ads
ދަރިފުޅު - 26 ވަނަ ބައި
އެޕިސޯޑް 26
Advertisement

ގަދަ ނިދީގެ ތެރޭގައި ބީނިޝް ހިމޭންވެއްޖެކަން ޔަގީންވުމުން މާލިކްގެ ލެޕްޓޮޕް ލައްޕައިލި އެވެ. ބީނިޝްގެ ނިންޖަށް ކުޑަވެސް ލޮޅުމެއް ނާރާނެކަން ޔަގީންކުރަމުން މަޑުމަޑުން އެނދުން ތެދުވެއްޖެ އެވެ.

"ދި ރޫމް އިޒް ޔޯސް" ކޮޓަރީން ނިކުތުމަށް މިސްރާބުޖަހަމުން މާލިކް ބުނެލި އެވެ.

އަހަރެންނާއި ދިމާއަށް އެންމެ ފަހަރަކުވެސް މާލިކް ބަލައިނުލަ އެވެ. 

އަހަރެންގެ ވަށައިގެން ހިމޭންކަމާއި އެކަނިވެރިކަމާއި ބިރުވެރި އަނދިރިކަން ނޫން އެހެން އެއްވެސް އެއްޗެއް ނުވާކަން އޭނާއަށް ނޭގުނީ ހެއްޔެވެ؟

................

އަހަރެންނާއި ބީނިޝް މާލިކްގެ ގޭގައި ދިރިއުޅޭތާ މަސްދުވަސް ފާއިތުވެގެން ދިޔައީ އެވެ. އަހަރެމުން ދެމައިން ނިދަނީ މާލިކްގެ ކޮޓަރީގައި އެވެ. ކޮންމެ ރެއަކު މާލިކް ނިދަނީ ސިޓިންގރޫމް ސޯފާގައި އެވެ.

ދުވަހެއްގައިވެސް ހިނިތުންވެ އުފާ ނުވާވަރަށް އަހަރެންގެ ދަރިފުޅުގެ އުފަލާއި ހިތްހަމަޖެހުން ފާއިތުވެގެން މިދާ ދުވަސްތަކުގައި ފެނިއްޖެ އެވެ. އަހަރެންނާއެކު ހޭދަކުރާ ވަގުތަށްވުރެން މާލިކްއާއިއެކު ބީނިޝް ހޭދަކުރާ ވަގުތު ގިނަވާނެ އެވެ. 

އެހެން މީހަކަށް ފާހަގަކުރެވޭނެ ފުރުސަތެއް ނުދިނަސް، އަހަރެންނާއި މެދު މާލިކް އަމަލުކުރާ ގޮތާއި އަހަރެންނާއި މުއާމަލާތު ކުރުންވެސް ތަފާތެވެ. ބީނިޝްގެ ވާހަކައެއްގައި އަހަރެން ބައިވެރިކުރުން ނުވަތަ ބީނިޝްގެ ސުވާލަކަށް ޖަވާބު ދިނުމާއި ފަހަދުބޭބެގެ ޝާމިލްވުމެއް ނެތް ކަމެއްގައި ނޫނީ އަހަރެންނަކީ މާލިކްގެ ރާޑަރަށް ނާރާ 'މަންޒަރެކެވެ'

ސަބަބެއް އަހަރެންގެ ހިތާއި ސިކުނޑިއަށް އަދިވެސް ނުވިސްނެ އެވެ. އަހަރެންނާއިމެދު މާލިކް އެވަރުގެ ހިތްހަމަނުޖެހުމެއް ނުވަތަ އެވަރުގެ ދުރުކަމެއް ގެންގުޅޭންޖެހޭ ސަބަބެއް ނުވިސްނުނެވެ. 

މިވަގުތު ގޭގައި މިއުޅެނީ އަހަރެންނާއި މާލިކް އެވެ. ބޭބެއާއި އޭނާގެ ލޯބިވެރިޔާއާއެކު ބީނިޝް އައިސްކްރީމް ބޯންދިޔަފަހުން ކިތަންމެ އިރެއްވެއްޖެ އެވެ. އައިސްކްރީމަށްފަހު ހުޅުމާލެ ސެންޓްރަލް ޕާކަށް ބީނިޝް 'ދުވެލަން'ދާން ބޭނުންކަމަށް ބުނީތީ އެކަން ކޮށް ނުދީ ބޭބެ، ބީނިޝް ގެއަށް ނުގެންނާނެކަން އަހަންނަށް ޔަގީނެވެ.

އަހަރެންގެ ވާހަކަތަކާއި ފިލޭނެ އެއްގޮތްވެސް މިއަދު މާލިކްއަށް ނޯންނާނެ އެވެ. މާލިކްގެ ދުރުވުމާއި، އާދަޔާ ހިލާފް ހަރަކާތްތަކުގެ ހަގީގީ ސަބަބު އޭނާ ޖެހޭނީ މިއަދު ބުނެދޭށެވެ. މާލިކްގެ ބޮލަށް އުނދަގޫވާނެފަދަ ކަމެއް މިގޭތެރޭގައި ވުމަށް އަހަރެންވެސް ނޭދެމެވެ.

އަހަރެންގެ ސަބަބުން އޭނާއަށް ނުތަނަވަސްކަމެއް ލިބެންޏާއި އެކަމާއިމެދު ސުވާލުކުރުމުގެ ހައްގު އަހަރެން އަމިއްލައަށް ލިބިގަންނާނަމެވެ. މާލިކްގެ ހިތްހަމަޖެހުން އަހަންނަށް މުހިއްމެވެ.

އަހަރެންގެ ހަޔާތަށް މާލިކް 'ބޭނުމެއް ނޫނެވެ'. އެކަމަކު އޭނާގެ އުފަލާއި ހިތްހަމަޖެހުމާއި ދިރިއުޅުމުގެ އަމާންކަން މިއަދު އަހަންނަށްވެސް މިހިއްމެވެ. އަހަރެންގެ ދަރިފުޅަށް މާލިކްއަކީ ހާއްސަ މީހެކެވެ. ބީނިޝްއަށް މުހިއްމު އަދި ހާއްސަ ކޮންމެ އެއްޗެއް އަހަންނަށް މުހިއްމެވެ. 

މެންދަމުގެ އަރާމު ނިދި ގެއްލިފައިވާތާ ކިތަންމެ ރެއެއްވެއްޖެ އެވެ. އަހަރެންގެ ދަރިފުޅަށް އަމާންކަމާއި ރައްކާތެރިކަން ލިބިފައި ވިޔަސް ހިތުގެ ތަސައްލީ ގެއްލިފައި ވަނީ ވިސްނަން މަޖުބޫރު ހާލަތަކަށް އަހަރެންނާއި މާލިކް ގުޅުން ދަތުރުކޮށްފައިވާތީ އެވެ. ކޮޅެއް މެދެއް ފެންނާން ނެތް ގުޅުމަކުން ހައްލެއް ލިބޭނީ އެކަމުގެ ފެށުމާއި ހަމައަށް ދަތުރުކުރެވިގެންނެވެ. މިއީ އެކަމަށް އެންމެ ފުރިހަމަ ވަގުތެވެ. 

ހުސްކަމާއި ތުނަވަސްކަން ނޫނީ ލިބިފައި ނެތް މި ނަފުސަށް އަމާންކަމެއް އިހްސާސްކޮށްދިނީ މާލިކް އެވެ. އޭނާގެ އެހީއަށް އަހަރެންގެ ޒަމީރު އެދި އާދޭސްކުރެ އެވެ. ސިއްރުން ވިޔަސް އެ ދެއަތުގެ ރައްކާތެރިކަމަށް އަހަރެންގެ ހިތް އެދެ އެވެ.

މަޑުހިނގުމުގައި ކޮޓަރިން ނިކުތީމެވެ. 

ފާރުގައި ހަރުކޮށްފައިވާ ގަޑިން މެންދުރުން އަނބުރާ ތިނެއް ޖެހީ އެވެ.

ފެނުނީ ހިތްގައިމު މަންޒަރެކެވެ. 

ފިޔަވަޅަށް ހުއްޓުން އެރީ ލޮލުގެ ކެމެރާގައި އެ ތަސްވީރު ރައްކާކުރުމަށް ހިތަށް އެރީތީ އެވެ. 

އަހަންނަކީ 'ފޮޓޯ'މީހެއް ނޫނެވެ. އެހެންނަމަވެސް ހިތް އެދުނީތީވެ، އަތުގައި އޮތް ފޯނުން އެ މަންޒަރުގެ ފޮޓޯއެއްވެސް ނެގީމެވެ. ސޯފާއި ލެނގިލައިގެން، ދެފައި ދަމަލައިގެން،  އުނގުމަތީގައި ލެޕްޓޮޕް ބައިންދައިގެން މާލިކް އެ އިނީ ނިދިފަ އެވެ. އޭނާގެ ވަރުބަލިކަން ސާފުކޮށް ހާމަވެ އެވެ.

މަޑުމަޑުން، މާލިކްގެ ލެޕްޓޮޕް އޭނާގެ އުނގުން ނެގީމެވެ. ތުރާލެއް ވެދާނެތީ އަހަރެންގެ ހަރަކާތްތަކަށް ސަމާލުވީމެވެ. ނަމަވެސް ލޮލުގެ އެސްފިޔަތަށް ތަޅުވައިލުމަށް ލަސްތަކެއް ނުވި އެވެ. 

"ކޮޓަރީގައި ނިދާލަން ދާންވީނުން" ނުތަނަވަސްކަމާއެކު އަހަރެން ބުނީމެވެ. 

ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެފައި  މާލިކް ތެދުވި އެވެ. 

އަމިއްލަޔަށް ތައްޓަކަށް ފެން އަޅައިގެން، ފެން ބޮއެގެން އެހެން ދިމާއަކަށް އެނބުރެލުމުގެ ކުރީން އަހަރެން ވާހަކަދެއްކީމެވެ. 

"ވާހަކަދައްކާލަން މަޑުކޮށްލެވިދާނެތަ؟' މަޑުމަޑުން ސުވާލުކުރީމެވެ.

މިފަހަރުވެސް ޖަވާބު ލިބުނީ ބޮލުގެ އިޝާރާތުންނެވެ.

ސޯފާގައި އިޝީނުމުން ވާހަކަ ފެށީ އަހަރެންނެވެ.

"މާލިކް އަހަރެންނާއި ތިހައި ދުރުވުމުގެ ސަބަބަކީ ކޮބާ؟ މިގޭގައި އަހަރެން އުޅޭއިރު މާލިކްއަށް އަހަރެން ނުވެސް ފެންނަ ފަދަ...! އެވަރުގެ ބަދަލެއް މާލިކްއަށް އައީ ކިއްވެ؟" ސުވާލުކުރީމެވެ. 

އިވުނު ސުވާލު  އަހަރެންގެ ކަންފަތަށް ޔަގީންކުރުންވެސް ފަސޭހައެއް ނުވި އެވެ. ހަގީގަތް އަހަރެންގެ ސިކުނޑީގައި އެނބުރި ގަތީތީ އެވެ. އަހަރެންނާއި ދުރުވާން ތަކުރާރުކޮށް މާލިކްއަށް އިންޒާރުދީފައިވާނެ އެވެ. އޭނާގެ އޯގާތެރިކަމާއި ހަމްދަރުދީވެސް ބޭނުން ނުވާކަމަށް ބުނެފައި ވާނެ އެވެ. އެނާގެ އެހީއަށްވެސް ފާޅުގައި އިންކާރުކުރެވިފައި ވާނެ އެވެ. 

"ދުރުވާން ނުޖެހޭ ސަބަބަކީ ކޮބާ؟" އެއްވެސް ޖަޒްބާތެއް ނެތް ބުނެލުމަކުން މާލިކް ސުވާލުކުރި އެވެ.

"އަހަރެންނަކީވެސް މިގޭގައި ދިރިއުޅޭ ނަފުސެއް! ބީނިޝްއާއި ގުޅުން ހުރި އެއްޗެއް ބުނެލަން ނޫނީ މާލިކް އަހަންނާއި ވާހަކައެއް ނުދައްކާ! ބީނިޝް މާލިކްއަށް ކިޔަނީ ބައްޕަ.." އަހަރެން ބުނީމެވެ.

"ދެން؟" ދެ ކޮނޑު އަރުވާލައިފައި މާލިކް ބުނެލި އެވެ.

"ތިގޮތަށް ތި ހަދަނީ ކީއްވެ؟"

"ކިހިނެއް ހަދަނީ؟"

"އަހަރެން ފެންނަކަމަށްވެސް ނުހަދަނީ ކީއްވެ؟"

"އޯކޭ! އޭގައި މައްސަލައަކީ ކޮބާ؟"

ދެމީހުންގެ ބަހުސް މިދާ މިސްރާބުން އަހަރެންގެ ޕްރެޝަރަށް ބަދަލު އަންނަން ފަށައިފި އެވެ.

"އަހަރެންނާއި ބީނިޝް، މާލިކްއަށް މުހިއްމުކަމަށް ނުބުނަންތަ؟ މާލިކްގެ ދުނިއަކީ އަހަރެން ކަމަށް ނުބުނަންތަ؟"

"ބުނިން!"

"ދެން މައްސަލައަކީ ކޮބާ؟ ނުފެންނަކަމަށް ހަދައިގެން އަހަރެންގެ އިހްސާސްތަކަށް ނިކަމެތިކަން ދެނީ ކީއްވެގެން؟"

އަހަރެންގެ ދެ ލޯ ރަތްވަމުންދިޔަކަން ދެނެހުރީމެވެ.

"ވިސްނާލަބަލަ! ކައިރާ ނޫންތަ ބުނީ އަހަރެން ބޭނުމެއް ނޫނޭ! ސިކުނޑިއާއި ދުލަށް އައިހައި އެއްޗެއް އަހަންނާއި ދިމާއަށް ގޮވީ ކައިރާ.. އެ އަޑު އަހަން އަހަރެން ހުރިން ދޯ؟ ކައިރާ ހީކުރީ ކައިރާގެ ކިބައިން އަހަރެން ޖިސްމާނީ އަދި ޖިންސީ ލައްޒަތެއް ހޯދަން އުޅެނީކަމަށް.. އެކަމުގެ ތުހުމަތުވެސް ކުރި! އަހަރެންގެ ކިބައިން އެވަރުގެ ލަދުވެތި އަދި ދަށުދަރަޖައިގެ އިޝާރާތްތަކެއް ކައިރާއަށް ލިބިފައިވާތީ ވަރަށް ބޮޑަށް މައާފުކުރޭ..!" އަސަރާއެކު މާލިކް ބުންޏެވެ. 

އަހަރެންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަކަން އޭނާއަށް އިނގޭނެ އެވެ. އެވަރުގެ ހުތުރު ތުހުމަތެއް ކުރެވުނީތީ ލަދުވެތިވަމެވެ. އިސްޖަހައިލެވުނެވެ.

ރުޅީގެ މައްޗަށް ބުއްދި އިސްނުކުރެވޭ ކޮންމެ މީހަކަށް، އަހަރެންގެ މި ވަގުތުގެ ރަހަ ދެކެން ޖެހޭނެކަން ކަށަވަރެވެ. 

"ކައިރާގެ ސުވާލުތަކުގެ ޖަވާބަކީ، ކައިރާގެ ކިބައިން ޖިންސީ ލައްޒަތެއް ނުވަތަ ޖިސްމާނީ ފައިދާތަކެއް ހޯދަން އަހަރެން އުޅުނުކަން ނުވަތަ އުޅޭކަމަށް  ތުހުމަތު ކުރުމުން، އެކަމުން އެއްކިބާވުމަށް މި ނޫން ގޮތެއް އަހަންނަށް ނެތީ!" މާލިކް ބުނެލީ އަސަރާއެކު އެވެ. 

އަހަރެންގެ ތޫނު ބަސްތަކުން މާލިކްއަށް ކޮށްފައިވާ އަސަރާއި އޭނާ އުފުލާފައިވާ ވޭން އަންދާޒާކުރެވިއްޖެ އެވެ.

އިހްތިޔާރުގައިވިޔަސް ނުވަތަ ގަސްތަކައި ނުލައިވިޔަސް، ހައްދެއް ނެތް މިންވަރަށް އޭނާ ހިތްދަތި ކުރެވިއްޖެ އެވެ.

"މާލިކް"

"ޔެސް"  (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;