ފޭކު ސަނަދާއި ސަނަދު ފޯޖު ކުރުން ޖިނާއީ ބޮޑު ކުށަކަށް ހަދަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

Advertisement
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި އެފަދައިން ހުށައެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)އެވެ.
އެގޮތުން، ފޭކު ސެޓުފިކެޓުތަކާއި ސަނަދުތައް ހުއްޓުވުމަށް ހުރި ގޮންޖެހުންތަކާއި ހައްލުކުރަން މަޖިލީހަށް ކުރެވިދާނެ ކަންކަން މެންބަރުގެ ސިޓީގައި ކިޔައިދެއްވާފައި ވެއެވެ. އޭގެތެރެއިން ބައެއް ކަންކަމަކީ:
- ދަރިވަރުންނަށް ލިބެން ޖެހޭ ފުރިހަމަ އިލްމާއި ހުނަރުތައް ނުލިބި، ހަމައެކަނި ރަމްޒީ ސަނަދެއް ލިބުން
- ކިޔަވައިދޭ މާއްދާތަކަކީ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގެ މިންގަނޑަށް ފެތޭ އެއްޗަކަށް ނުވުން
- ސެޓުފިކެޓުތަކާއި ސަނަދުތައް ގެންގުޅުން ޖިނާއީ ބޮޑު ކުށަކަށް ހަދައި ބޮޑު ޖޫރިމަނާއެއް ކަނޑައެޅުން؛ މިފަދަ ކުށް ކުރާ ފަރާތްތަކަށް މިހާރު ކަނޑައެޅިފައި އޮންނަ އަދަބަކީ 1 އަހަރާއި ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް، ޖޫރިމަނާއަކީ 10،000ރ. ބޮޑު ނޫން އަދަދެއް
- ސަނަދެއް އޮތަސް، މަސައްކަތަށް ބޭނުންވާ އަމަލީ ހުނަރު މުވައްޒަފުންގެ ކިބައިގައި ނެތުން
- ތައުލީމީ މަރުކަޒުތަކުން ނިކުންނަ ދަރިވަރުންނާމެދު ވަޒީފާދޭ މީހުންގެ މެދުގައި އިތުބާރު ކުޑަވުން
- އެއްވެސް އަގެއް ނެތް ސަނަދެއް ހޯދުމަށް ބުރަ މަސައްކަތުން ހޯދާ ފައިސާ ހަރަދުކުރެވުން
- ރާއްޖޭގެ މަތީ ތައުލީމުގެ ނިޒާމުގެ އަގުވެއްޓި، ރާއްޖޭގެ ސަނަދުތައް ބޭރު ގައުމުތަކުން ބަލައިނުގަން ހާލަތަކަށް ދިޔުން
- އެކްރެޑިޓްކޮށްފައިވާ މުއައްސަސާތަކާއި ކޯސްތަކުގެ ލިސްޓު އަބަދުވެސް އަދާހަމަކޮށް ފެންނަން ބެހެއްޓުން
- ސަނަދުގެ ސަައްހަކަން ބަލަހައްޓަން، ސަނަދުތައް ފަސޭހައިން ޗެކުކުރެވޭނެ އޮންލައިން ނިޒާމެއް ގާއިމުކުރުން
ރާއްޖޭގައި އާންމު މި މައްސަލަ ހުއްޓުވުމަށް ދަރިވަރުންނާއި މަޖިލީހާއި އެމްކިއުއޭއަށް ކުރެވިދާނެ ކަންކަން ވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ.
ފުލުހުން މީގެ ކުރިން އާންމުކޮށްފައިވާ ގޮތުގައި، ވަޒީފާ އާއި މަތީ ތައުލީމު ހޯދުމަށް ސައްހަ ނޫން ތައުލީމީ ސެޓްފިކެޓް ހުށަހެޅުމުގެ ގިނަ މައްސަލަތަކެއް އެ އިދާރާއިން ދަނީ ތަހުގީގުކުރަމުންނެވެ.
ސައްހަ ނޫން ތައުލީމީ ސަނަދުތައް ބޭނުންކޮށްގެން، މުހިއްމު ދާއިރާތަކުން ވަޒީފާ ހޯދައިގެން މީހުން އުޅޭ ކަމަށް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.