ads
ދަރިފުޅު - 27 ވަނަ ބައި
އެޕިސޯޑް 27
Advertisement

"އައި އެމް ސޮރީ"

"ހަގީގަތުގައި މާފަށް ތި އެދެނީ ކޮން ކަމަކަށް؟"

"ބައިވަރު ކަންތަކަށް.. މާލިކްއާއި މެދު އަދަބު ކުޑަ ކުރެވުނީތީވެ.. އަހަރެންގެ މި ދިރިއުޅުމުގައި މާލިކްގެ ބޭނުމެއް ނެތްކަމަށް ތަކުރާރުކޮށް ބުނެވިފައި ވާތީވެ.. އަހަރެންގެ ކިބައިން މާލިކް ބޭނުންވަނީ ޖިންސީ އެދުންވެރިކަން ކަމަށް ބުނެ، ހުތުރު އިލްޒާމްތައް އެޅުވުނީތީވެ! އަދިވެސް، މި ނޫނަސް އަހަންނަށް ކުރެވިފައި ހުރި ބައިވަރު ނުރަނގަޅު ކަންތައްތަކަށް މައާފުކޮށްދީ..!" ދެ އަތް ގޯޑުކޮށްފައި އަހަރެން މައާފަށް އެދުނީމެވެ.

"ތިހުންނަނީ އެއްވެސް ކަމެއް ނޫނެއްނުން" ފަރުވާކުޑަ ގޮތަކަށް މާލިކް ބުނެލި އެވެ. އެއީ އަހަންނަށް ކޮއްލި މަލާމާތެއް ފަދަ އެވެ.

"މާލިކް، ޕްލީޒް!" އަހަރެންގެ އަޑު ތުރުތުރު އެޅިޔަ ނުދީ އަނެއްކާވެސް މައާފަށް އެދުނީމެވެ. އަދި ކުރިއަށްވުރެންވެސް ގާތަށް ޖެހިލާފައި މާލިކްގެ އަތުގައި ހިފަހައްޓައިލީމެވެ.

"އާދޭސްކޮށްފައި ބުނަން، އަހަންނަށް މައާފުކޮށްދީ!"

"ކައިރާއަށް އަހަރެން މައާފުކުރަންޖެހޭ ސަބަބެއް އެބައޮތްތަ؟ އަހަންނަކީ ކައިރާއަށް އެއްވެސް މީހެއް ނޫނެއްނުން؟ އެހެންވީމައި އަހަރެން  މާފުކުރިޔަސް ނުކުރިޔަސް ވަރިހަމަވާނެ ދޯ؟" ދެ ކޮނޑު އަރުވާލާފައި މާލިކް ބުންޏެވެ.

އަސަރުކުރި އެވެ. ނަމަވެސް އަހަރެންގެ މެދުހަށިން ހިތްވަރު ނެރުނީމެވެ.

"މާލިކް އަކީ އަހަންނަށް މުހިއްމު މީހެއް! އަހަރެންނާއި އަހަރެންގެ ދަރިފުޅަށްޓަކައި ތިޔަށްވުރެން މުހިއްމު އެހެން އިންސާނަކު ނެތް.. ސަބަބު ބުނެދޭކަށް ނޭންގޭ.. މާލިކް މިހައި މުހިއްމު ވަނީ ކީއްވެ ކަމެއް، އަދި މިހައި މުހިއްމު މީހަކަށް މާލިކް ވެގެންދިޔަ އިރެއްވެސް ބުނާކަށް ނޭގެ.. އެކަމަކު އަހަރެންގެ މި ހިތާއި މި ނަފުސަށް ތިޔަށްވުރެން މުހިއްމު އެހެން މީހަކު ނެތް!" އަހަރެންގެ ދުލުގައި އޮތް ގޮތަށް ބުނީމެވެ.

"އަހަރެން، ކައިރާއަށް މުހިއްމުވާ ސަބަބު ނޭނގެންޏާއި، ތިޔަ ކިޔާ އެއްޗެއްގައި މާނައެއް އެބައޮތްތަ؟" 

"އަހަރެން މިބުނަނީ ތެދު ހަގީގަތް!" 

"ތެދު ހަގީގަތެއްވިއްޔާ ސަބަބެއްވެސް އޮންނާނެ.. ކައިރާއަށް އެ ސަބަބުވެސް އެނގޭނެ.. އެހެން ނޫނީ ތިޔަ ދައްކަނީ ހުސް   ވާހަކަތަކެއް!" އަހަރެންގެ ލޮލަށް ބަލައިލާފައި އަސަރާއެކު އޭނާ ބުނެލި އެވެ. މާލިކްގެ އެ ބަލައިލުމުން އަހަރެންގެ ކަނދުރާއިން ހީނބިހި ހިލުވައިލި އެވެ.

"އަހަރެން މި ހަދަނީ ތެދު، މި ކުރެވޭ އިހްސާސްގެ ސަބަބެއް ނޭގޭ.."

އަހަންނަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭގެނީ ބާވައެވެ؟ ނޫނެކެވެ! ބުއްދި ސަލާމަތުން ހުރެ މި ދައްކަނީ ތެދު ހަގީގީ ވާހަކަތަކެކެވެ. އަހަރެންގެ އަނދިރި ހަޔާތުން، އަހަރެންގެ ދަރިފުޅާއެކު ނެރި އަލިކަމުގެ ތެރެއަށް ގެނެސްދިނީ މާލިކް އެވެ. އަހަރެންގެ އަމިއްލަ ހިތާމައާއި ކަޅު މާޒީގެ  ވޭނީ ޖަޒްބާތުގައި ރޭ ދުވާ ވެއަތު މިކުރަނީ އެހެން މީހެއްގެ އިހްސާސްތަކަށް ކުޑަވެސް އިހްތިރާމް ކުރުމެއް ނެތި އެވެ. އަހަރެން ނޫން އެހެން މީހަކު އަހަންނަށް މުހިއްމު ނުވަނީ ހެއްޔެވެ؟ އަހަންނަކީ އެހައި އަމިއްލަ އެދުން ބޮޑުމީހަކީ ބާވަ އެވެ؟

"ކައިރާގެ ހިތްދަތި ސަފްހާތަކާއި، ވިސްނާ ފިކުރުކުރަމުން ތިޔަގެންދާ ހިތާމަތަކުގެ އަސްލާއިމެދު އަހަންނާއި މަޝްވަރާކޮށް ވާހަކަދައްކަން އަހަރެން ނޭދެންތަ؟ ތަކުރާރުކޮށް ބުނިން އަހަންނާއި ހިއްސާކުރާށޭ!" މާލިކްގެ ހިތްހަމަނުޖެހުން އޭނާ ބުނެދިނެވެ. 

އެއީ ތެދެކެވެ.

އެއްބަސްވީމެވެ. ދެބަސްވެ ނުކިޔަމަންތެރި ވާންވީ ސަބަބެއް ނެތެވެ.

"އެ ހުރިހައި ކަމަކަށް އެދިގެން އާދޭސްކުރީމައިވެސް، ކައިރާގެ ހިތަށް އައިހާ އިހާނެތި ބަސްތައް އަހަންނާއި ދިމާއަށް ކިޔާފައި އެހައި ހުތުރު އިލްޒާމްތަށް އެޅުވީ ހަގީގަތުގައިވެސް ކައިރާއަށް އަހަންނަކީ އެއްވެސް މީހަކަށް ނުވާތީ!" އަސަރާއެކު މާލިކް ބުންޏެވެ. އޭނާގެ އިހްސާސްތަކާއި ތަހަންމަލް ކުރަމުންދިޔަ ހިތްދަތިކަން ސާފުކޮށް އެ ދެ ލޮލުން ފެނެ އެވެ.  

"އައެމް ސޮރީ މާލިކް!" މި ނޫން އެއްޗެއް އަހަރެންގެ އަތުގައި ނެތީ އެވެ. 

"އަހަރެން ނިންމި ނިންމުމަކީ، އަހަންނަށް ފަސެހަ ކަމެއް ނޫން..! އެކަމަކު ކައިރާއާއި ބީނިޝްއަށް ރައްކާތެރިކަން ދިނުމަށްޓަކައި މި ނޫން އެހެން ގޮތެއް އަހަންނަށް ނެތީމައި، ތި ދެމައިން މިގެއަށް ބަދަލުކުރީ.. ކައިރާއާއި ގުޅުން އޮތީ ކާކު ކަމެއް އަހަންނަކަށް ނޭންގޭ.. އެމީހަކު ބަލާކަށް ނުވަތަ އެނގޭކަށް އަހަރެން ބޭނުމެއްވެސް ނޫން..! އަހަރެން ދޮގެއް ނުހަދަން.. ތިޔަ ދެމައިންނަކީ އަހަރެންގެ ދުނިޔެ ކަމުގައި އަހަރެން ބުނީ ހިތާއި ނަފުސު އެކަން އެގޮތަށް ގަބޫލުކުރާތީ.. އަހަރެން ބީނިޝްދެކެ ވާ ލޯބި އެހެން މީހަކަށް އިހްސާސްވުން، ނުވުން އަހަރެންގެ ފަރުވާލެއް ނެތް! އަހަރެންގެ ބުނުމަކާއި ނުލައި ބީނިޝް އަހަންނަށް 'ބައްޕަ' ކިޔަށް ފެށުމަކީ، ކުޑަކުޑަކަމެއް ނޫން.. އެކަމަށް އަހަރެންގެ ހިތުގެ އަޑިން އުފާކުރަން.. ދުވަހަކުވެސް ބީނިޝް އަހަންނާއި ދުރަށް ދިއުމަކަށް މި ހިތަކުން ނޭދެވޭނެ.. ބީނިޝް އަހަރެން ގާތުގައި ބެހެއްޓޭނީ ކައިރާއާއިއެކު..! ކުޑަކުޑަ އެ ދަރިފުޅު މަންމައާއި ވަކިކުރާން އަހަރެންގެ ހިތަކަށް ކެތެއް ނުވާނެ.. އަހަރެން ބޭނުން ބީނިޝް! އަހަރެން  ބޭނުން ކައިރާވެސް!  އަހަންނަކީ އަމިއްލަ އެދުންބޮޑު އިންސާނެއެގެ ގޮތުގައި ސިފަކުރެވިދާނެ... އެކަމަށް އަހަރެންގެ ފަރުވާލެއް ނެތް... ކައިރާއާއި ބީނިޝްގެ ލޯތްބާއި އަޅާއިލުމާއި އޯގާތެރިކަންވެސް އަހަރެން ބޭނުން.. އެކަމަކު ތިޔަ ދެމީހުންގެ ލޯތްބާއި ނުލައިވެސް އަހަންނަށް ދިރިއުޅެވިދާނެ.. މިހެން ބުނާކަށް ޖެހިލުމެއް ނުވޭ..!"

ހިންދިރުވާލާފައި ހަމަޖެހިލެވޭތޯ މާލިކް މަސައްކަތްކުރި އެވެ.

ވާހަކަ މެދުކަނޑާލިޔަސް، އޭނާގެ މޫނުމަތީން ހަމަޖެހުމެއް ނުފެނުނެވެ. އަހަރެން އިންތިޒާރުކުރީ މާލިކްގެ ވާހަކަތައް ފަށާނެ ވަގުތަކަށެވެ.

"ބައްޕާއޭ ކިޔާފައި ބީނިޝް ގޮވައިލާ ކޮންމެ ފަހަރަކު ހިތުގައި އެ ޖަހައިލާ އުފާވެރި ވިންދާއި، އަހަރެން ފެނުމާއެކު ދުވެފައި އައިސް މި ދެ އަތުގެ ތެރެއަށް އެ ފުންމައިލާ އުފާވެރި އިހްސާސާއި، އަހަރެންގެ ކޮލުގައި ބީނިޝް ބޮސްދިނުމުން މުޅި މޫނުމައްޗަށް ވެރިވާ ހިނިތުންވުމުގެ އަގަކީ އަހަރެންގެ ބެންކްތަކުގައި ހުރި ނޫޓުތަކުގެ އަދަދުތަކުން ލިބިގަނެވޭނެ އުފާތަކެއް ނޫން.. ކޮންމެ ރެއަކު ބީނިޝްގެ 'ގުޑްނައިޓް ބައްޕާ'އަކީ އަހަރެންގެ އެދުވަހުގެ ދިރިހުރިކަމުގެ އިހްސާސް ފުރިހަމަކޮއްދޭ ވަގުތުކޮޅު..!" އަސަރާއެކު މާލިކް ވާހަކަދެއްކި އެވެ. އެ އަޑު އަހަން އަހަރެންގެ ހިތް ހިމޭންވި އެވެ. މާލިކްގެ އަޑުން އަހަންނަށް ލިބެމުން މިދާ އަމާންކަން އޭނާއަށް ބުނެދޭނީ ކިހިނެއް ހެއްޔެވެ؟

"ބީނިޝް ދެކެ ވަރަށް ލޯބިވޭ.. އެއީ އަހަރެންގެ އުފަންދަރިއެއް ނޫންކަމަށް އެންމެ ހިނދުކޮޅަކަށްވެސް އިހްސާސް ނުވޭ.. ކައިރާ،.... އަހަރެންގެ ބީނިޝްދެކެ، އަހަރެން ވަރަށް ލޯބިވޭ!"

އަސަރާއެކު މާލިކް ވާހަކަދައްކަމުން  ދިޔައިރު އޭނާގެ ދެ ތުންފަތް ތުރުތުރު އެޅުން މައިތިރި ކުރިޔަސް ލޮލުގެ ކަރުނައެއް ނުހިފެހެއްޓުނެވެ. ކަރުނަ ސިއްރުކުރާކަށްވެސް އޭނާ މަސައްކަތެއް ނުކުރެ އެވެ. އަހަރެންގެ ކުށް އަހަރެން ކުރިމަތީގައި އެނބުރިގަތެވެ. ލަދުވެތިކަމާއެކު ދަތްދޮޅި ތިރިކޮށްލާން މަޖުބޫރު ކުރަމުންނެވެ. ނަމަވެސް މިވަގުތު މާލިކްގެ ކުރިމަތީގައި އަހަރެން ހިތްވަރުކުރާންޖެހޭތީ، ކޮޅަށް ހުރީމެވެ. (ނުނިމޭ)

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;