އެމެރިކާގެ މަޔާމީ ސްޓެޑިއަމްގައި ކުޅުނު މެޗުގެ ހަތް ވަަނަ މިނެޓްގައި ސްކޮޓްލެންޑްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި، ވިނީޝަސް ޖޫނިއާ ވަނީ ބްރެޒިލަށް ލީޑު ނަގައިދީފަ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ބްރެޒިލްގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ވިނީޝަސް އެވެ. މި ދެ ގޯލާއެކު މިފަހަރުގެ ވޯލްޑް ކަޕްގައި ވިނީޝަސް ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ ހަތަރަކަށް އަރައިފަ އެވެ.
ދެވަނަ ހާފަށް ސްކޮޓްލެންޑުން ކެޕްޓަން އެންޑީ ރޮބަޓްސަން ނުލައި ނުކުމެ ކުޅުން ރަނގަޅުކުރަން މަސައްކަތްކުރި ނަމަވެސް، ބްރެޒިލްގެ ހަމަލާތައް މާ ނުރައްކާތެރިއެވެ.
މެޗުގެ 60 ވަނަ މިނިޓްގައި ގިމާރޭސް ދިން ބޯޅައަކުން މަޓެއުސް ކޫންޏާ ވަނީ ބްރެޒިލްގެ ތިންވަނަ ލަނޑު ޖަހާފައެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ތިންވަނަ ގޯލެވެ.
ގްރޫޕް ސީގެ އެއްވަނަ ލިބުމާ އެކު މިހާރު ތާވަލް އޮތް ގޮތުން ނޮކްއައުޓް ބުރުގައި ބްރެޒިލް ކުޅެން ޖެހޭނީ ގްރޫޕް އެފްގެ ޖަޕާން ނުވަތަ ނެދަލެންޑްސްއާ އެވެ.
ރޭ ކުޅުނު ހައިޓީ އާއި މޮރޮކޯ މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވަރު ވެގެންނެވެ. މި ހާފުގައި މޮރޮކޯ ޖެހުނީ ދެ ފަހަރު ވެސް ފަހަތުން އަރައި އެއްވަރު ކުރާށެވެ، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަޝްރަފް ހަކީމީ އާއި އިސްމާއިލް ސައިބަރީ އެވެ. ސައިބަރީ ވަނީ ގުރޫޕް ސްޓޭޖުގެ ތިން މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.
ހައިޓީ އަށް ފުރަތަމަ ލީޑު ލިބުނީ މޮރޮކޯގެ ކީޕަރު ޔަސީން ބޫނޫ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ދެވަނަ ފަހަރަށް ލީޑު ނަގައިދިން ލަނޑު ޖެހީ ވިލްސަން އިސިޑޯ އެވެ.
މެޗު ނިމެން 12 ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް މޮރޮކޯގެ މޮޅުވި ލަނޑުތައް ޖަހައިދިނީ ސުފިއާން ރަހީމީ އާއި ޖާސީމް ޔާސީން އެވެ.
އަޝްރަފް ހަކީމީ އާއި މޮރޮކޯގެ ކުޅުންތެރިން ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ - ފޮޓޯ: އޭއެފްޕީ
މޮރޮކޯ ވެސް ކުޅެން ޖެހޭނީ މީގެ ތެރެއިން ކޮންމެވެސް ޓީމަކާ އެވެ. ގްރޫޕް އެފްގެ ފަހު ދެ މެޗަށް ނުކުންނަ އިރު ނެދަލެންޑްސް އާއި ޖަޕާން ވަނީ ހަތަރު ޕޮއިންޓުން އެއްވަރުވެފަ އެވެ.
މިރޭ ކުޅުނު ގްރޫޕް ބީގެ ފަހު ދެ މެޗުގެ ތެރެއިން ކެނެޑާ 2-1 އިން ބަލިކޮށް ހަތް ޕޮއިންޓާ އެކު އެއްވަނަ ހޯދީ ސްވިޓްޒަލެންޑެވެ. ކެނެޑާ އާއި ބޮސްނިއާ ހަތަރު ޕޮއިންޓުން އެއްވަރުވި ނަމަވެސް ފައިދާ ފަސް ގޯލު އޮތުމާ އެކު ދެވަނަ ޓީމުގެ ގޮތުން ގަދަ 32އަށް ދިޔައީ ކެނެޑާ އެވެ.
އެކަމަކު ބޮސްނިޔާ ވެސް ތިން ވަނަ ހޯދާ ގަދަ އަށް ގައުމުގެ ތެރޭގައި ހިމެނި ނޮކްއައުޓް ބުރަށް ދިއުން ވަރަށް ކައިރި އެވެ. މި ވަގުތު ބޮސްނިއާ އޮތީ އެންމެ ރަނގަޅު ނަތީޖާއެއް ލިބުނު ތިން ވަނަ ޓީމުތަކުގެ ތެރެއިން އެއް ވަނައިގަ އެވެ.
ކުރީ އަހަރުތަކާ ހިލާފަށް މި އަހަރުގެ ވޯލްޑް ކަޕްގެ ނޮކައުޓް ބުރު ފެށެނީ ގަދަ 32 ޓީމާ އެކު އެވެ. މިއާ އެކު ގުރޫޕް ތަކުގެ އެއްވަނަ އަދި ދެވަނަ ޓީމުގެ އިތުރުން، ގުރޫޕް ތަކުގެ ތިންވަނަ އަށް ދާ ޓީމު ތަކުގެ ތެރޭން ގަދަ އަށް ޓީމު ނޮކައުޓް ބުރަށް ދާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;