ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާއެއް ސާބިތުވެ، އޭނާ 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަންގާރަ ދުވަހު ހުކުމްކޮށްފަ އެވެ.
ޝަމްއާންގެ މައްޗަށް ދައުލަތުން ކުރި ފޭރުމުގައި ބައިވެރިވުމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
ހޯމް މިނިސްޓަރު އިހުސާން, ބިދޭސީންގެ ކޯޓާ ވިއްކާ ހަދާ ކަމަށް ޝަމްއާން ވަނީ ތުހުމަތު ކޮށްފަ އެވެ. އެ ތުހުމަތުތައް ދޮގުކޮށް އިހުސާން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިކަމުގައި ކަން ހިނގައިދިޔަ ގޮތް ސާފު ކޮށްދިނުމަށް ފުލުހުންގެ ފަރާތުން އެދިވަޑައިގެންފައިވާ ކަމަށެވެ.
މި ވާހަކަތަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، ވަކި ގޮތަކަށް ބަޔާން ދިނުމަށް މީހުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ނުވަތަ ތަހުގީގުގެ ނިންމުންތަކަކީ ސިޔާސީ ފަރާތެއްގެ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ކުރާ ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ.
ރާއްޖޭގެ ގާނޫނުއަސާސީއާ ގާނޫނުތަކުގެ ދަށުން ކަނޑައަޅާފައިވާ އަދުލުގެ ނިޒާމަށާއި ފަނޑިޔާރުގޭގެ މިނިވަންކަމަށް ފުލުހުން ފުރިހަމައަށް އިހުތިރާމްކުރާ ކަމަށާއި ކޯޓަކުން ނިންމާފައިވާ ނިންމުމަކާމެދު އެއްވެސް ފަރާތަކުން ހިތްހަމަނުޖެހޭނަމަ ނުވަތަ އެ ނިންމުމެއް މުރާޖައާކުރަންޖެހޭކަމަށް ދެކޭނަމަ، އިސްތިއުނާފުކުރުމުގެ ހައްގުގެ ބޭނުންކުރަން ފުލުހުން ވަނީ އެދިފަ އެވެ.
މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކުރައްވައި، ޝަމްއާން ދެއްކެވި ވާހަކަތައް ވެސް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ދޮގު ކުރައްވައިފަ އެވެ. އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ވަނީ އޭނާގެ މައްޗަށް ޝަމްއާން ކުރެއްވި ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.
ޖުމްލަ 25 އަހަރުގެ ހުކުމެއް އައި ނަމަވެސް، ޝަރީއަތް ނިމެންދެން ބަންދުގައި ހޭދަކުރި 9 މަހާއި 10 ދުވަސް ހުކުމުގެ މުއްދަތުން އުނިކުރެވޭނެ އެވެ. ޖަލު ހުކުމުގެ އިތުރުން ޝަމްއާން ވަނީ 500,000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ. އަދި ބިދޭސީއެއްގެ އަތުން ފޭރިގަތް 500,000 ރުފިޔާ ތިން މަސްދުވަހުގެ ތެރޭގައި އެމީހާއަށް އަނބުރާ ދެއްކުމަށާއި، އޭނާގެ ގެއިން ފެނުނު ފައިސާގެ ތެރެއިން 125,000 ރުފިޔާ ދައުލަތަށް ނެގުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ގާޒީ އިހުސާން ވިދާޅުވި ގޮތުގައި ޝަމްއާންއަށް މިފަދަ ބޮޑު އަދަބެއް ދޭން ނިންމީ، އިމިގްރޭޝަންގެ އެންމެ މަތީ ވެރިޔާގެ މަގާމުގައި ހުރެ، ބިދޭސީންނަށް ރައްކާތެރިކަން ދިނުމުގެ ބަދަލުގައި އަމިއްލަ ފައިދާއަށް މަސައްކަތްކޮށް، މުއައްސަސާގެ އަގު ވައްޓާލާފައިވާތީ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;