނުކުރާނަން" ޔަގީންކަމާއެކު މާލިކް ބުންޏެވެ.
މާލިކްގެ ބާރުގަދަ ދެ އަތުގެ ތެރޭގައި އަހަރެން ގަދަ ހެދީމެވެ. ދޫކޮށްލާނެކަމުގެ ކުޑަވެސް ނިޝާނެއް ނުފެނުނެވެ. މިއީ އަހަރެންގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ކުރާ ތަޖުރިބާއެކެވެ.
އެހެން މީހަކަށް މި އިހްސާސް ބުނެދިނުމުގައި އިންސާފު ނުކުރެވިދާނެ އެވެ.
އެހެން އިންސާނެއްގެ އަތުތެރެއިން ނިކުމެވޭތޯ އަހަރެން ގަދަ ހަދަނީ އެވެ. އެ ދެ އަތުގެ ހިމާޔަތުން އަހަރެން މިންޖުކުރުމަށް އެދި އާދޭސްކުރަނީ އެވެ.
އެކަމަކު، އެ ދެ އަތުގެ ތެރެއިން އަހަރެން ނެރެ ބޭރުކުރުމުގެ ކުޑަވެސް ވިސްނުމެއް އެ އިންސާނާގެ ނެތެވެ. ރައްކާތެރި އެ ހިމާޔަތުން އަހަރެން ވީއްލިގެން ދިއުމަށް އޭނާ ފުރުސަތެއް ނުދިނެވެ.
"ހެއި ބީނިޝް ޑާލިންގ، މަންމައާއި ބައްޕަ ވާހަކައެއް ދައްކާލިޔަސް އެންމެ ރަގަޅުތަ؟" ބީނިޝްގެ ހުއްދަ މާލިކްއަށް ވަރަށް މުހިއްމުކަން ގަބޫލުކުރާން މަޖުބޫރުވި ވަގުތެކެވެ. އޭނާގެ ލޮލުން ފެންނަމުންދިޔައީ އަމާންކަމާއި ތެދުވެރިކަމެވެ.
މާލިކްގެ އަޑު ބީނިޝްގެ ކަންފަތާއި ހަމައަށް ދައުރުކުރިކަމުގެ ލިސާނެއްވެސް ނެތެވެ. ހިންދީ ޝޯވްއަކަށް ގެއްލި އެއިގެ ތެރެއަށް ވަދެ އެ އޮތީ އޭގައި ކިޔާއެއްޗެއް ބީނިޝްއަށް އެނގޭތީ ބާވައޭ އަހަރެން ހިތަށް އެރި އެވެ.
މާލިކްގެ ސުވާލަށް ޖަވާބެއް ނުލިބުމުން އަހަރެންގެ ލޮލަށް އޭނާ ބަލައިލި އެވެ.
"ބީނިޝްގެ ހިމޭން ކަމުގެ މާނައަކީ އާއެކޭކަމަށް މި ނިންމީ! ކައިރާ ނިންމަންވީ އަހަރުމެން ވާހަކަ ދައްކާން ތިބޭނީ ސޯފާގައިތޯ ނުވަތަ ގޭތެރޭގެ އެހެން ތަނެއްގައިތޯ؟ ޔަގީންކޮށް ބުނަން، ގެއިން ބޭރަކަށް ނުނިކުމެވޭނެ! ކައިރާގެ ގައިން އަހަރެން ދުލެއްވެސް ނުކުރާނަން" މާލިކްގެ ހުކުމް އޭނާ އިއްވި އެވެ.
"މާލިކް" މާލިކްގެ ލޮލަށް ބަލައިލާފައި އަހަރެން އާދޭސްކުރީމެވެ. ދޫކޮށްލުމަށް އެދި އެވެ.
"ސޯފާ؟ ނުވަތަ މިގޭ ތެރޭގައި ހަމަ ވަށައިގެން ދުވަމުންވެސް ވާހަކަދެއްކިދާނެ" އަހަރެންގެ އަތުގައި ފިރުމާލާފައި މާލިކް ބުންޏެވެ.
އޭނާގެ އެ ފިރުމާލުމަށް އަހަރެންގެ ގުނަވަންތައް ތަބާވީ އަހަރެންގެ އިހްތިޔާރުގައިތޯ ނުވަތަ ނޫންތޯ ނިންމާކަށް އަހަރެންގެ ސިކުނޑިއާއި ހިތަށް ފަސޭހައެއް ނުވި އެވެ.
ގޮތް ނިންމީ ހިތާއި އެއްކޮޅަށެވެ. އެއީ މާލިކްވެސް އެދޭގޮތް ކަމަށްވާތީ އެވެ.
"ތިޔަށްވުރެން ހިތްވަރުގަދަ އަންހެނަކު އަހަރެން ނުދެކެން.. އެކަމަކު އެއިގެ މާނައަކީ ކޮންމެ ފަހަރަކު، ކޮންމެ ކަމެއް އަމިއްލައަށް ކުރިމަތިލައިގެން ހައްލުކުރާށެކޭ ނޫން.. ނުވަތަ ހަނގުރާމައިގެ މައިދާނަށް އެކަނިމައި އެކަނި ނިކުމެ މައިދާނުގައި ސާބިތުވާށެކޭ ނޫން.. ތިމާއާއިއެކު އައްޑަނައަކާއި ދިފާއުވާނެ ބާރެއް ބޭނުންވާނެ.. އެ ހަނގުރާމައިން ކާމިޔާބު ލިބުން ނުލިބުން ދެމިއޮންނާނީ އެ ވަގުތު، ކައިރާ ނިންމާ ނިމުމެއްގެ މަތީގައި.. ގަދަފަދަ ފައުޖެއްގެ ގޮތުގައި އަހަރުމެން ދެމީހުން ކުރިމަތިލައިފިއްޔާ ބަލިކޮށްލެވޭނެ ބާރެއް އަހަރުމެންނާއި ބައްދަލު ނުކުރާނެކަން ޔަގީން.. މި ވާހަކަ މި ދައްކަނީ ހަމައެކަނި ކައިރާއާއި ބީނިޝްގެ ފައިދާއަށް" މާލިކް މަސައްކަތްކުރީ އަހަންނަށް ވިސްނައިދެވޭތޯ އެވެ. އެކަން އަހަރެން ގަބޫލުކުރަމެވެ. އެކަމަކު މިއީ ފަސޭހަ ކަމެއް ނޫނެވެ.
"ތި މަންޒަރާއި ތި ހުވަފެންތަކާއި ތި ވާހަކަތަށް އަޑުއަހައިލަން ވަރަށް ހިތްގައިމު.. އެކަމަކު ބުނަންތަ، ބަދުނަސީބުގެ ކަޅު ވިލާގަނޑު ބޯމަތިވާ ވަގުތުގައި ތިމާގެ އަމިއްލަ ހިޔަނިވެސް އެމީހަކު ދޫކޮށް ފިލާނެ! ދުނިޔޭގެ މި ހަގީގަތް ދޮގުކުރާނެ ސަބަބެއް އަހަރެންގެ ހަޔާތުގައި މިހައިތަނަށް ބައްދަލުކޮށްފައެއް ނެތް.. ވާހަކަ ދެއްކުމާއި ގޮތް ނިންމުމާއި ބޭނުންވާ ގޮތް ހާމަކުރުމަކީ ވަރަށް ފަސޭހަކަމެއް.. އެކަމަކު ތެދުވެރިކަމާއި އަމާނާތްތެރިކަން ސާބިތުކޮށްދޭންޖެހޭ ވަގުތު ކަންތައް ދިމާވާނީ މުޅިން ދިމާ އިދިކޮޅަށް.. ކަމެއް ޖެހޭ ވަގުތުގައި އަހަންނާއެކު އެކަކުވެސް ނުހުންނާނެ.. ވަށައިގެން ވާނީ އެކަނިވެރިކަމާއި ބިރުވެރިކަމާއި ނިކަމެތިކަން.. އަހަރެންގެ ދިފާއުގައި އެކަކުވެސް ނުހުންނާނެ.. އެހީތެރިވާނެ މީހަކުވެސް ނުހުންނާނެ.. ވަރަށް ވިސްނާފައި މިބުނީ" އަހަރެންގެ ހިތާއި ދެކޮޅަށް ވިޔަސް ހަގީގަތް ހާމަކުރީމެވެ.
ހިނދުކޮޅެއްވެސް ލަސްނުވި އެވެ. އަހަރެންގެ އަތުން މާލިކް ދޫކޮށްލި އެވެ.
ހިތަށް އެރި އެވެ. ހަގީގަތަކީ މިއީ އެވެ. އޮޔަށް ވަޔަށް ދަތުރުކުރާ ހިމަ ހޯލިކޮޅެއްގައި ބާރަށް ހިފެހެއްޓުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެ ހޯލިކޮޅުވެސް ދަތުރުކުރާނީ އޮއެ ހުރި މިސްރާބަކަށެވެ.
"ބީނިޝް" ވައި އަޑުން މާލިކް ގޮވައިލި އަޑު އިވުނެވެ. ހޫމްމމ އަޅުވައިލުން ފިޔަވައި އިތުރު އަޑެއްވެސް ބީނިޝް އިއްވާނުލި އެވެ.
"ޕްރިންސެސް، ބައްޕައާއި ދިމާއަށް ބަލާލަބަލަ" ވަރަށް އަސަރާއެކު މާލިކް ބުނެލީ މަޑުމަޑުންނެވެ.
ޓީވީން ދައްކަމުންދިޔަ މަންޒަރު ހުއްޓުވާލުމަށްފަހު މާލިކްއާއި ދިމާއަށް ބީނިޝް އެނބުރުނެވެ.
"ޔެސް ބައްޕާ" ވަރަށް ލޯބިން އަހަރެންގެ ދަރިފުޅު ބުންޏެވެ.
'ބައްޕަ' ލަފުޒު އެ ދަރިފުޅުގެ އަޑުން ހާދަހައި ހިތްގައިމެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;