ފުލުހުން ބުނިގޮތުގައި އުމުރުން 11 އަހަރާއި 12 އަހަރުގެ ދެ ކުދިން ސަލާމަތް ކުރީ، އާއްމުންގެ މީހަކާއި ފުލުހަކު ފަތާފައި ގޮހެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ އެ ސަރަހައްދުގައި ހުރި އަންހެނެއްގެ ފަރާތުންނެވެ. މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ރަށުގެ ގޮނޑުދޮށުން ފެށިގެން ގާތްގަނޑަކަށް 100 މީޓަރު ދުރުގައި ދެ ކުއްޖަކު ގެނބެމުންދާ މަންޒަރު ފެނިފައި ވެއެވެ.
އެ ދެ ކުދިން ސަލާމަތްކުރުމަށްޓަކައި ޕޮލިސް ކޮންސްޓަބަލް އިބްރާހީމް ނަބީހް އާއި އެ ރަށު އާންމު ފަރާތެއް ކަމަށްވާ އއ. ހިމަންދޫ/ ދިލާސާގެ މުހައްމަދު އާހިލް ވަނީ ވަގުތުން މޫދަށް ފުންމާލައި، ފަތާފައި ގޮސް އެ ކުދިން ތިބި ސަރަހައްދަށް ގޮސްފަ އެވެ.
ފުލުހުން ބުނި ގޮތުގައި، ކުދިން ސަލާމަތްކުރުމުގެ މަސައްކަތުގެ ތެރޭގައި އެ ކުދިންނަށް ކޮންމެވެސް ވަރަކަށް ލޮނު ބޮވިފައިވެ އެވެ. ނަމަވެސް އެ ކުދިންގެ ހާލު ސީރިއަސް ނޫން ކަމަށާއި، ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެ އެވެ.
މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް މޫދަށް އެރި އުޅުމުގައި ސަމާލުވުމަށާއި، ކުޑަކުދިން މޫދަށް އެރި އުޅޭއިރު ބޮޑެތި މީހުންގެ ބެލުމުގެ ދަށުން އެކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ފުލުހުން އިލްތިމާސްކުރެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;