މި ނަތީޖާއާއެކު ހަ ޕޮއިންޓު ހޯދައިގެން ދެވަނަ ބުރުގެ ފުރަތަމަ ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމަކަށް މެކްސިކޯ ވަނީ ވެފަ އެވެ. އެއީ، މެކްސިކޯ އިން ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓް ހޯދިއިރު، ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާ ދެކުނު ކޮރެއާ އިން މެކްސިކޯއާ ޕޮއިންޓުން އެއްވަރުކުރި ނަމަވެސް ހެޑް ޓު ހެޑް އިން ކުރި ލިބޭނީ މެކްސިކޯ އަށެެވެ.
އެސްޓަޑިއޯ އަކްރަންގައި ކުޅުނު މެޗުގައި މެކްސިކޯ އިން މެޗުގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 50 ވަނަ މިނިޓްގަ އެވެ. މިއީ، ދެކުނު ކޮރެއާގެ ކީޕަރު، ކިމް ސިންގް ޔޫ އަތުން ދޫވި ބޯޅައެއް ހޯދައި، ލުއިސް ރޯމޯ ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
ސައުތު އެފްރިކާއާ ދެކޮޅަށް ކުޅުނު މެޗުގައި މެކްސިކޯގެ ސެސާ މޮންޓޭސްއަށް ރަތް ކާޑު ދެއްކުމާ ގުޅިގެން މިއަދުގެ މެޗުގައި ހުރީ ސަސްޕެންޝަނެއްގައެވެ. އެ މެޗުގައި ގޯލު ޖެހި ދެ ކުޅުންތެރިން ކަމަށްވާ މެކްސިކޯގެ ތަރި ރައުލް ހިމެނޭޒް އަދި ހޫލިއަން ކިނިއޮނޭސް މިއަދުގެ މެޗުގެ ފުރަތަމަ 11 ގައި ވެސް ވަނީ ހިމަނައިފައެވެ.
މިއަދުގެ މެޗަށް ސައުތު ކޮރެއާގެ ފުރަތަމަ 11 ގައި ވެސް އެޓީމުގެ ތަރި އަދި ކެޕްޓަން ސޮން ހިއުން މިން އާއި ބަޔާން މިއުނިކަށް ކުޅޭ ކިމް މިން ޖޭގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަށް ކުޅޭ ލީ ކަންގް އިން ވަނީ ހިމަނައިފައެވެ. އިނގިރޭސިވިލާތުގެ ވުލްވްސްއަށް ކުޅޭ ހުވަން ހީ ޗޭން ފަށާފައިވަނީ ބެންޗުންނެވެ.
ދެކުނު ކޮރެއާ އިން އެންމެ ފަހު ވަގުތާ ހަމައަށް ގޯލެއް ޖެހޭތޯ އެޓޭކް ކުރަމުންދިޔަ ނަމަވެސް މެކްސިކޯ އިން ވަނީ ލީޑުހިފަހައްޓައިފަ އެވެ. ދެ ވަނަ ލަނޑެއް ޖަހަން މެކްސިކޯ އިން ވެސް އެޓޭކްތަކެއް ކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;