މި އެކްސްޕޯ ބާއްވާފައިވަނީ މިމަހުގެ 2 އިން 4 އަކަށެވެ. 9 އަހަރަށްފަހު ބޭއްވި މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަކީ މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު އެކްސްޕޯކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ބުނެ އެވެ.
މި އެކްސްޕޯ ހުޅުއްވައިދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ. ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށް ދިޔަ މި އެކްސްޕޯގައި މާލީ ދާއިރާގެ 30 ފަރާތަކުން ބައިވެރިވި އެވެ. މިއަހަރުގެ އެކްސްޕޯގެ ޝިއާރަކީ "ދެމެހެއްޓެނިވި މުސްތަގުބަލަކަށް ބާރުވެރިކުރުވުން: އެންމެންގެ ބައިވެރިވުން، އީޖާދުވެރިކަން އަދި ފަންނީ ހުނަރު". އެވެ.
މި އެކްސްޕޯގެ ތެރެއިން އާދައިގެ ސޭވިންގް އެކައުންޓެއް ހުޅުވުމުން ފެށިގެން، ލޯނަކަށް އެދުމާއި، އިންޝުއަރެންސް ނެގުމާއި އަދި މުސްތަގުބަލަށްޓަކައި މާލީ ކަންކަން ރޭވުން ފަދަ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ވަނީ ފޯރުކޮށްދީފަ އެވެ. އަދި އެމީހެއްގެ ބޭނުންތަކަށް އެންމެ އެކަށީގެންވަނީ ކޮން ހިދުމަތެއްކަން ދެނެގަތުންފަދަ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ. މި އެކްސްޕޯގައި 38 ސްޓޯލެއް ވަނީ ބަހައްޓާފަ އެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އެންމެ ފަހުން ބޭއްވީ 2017 ވަނަ އަހަރު އެވެ. ފައިނޭންޝަލް އެކްސްޕޯގެ ސަބަބުން މާލީ ދާއިރާގެ ހުރިހާ ފަރާތްތަކެއް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، އާންމުންނަށް ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކާއި، ރެގިއުލޭޓަރީ އިދާރާތަކާ ސީދާ މުއާމަލާތްކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;