ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އެމެރިކާ އިން ވަނީ މެޗު ޑޮމިނޭޓްކޮށްފަ އެވެ. އެމެރިކާގެ ފުރަތަމަ ލަނޑަކީ އޮސްޓްރޭލިއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
އަދި މެޗުގެ 43 ވަނަ މިނެޓުގައި އެމެރިކާއިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޑެސްޓް ފޮނުވާލި ހަމަލާއެއް ބްލޮކްވުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ، ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން އެމެރިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެލެކްސް ފްރީމަން އެވެ.
ދެވަނަ ހާފުގައި ބަދަލުތައް ގެނެސްގެން އޮސްޓްރޭލިއާ އިން އެމެރިކާގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރި ނަމަވެސް މާ ރަނގަޅު ފުރުސަތުތަކެއް އެޓީމަށް ތަނަވަސްކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.
ރޭގެ މޮޅާއެކު ހަ ޕޮއިންޓް ހޯދައިގެން އެމެރިކާ އޮތީ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށް ގްރޫޕުގެ އެއްވަނައިގައި ހަމަޖެހިލައިފަ އެވެ. ގްރޫޕް ސްޓޭޖުގެ އެ ޓީމުގެ ފަހު މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ތުރުކީއާ ދެކޮޅަށެވެ.
އެމެރިކާ އިން ވަނީ އެންމެ ފަހުން ވާދަކުރި ތިން ވޯލްޑް ކަޕްގައި ވެސް ގަދަ 16 ބުރުގައި ކުޅެފަ އެވެ. އެއީ، ސައުތު އެފްރިކާގައި 2010 އާއި ބްރެޒިލްގައި 2014 އަދި ގަތަރުގައި 2022 ވަނަ އަަހަރު ބޭއްވި ވޯލްޑް ކަޕްތަކުގަ އެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް އެމެރިކާ ކޮލިފައިނުވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;